ޖަރުމަނުވިލާތުގެ މިއުނިކްގައި މިދިޔަ މަހު ތެރޭގައި އެއްޗެއް ގޮވައި ހިނގި ހާދިސާއެއްގައި ފިހިގެން، ހާލު ސީރިއަސްވެ ފަރުވާ ދެމުން ދިޔަ، ދިވެހި ޒުވާނާ މިއަދު މަރުވެއްޖެއެވެ.

މިދިޔަ މަހުގެ 8 ވަނަ ދުވަހު ޖަރުމަންވިލާތުގައި އެއްޗެއްް ގޮވައި ހިނގި ހާދިސާއެއްގައި ބޮޑެތި ސީރިއަަސް އަނިޔާތަކެއް ލިބި، ވެންޓިލޭޓަރުގައި ފަރުވާ ދެމުން ގެންދަނިކޮށް މަރުވީ ބ. ތުޅާދޫއަށް ނިސްބަތްވާ ފައްޔާޒް ދާއޫދެވެ. އޭނާ މަރުވީ ޖަރުމަނުވިލާތުގެ މިއުނިކް ސިޓީގައި ހުންނަ ބޮގޭންހައުސަން ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.

ފައްޔާޒަށް މީގެ ކުރިން ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އޭނާގެ ޞިއްޙީ ޙާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވުމުން ވެންޓިލޭޓަރުން ވެސް ނެގިއެވެ. އެހެން ނަމަވެސް މިއަދު ކުއްލިއަކަށް އޭނާގެ ޙާލަތު ގޯސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް އޭނާ މަރުވީއެވެ.

މި ހާދިސާގައި ފައްޔާޒުގެ ހަށިގަނޑުގެ 50 އިންސައްތަ އަނދާފައިވާއިރު، ފައިގެ ކުޑަކަޅުވާއަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، އަދި އޭނާގެ ސިކުނޑިއަށްވެސް އޭގެ ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މިހާދިސާގައި މަރުވި ފައްޔާޒަކީ އެންމެ ފުރަތަމަ ރާއްޖޭގައި އުފެދުނު ކައިޓްސާފަރުންގެ ތެރޭ ހިމެނޭ މީހެކެވެ. ފައްޔާޒް ޖަރުމަނުގައި ދިރިއުޅެމުން އައީ އެ ގައުމުގެ ރައްޔިތަކާ ކައިވެނިކޮށްގެންނެވެ.



ކިޔުންތެރިންގެ ހިޔާލު