ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއި ލޯނު ދިނުމުގެ ސްކީމެއް ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ހުޅުވާލަން އަންގަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މި ސްކީމަކީ ރައީސް މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވަޢުދެކެވެ.

ރައީސް މުޢިއްޒު މިރޭ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ލޯން ސްކީމް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ. މި ލޯން ސްކީމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކުރުމާއި، ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާގައި ދިވެހި ޒުވާނުންނަށް އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި މި ސްކީމް ޑިޒައިންކޮށްފައިވަނީ، މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އަދި އެންޓަރޓެއިންމަންޓްގެ އިތުރުން ސޭލްސްއާއި މާކެޓިންއަށް ޚާއްސަ ކޮންޓެންޓްގެ ދާއިރާއަށްވެސް ފުރުސަތު ލިބޭގޮތަށެވެ. ރައީސް ވިދާޅުވީ، މި ސްކީމް ކުރިޔަށް އޮތް 2 ހަފްތާ ތެރޭގައި ހުޅުވާލުމަށް އެމަނިކުފާނު ކަމާ ގުުޅުންހުރި ފަރާތްތަކަށް މިހާރު އަންގަވާފައިވާ ކަމަށެވެ. މި ސްކީމްގެ ސަބަބުން ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބި، އެ ދާއިރާ އިތުރަށް ކުރިއަރާނެ ކަމަށް އުންމީދުކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު