ޞާދިރު ޢަލީދީދީ   22 ސެޕްޓެމްބަރު 2020 - 14:55
ދިޔަރެސް
ދިޔަރެސް
އެޕިސޯޑް 05

...............

[ފިރާ...އަހަރެންވެސް އުޅެނީ މީހަކާ އިނދެގެން. ފިރާ މީހަކާ އިނަސް މައްސަލައެއް ނޫނެއްނު. ފިރާ ވަރަށް ހާސްވެއްޖެދޯ ފިރިމީހާއަށް ކިޔައިދޭނަމޭ ބުނީމަ...އެނގެއެއްނު އަހަރެން ފިރާއަށް ދެރައެއް ނުދޭނެކަން.] ޒިއާމް ފިރާޝާގެ އަތުގައި ހިފަހައްޓާލިއެވެ.

[އޭތް މީހަކަށް ފެނިއްޖެއްޔާ....] ފިރާޝާ ގެޔަށް ވަންނަން ހިނގައިގަތެވެ.

[އަހަރެން ވަންނަންތަ؟] ޒިއާމް އެއްސެވެ. ފިރާޝާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ފިރާޝާގެ ފަހަތުން ޒިއާމްވެސް ވަނެވެ.

[ނާދިޔާ.....] ފިރާޝާ ގެޔަށް ވަންނަމުން ނާދިޔާއަށް ގޮވިއެވެ.

ކޮޓަރިން ނުކުތީ މަންމައެވެ.

[އެމަންޖެއަށް އޮތީ ނިދިފައި. މިހާރު ކުޑަކޮށް ރަނގަޅުހެން ހީވަނީ....ކޮބާ މުޢާޒު....އެކަނިތަ ތިއައީ؟] މަންމައަށް ފަހަތުން ވަން ޒިއާމް ފެނުނީ ދެނެވެ.

[މުޢާޒުވީ ރައްޓެއްސަކާއެކު ކޮންމެވެސް ތާކަށް ގޮއްސަ. އަހަރެން އައީ ޒިއާމާއެކު.] ފިރާޝާ މަންމައަށް ދޮގުހެދިއެވެ.

[މަންމަ ދީބަލަ އަހަރެންގެ ކޮޓަރީގެ ތަޅުދަނޑި. އަލަމާރީގައި އޮތް ފޮތެއްވެސް ބަލައޭ މިއައީ.] ތަކުރާރުވީވެސް ދޮގެކެވެ. މަންމަ ޢާރިފާ ތަޅުދަނޑި ދިނެވެ.

[މަންމަ އެބަ ޚިޔާލުކުރަން، ތި ކޮޓަރި ކުއްޔަށް ދޭން. އިއްޔެގައިވެސް ބަޔަކު އައި ކޮޓަރި ހިފަން...އެކަމަކު ދަރިފުޅުގެ ލަފާ ހޯދާފައި ނޫނީ ކުއްޔަށް ނުދޭންވެގެން، އިއްޔެ އައި މީހުންނަށްވެސް ނުދިނީ.] ޢާރިފާ ފިރާޝާއަށް އޭނާގެ ޚިޔާލު ހުށަހެޅިއެވެ.

[މަންމައަށް ފެންނަ ގޮތަކަށް ނިންމާ.] ފިރާޝާ ކޮޓަރިއަށް ވަނެވެ. ފަހަތުން ޒިއާމްވެސް ވަނެވެ.

[ކޮޓަރި ކުއްޔަށް ދިނީމަޔޯ؟] ކޮޓަރިއަށް ވަނުމަށްފަހު ޒިއާމް ބުންޏެވެ.

[އެކަމަކު މަންމައާ ދެކޮޅަށް އަހަރެން ކުރާނީ ކީއް. އަހަންނަށްވެސް މިހާރު އެއްބަސްވެވިއްޖެ.] ފިރާޝާ ދޮރު އެތެރެއިން ތަންޑު އެޅުވުމަށްފަހު އެނދުގައި އިށީނެވެ.

މުޢާޒު ގަޑިއަށް ބަލައިލިއެވެ. އޭނާ ހަނދާންވީ ކުއްލިއަކަށެވެ. ފިރާޝާ ބަލައިދާންޖެހޭ ކަމެވެ. މިހާރު އޭނާ އެގޮތަށް ޢުބޭދާ ވާހަކަ ދައްކަން ޢުބޭދުގެ ގޭގެ ސިޓިންގރޫމްގައި އިންނަތާ ގަޑިއެއްހާއިރު ވެދާނެއެވެ.

[އޭތް އަހަރެން ދަނީ. މިހާރު ފިރާ ހުންނާނެ އަހަންނަށް ލަސްވެގެން.] މުޢާޒު ނުކުތެވެ. މުޢާޒަށް އެގެޔާ އަރާ ހަމަވެވުނު ވަގުތަކީ ޒިއާމް އެގެއިން ނުކުތް ވަގުތެވެ. ޒިއާމް ނުކުތްތަން މުޢާޒު ދުށްޓެވެ. ނަމަވެސް މުޢާޒަކަށް އެކައްޗެއްވެސް ނުވިސްނުނެވެ. މުޢާޒު ގެޔަށް ވަންއިރު ބޮޑުކޮޓަރީގައި އިނީ ފިރާޝާ އެކަންޏެވެ.

[އެދިޔައީ ކާކު؟] މުޢާޒު މި ސުވާލު ކުރީ އެއްޗެއް ހިތަށްއަރައިގެނެއް ނޫނެވެ.

[ކުއްޔަށްދޭ ތަނެއް ހުރިތޯ އައި މީހެއް. އަހަރެން ބުނިން، އަހަރެންގެ ކޮޓަރި ތިންހާސް ފައްސަތޭކައަށް ދީފާނަމޭ.] ފިރާޝާ ފުރަތަމަފަހަރަށް ފިރިމީހާއަށް ދޮގުހެދިއެވެ.

[އެކޮޓަރި ތިންހާސް ފައްސަތޭކައަށް؟] މުޢާޒުގެ އަނގަ ހުޅުވުނެވެ.

[ކިހިނެއްވީ؟ ކުލި ބޮޑުކޮށްކީ ވަރަކަށްނު، ގިނަ ފައިސާ ލިބޭނީ. އެހެން ނޫނަސް އަހަރެމެން ކިތަންމެ ބޮޑު ކުއްޔެއް ކިޔަސް ނުހިފާ ކީއްކުރާނީ.] ފިރާޝާގެ ހުރީ މާލޭގެ ގެދޮރު ތިބޭ މީހުންގެ ޚިޔާލެވެ. ނަމަވެސް އެއީ މުޢާޒު މާ ރުހޭ ސިފައެއް ނޫނެވެ.

[އެކަމަކު ފިރާޝާ ކިޔަންވާނީ އެތަނަކާ އެކަށީގެންވާ ކުއްޔެއްނު. ހެޔޮނުވާނެ އެހާބޮޑު ކުއްޔަކަށް އެތަންދޭކަށް. އެއީ އެންމެ ބާރަފޫޓް އަށްފޫޓްގެ ކޮޓަރިއެއް.] މުޢާޒު ފިރާޝާގެ ގާތުގައި އިށީނެވެ.

[ދާންވީތަ؟] މުޢާޒު އިށީނުމުން ފިރާޝާ އެހިއެވެ. އެހާ ހިސާބުން މަޥުޟޫޢު ބަދަލުވިއެވެ.

[ވަރިހަމަ ކޮބައިތަ ކޮއްކޮ. ބަލި ރަނގަޅުވެއްޖެތަ؟] މުޢާޒު ތެދުވިއެވެ. އެވަގުތު ޢާރިފާ އެތަނަށް އައިސް ހުއްޓުނެވެ.

[ކޮއްކޮއަށް އޮތީ ނިދިފަދޯ މަންމާ.] ފިރާޝާ މަންމައަށް ދޯދިނެވެ.

[ހިނގާ ދާން...މަންމާ އަހަރެމެން ދަނީ.] ފިރާޝާވެސް ތެދުވިއެވެ.

[ކޮންމެވެސް އެއްޗެއް ބޮއިގެން ދާން މަޑުކުރަންވީނު.] މަންމަ އެދުނެވެ.

[ނޫނޭ މަންމާ...އަހަރެން ދެންމެ ރައްޓެއްސަކާއެކު ސައިބުއީ. ފަހުން ސައިބޯން އަންނާނީ.] އިންކާރު ކުރީ މުޢާޒެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް މުޢާޒާއި ފިރާޝާގެ ކައިވެންޏަށް އެއްމަސް ފުރިއްޖެއެވެ. އެދުވަސްވަރަކީ މުޢާޒު ވަޒީފާގައި ވަރަށް ބުރަކޮށް އުޅުނު ދުވަސްވަރެކެވެ. އޭނާ ގިނަ ވަގުތު ހޭދަކުރަނީވެސް މަސައްކަތުގައެވެ. އެހެން ނަމަވެސް، ފިރާޝާ އެކަމާ ޝަކުވާއެއް ނުކުރެއެވެ.

[މުޢާޒު ވަގުތެއް ނުވާނެދޯ. އަހަރެން މިއަދު މަންމައާއެކު ހޮސްޕިޓަލަށް ދާނަން އިނގޭ.] ފިރާޝާ މުޢާޒާ ވާހަކަ ދެއްކީ މުޢާޒު ކާން ގެޔަށް އައި ވަގުތުއެވެ.

[އާނ އަދިވެސް ބައިވަރު މަސައްކަތްތައް އެބަހުރި. ފިރާދޭ މަންމަ ގޮވައިގެން. ކަމެއް ގޯސްވެއްޖެއްޔާ ގުޅާތި. އެހެން ނޫނީ ފިރާދޭ މި ފޯނު ހިފައިގެން. އަހަރެން އޮފީހުން ގުޅާނަން.] މުޢާޒު ފިރާޝާގެ ބޮލުގައި ފިރުމާލުމަށްފަހު ގެއިން ނުކުތެވެ.

ފިރާޝާ މައިދައިތަ ގޮވައިގެން ދިޔައީ އޭ.ޑީ.ކޭ ހޮސްޕިޓަލަށެވެ. އަންހެނުންގެ ޑޮކްޓަރަކަށް އޭނާ ދެއްކުމަށްޓަކައެވެ.

[ފުރަތަމަ ފަހަރަށްތަ؟] ޑޮކްޓަރ ޕްރިޔަންކާ ފިރާޝާ ބެލުމަށްފަހު އެއްސެވެ. ފިރާޝާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެފައި، އިސާޖަހާލީ ގާތުގައި މަންމަ ހުރީތީކަން ކަށަވަރެވެ. އެއީ ތަރުޖަމާނު ކޮންމެވެސް ކަމެއްގައި ބޭރަށް ޖެހިލި ވަގުތެކެވެ.

[ބަނޑަށް ހަތް ހަފްތާ.] ޕްރިޔަންކާ ބުންޏެވެ. ފިރާޝާ ހީލިއެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި، އެ ހިނިތުންވުން ނުތަނަވަސްކަމަށް ބަދަލުވިއެވެ. ނަމަވެސް، މަޖުބޫރީ ޙާލަތަށްޓަކައި އޭނާ ތުންފަތަށް އަނެއްކާވެސް ހިނިތުންވުމުގެ އަސަރު ވެރިކުރުވިއެވެ.

[އަހަރެން ވަރަށް އުފާވެއްޖެ.] މުޢާޒު ވާހަކަ ދެއްކީ ޢުބޭދާއެވެ. ޙަޤީޤަތުގައި މެންދުރު ޑޮކްޓަރު ޕްރިޔަންކާ ދިން އުފާވެރި ޚަބަރު ރަޙްމަތްތެރިޔާއަށް ދިނުމަށްޓަކައި މުޢާޒު ހުރީ ކެތްމަދުވެފައެވެ. ގޭދޮރު ކައިރީ މަގުމަތީ ތިބެގެން އެވާހަކަ ފެށުނީވެސް އެހެންވެގެންނެވެ.

[ކޮންކަމަކާ....؟] ޢުބޭދު އެއްސެވެ.

[އަހަންނަށް...ކިޑެއް ލިބެން އުޅެނީ....] މުޢާޒު ހުރީ އިންތިހާއަށް އުފާވެފައެވެ.

[ނާ ހަމަ ތެދެއް...އަހަރެންވެސް ތި އުފާވެރިކަން ޙިއްޞާކުރަން މުޢާޒެކޭ އެއްވަރަށް.] ޢުބޭދު އެތެރެއަށް ވަންނަން ހިނގައިގަތެވެ.

[އޭތް އަހަރެން ދެން ދަނީ. މިވަގުތު ނުވަދެވޭނެ. ހަމައެކަނި މިވާހަކަ ބުނެލަން މިއައީ.] މުޢާޒު ސައިކަލަށް އަރާ ދުއްވާލިއެވެ.

ގެޔަށް ވަންއިރު މަންމައާއި ބައްޕަގެ އިތުރުން ކޮއްކޮވެސް އޭނާ ބައްޕައަކަށްވާތީ، އުފާ ފާހަގަކުރަމުން ދަނީއެވެ. މި އެންމެން އުފާކުރަމުންދާއިރުވެސް ފިރާޝާ އެންމެ އެކަށީގެންވާ ވަރަށް އުފާވެރިކަން ޙިއްޞާ ނުކުރާކަން ދޮރުމަތީގައި މަންޒަރު ބަލަންހުރި މުޢާޒަށް ކޮންމެވެސްވަރަކަށް ފާހަގަކުރެވުނެވެ. އެކަމާ އޭނާ ސުވާލުކުރީ އެރޭ ކޮޓަރީގައި ތިބެއެވެ.

[ފިރާ އުފަލެއް ނުވޭދޯ؟] މުޢާޒު އެނދުގައި އޮށޯންނަމުން އެއްސެވެ.

[ކީއްވެ ތިޔަހެން ތިބުނީ؟] ފިރާޝާ ސިއްސައިގެންދާފަދަ ގޮތަކަށް އެއްސެވެ.

[ކަމެއްނުވޭ....ހީވަނީ؟] މުޢާޒް ފިރާޝާ ގެނެސް އޭނާގެ ބަނޑުގައި އަތް ކާއްތާލިއެވެ.

[އަހަންނަށް ލިބިފައިވާ އުފާތައް ބަޔާންކުރަންވެސް ދަތި.] ފިރާޝާ މުޢާޒުގެ މޭގައި ބޯއަޅައިގެން އޮށޯވެލިއެވެ. މުޢާޒު ހިނިތުންވެލިއެވެ.

[އަހަރެންގެ އުފާވެރިކަން މުޢާޒަށް އަހަރެން ބަޔާންކޮށްދޭނީ ކިހިނެއް ކަމެއްވެސް އަހަންނަކަށް ނުވިސްނޭ.] ޙަޤީޤަތުގައި ފިރާޝާގެ އުފާވެރިކަން ވަނީ އިންތިހާއަށް ގޮސްފައެވެ.

[ފިރާ ބޭނުމީ ކޮންކަހަލަ ކުއްޖެއްތަ؟ ފިރިހެން ކުއްޖެއްތަ ނޫނީ އަންހެން ކުއްޖެއްތަ؟] މުޢާޒު ފިރާޝާގެ ބަނޑުގައި އަތްޖައްސާލިއެވެ.

[ފިރިހެން ކުއްޖެއް އަހަންނަށް ރަނގަޅީ. އަންހެން ކުދިން ތަރުބިއްޔަތު ކުރަންވެސް ތަންކޮޅެއް އުނދަގޫވާނެ.] ފިރާޝާ ބުންޏެވެ.

[އަހަންނަށްވެސް އެންމެ ރަނގަޅީ ފުރަތަމަ ފިރިހެން ކުއްޖެއް ލިބިއްޖެއްޔާ....ވަރިހަމަ އަހަރެމެން ތައްޔާރުވާނީ ފިރިހެން ކުއްޖަކަށްދޯ؟] މުޢާޒުވެސް ބޭނުންވީ ފިރާޝާ ބޭނުންވިގޮތެވެ. ފިރާޝާ ހިނިތުންވެލިއެވެ. ފިރާޝާ ބޯޖަހާލިއެވެ.

ދެން ފާއިތުވެދާން ފެށި ދުވަސްތަކުގައި ފިރާޝާއަށް މުޢާޒުގެ ޢާއިލާގެ މެންބަރުންގެ ފަރާތުން އިހުނަށްވުރެވެސް ލޯތްބާއި އޯގާތެރިކަން ލިބެމުންދެއެވެ. މުޢާޒުގެ މަންމަ ހުންނަނީ ފިރާޝާ ބަދިގެޔަށް ވަނަސް ހިތްހަމަނުޖެހިފައެވެ.

[ދަރިފުޅާ....ދަރިފުޅު ބަދިގެޔަށް ނުވަނަސް މަންމައަކަށް ބުރައެއް ނުވާނެޔޭ....އެހެން ނޫނަސް ފުރަތަމަފަހަރަށް ބަލިވެއިންނައިރު މާ ބުރަކޮށް މަސައްކަތް ކުރާކަށް ނުވާނެ. ދަރިފުޅުދޭ އޮށޯންނަން.] ޙަފީޒާ ނުހަނު ލޯތްބާއެކު ފިރާޝާގެ ބޮލުގައި އަތްކާއްތާލިއެވެ.

[އެކަމަކު މަންމާ...އެއީ ދެން އެހާވަރު ކަމެއް ނޫނޭ.] މަންމަގެ އޯގާތެރިކަން ލިބެމުންދާވަރާމެދު ފިރާޝާ ހުރީ ވަރަށް އުފާވެފައެވެ.

[ދަރިފުޅު ތިހެން ތިބުނަނީ ސިކުނޑި ޅަކަމުން. އަދި ދަރިފުޅުމެނަށް ކަމުގެ ބޮޑުމިނާއި ކުޑަމިން ނުވިސްނެނީ.] ޙަފީޒާ ފިރާޝާގެ އަތުގައި ހިފައިގެން ގޮސް ގޮނޑިއެއްގައި ބޭންދިއެވެ. މުޢާޒުގެ އަނބިމީހާއަށް މަންމައާއި ބައްޕަގެ ފަރާތުން ލިބެމުންދާ އޯގާތެރިކަމުގެ ސަބަބުން މުޢާޒު ހުންނަނީ ވަރަށް ބޮޑަށް އުފާވެފައެވެ. އޭގެ ސަބަބުން އޭނާގެ ހިތުގައި މައިންބަފައިންނަށްޓަކައި އިތުރު ޤަދަރެއް ދެވުނެވެ. މިހާރު އޭނާގެ ހިތަށްއަރައެވެ. މައިންބަފައިންނަކީ ކިހާ ބޭނުންތެރި ބައެއް ހެއްޔެވެ. މިއަދު އަހަރެންގެ މައިންބަފައިންގެ އެހީތެރިކަން ނުލިބޭނަމަ އުޅޭނީ ކޮންފަދަ ނިކަމެތި ޙާލެއްގައި ހެއްޔެވެ.

ޔަޤީނެވެ. މައިންބަފައިންނަކީ ދަރިންގެ ކުރިމަތީގައި އަގުހުރި ބަޔެކެވެ. ދަރިން ކިތަންމެ މަސައްކަތެއް ކުރިޔަސް، އެ އަގު އަދައެއް ނުކުރެވޭނެއެވެ. ދަރިންނަށްޓަކައި މައިންބަފައިން ނުވަނީ ކޮން ޤުރްބާނީއެއް ހެއްޔެވެ؟ އެންމެ ތުއްތުއިރުން ފެށިގެން ދަރިފުޅު ހެޔޮމަގުގައި ތަރުބިއްޔަތު ކުރުމަށް، އެމީހުން ނުކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ.

ނުހަނު ބުރަ މަސައްކަތުން ދުނިޔެއަށް ހޭލެއްވުމަށްފަހުވެސް މައިންނާއި ބަފައިންގެ މަދަދު ލިބެއެވެ.

އެހެން ނަމަވެސް، މައިންބަފައިންގެ އަގު ވަޒަން ނުކުރާ ނުވިސްނޭ ދަރިންވެސް އަހަރެމެންގެ ތެރޭގައި މަދުން ނަމަވެސް އުޅެއެވެ. އިންޞާފެއް ނޫނަސް ހެވެވެ.

ދަރިޔަކު އުފަންވުމާއެކު މައިންބަފައިން ފުރަތަމަ ފަށައިގަންނަނީ ދަރިފުޅަށް އުޖާލާ ކުރިމަގެއް ބިނާކުރުމަށެވެ. ތުއްތުއިރުއްސުރެން ހެޔޮ ނުބައި ވިސްނައިދީ، މުސްތަޤްބަލުގެ މަގު ކޮށައިދެއެވެ. އެއަށްފަހު، އެބައިމީހުން ދެކެން ބޭނުންވާނީ އެބައިމީހުން ބައްޓަންކުރި ދަރިފުޅު ދިރިއުޅުމެއް ފަށައިގަންނާނެ ދުވަހެކެވެ. މައިންބަފައިންގެ ޙަޔާތަށް ދެން އަންނާނެ އެންމެ އުފާވެރި ދުވަހަކަށްވާނީ މާމަ ދަރިފުޅެއް ނޫނީ ކާފަދަރިޔަކު ލިބުމެވެ. އިރާދަކުރެއްވީތީ، އަހަރެންގެ މައިންބަފައިންގެ ހުވަފެންތައް، މާގިނަ ދުވަހެއްނުވެ ސީދާވެދާނެއެވެ.

ދަރިފުޅު މުޢާޒް....ހާދަ ބޮޑު ފިކުރެއްގައި.] މުޢާޒު ސިއްސައިގެން ދިޔައީ، މަންމަގެ އަޑުންނެވެ.

[މަންމާ...މަންމަ ފިރާ ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވަންޏާ، މަންމައަށް ހާދަ ބުރަވާނެޔޭ. އަޞްލު ދެންމެ ވިސްނާލެވުނީ މައިންބަފައިންގެ މުހިންމުކަމާ ދޭތެރޭ.] މުޢާޒު އެތެރެއަށް ވަނެވެ.

[މަންމަ ވަރަށް އުފާވެއްޖެ، ދަރިފުޅު މަންމަމެނާ ދޭތެރޭ ތިވަރަށް ވިސްނާކަން އެނގުނީމަ.] ޙަފީޒާ އޭނާގެ ދަރިފުޅާ ދޭތެރޭ ފަޚުރުވެރިވެއެވެ.

[އަހަރެން މައިންބަފައިންނަށްވުރެން އެއްވެސް މީހަކަށް އިސްކަމެއް ނުދޭނަން.] މުޢާޒުގެ މި ޖުމްލައިން ޙަފީޒާގެ އުފާވެރިކަން އިންތިހާއަށް ދިޔައެވެ. ކިތަންމެ ބޮޑަސް، ތުއްތު ދަރިޔަކު ފަދައިން ދަރިފުޅު އުނގަށްލާ ބޮނޑިކޮށްލާހިތްވިއެވެ.

[ދަރިފުޅާ.....މިހުރިހާ ދުވަހުވެސް މަންމަ މިގޭތެރޭގައި ކުރަންޖެހޭ މަސައްކަތުގައި އިތުރު ފަރާތެއް ޝާމިލެއް ނުކުރަމެއްނު. އެހެން ނޫނަސް، މަންމަ މާމައަކަށް ވުމުގެ ހުވަފެންތައް ދެކެމުންދާ ދުވަސްވަރެއްގައި، އެ މަންޖެ ލައްވާ މަސައްކަތް ކުރުވާކަށް މަންމަގެ ހިތެއް ނޭދޭ.] ޙަފީޒާ ބުންޏެވެ.

މިގޮތުގެ މަތިން އެ ޢާއިލާއަށް ނުހަނު އުފާވެރި ދުވަސްތަކެއް ފާއިތުވަމުން ގޮސް ފިރާޝާގެ ބަނޑަށްވެސް ދުވަސް ފުރިއްޖެއެވެ.

މުޢާޒުމެންގެ ޢާއިލާއަށް ފުރަތަމަ ބަދުނަޞީބު ކުރިމަތިވީ އެ ދުވަސްވަރެވެ.

މުޢާޒު ހުރީ އޮފީހުގެ ކޮންމެވެސް ކަމެއްގައި ހުޅުލޭގައެވެ. އެ ފޯންކޯލް އޭނާއަށް އައީ އޭނާ މަސައްކަތްކުރާ ކުންފުނީގެ އޯނަރާއި ދެމީހުން ނިކަން އޮލަ ވާހަކައެއްގައި ތިއްބައެވެ.

[އޭނ....! މަންމަ ގަޔަށް އެސިޑް އެޅުނީއޭ....ކިހިނެއް ވެއްޓުނީ.] މުޢާޒުގެ ހާސްކަން އިންތިހާއަށް ދިޔައެވެ.

[އަވަހަށް އާދޭ މަންމަގެ ޙާލު ވަރަށް ސީރިޔަސް. އަހަރެމެން މިތިބީ ހޮސްޕިޓަލްގައި.] ފިރާޝާ ފޯނު ބޭއްވިއެވެ.

ދޯނި ދުއްވާލުމުންވެސް މުޢާޒުގެ ހާސްކަމާއި ނުތަނަވަސްކަމަކަށް ބަދަލެއް ނާދެއެވެ. މުޅި މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ދެލޯވަނީ ފެންކަޅިވެފައެވެ.

[މުޢާޒު މިކަހަލަ ވަގުތެއްގައި ހިތްވަރު ދެރަކޮށްގެން ނުވާނެ. މުޢާޒު ވާންވާނެ އެހެން ކުދިންނަށް މިސާލަކަށް.] މުޢާޒުގެ ބޮސް މަންޞޫރު މުޢާޒަށް ހިތްވަރު ދިނެވެ. މުޢާޒު ހިތްވަރު ލިބިގަންނަފަދަ ގޮތަކަށް ބޯޖަހާލިއެވެ.

[ޢަޖައިބު ކިހިނެއްތަ؟ ލޮލަށް އެސިޑް އެޅެންވީ؟] މަންޞޫރު އެހިއެވެ.

[ހަރުގަނޑުމަތި ސާފުކުރަނިކޮށް ފުޅި ވެއްޓުނު ވަގުތު ބުރައިގެންދިޔަ ތިކިތަކެކޯ ލޮލަށް ދިޔައީ.] މުޢާޒު ކިޔައިދިނެވެ.

[އިރާދަކުރެއްވިއްޔާ، މާބޮޑު ކަމަކަށްނުވެ ރަނގަޅުވެދާނެ.] މަންޞޫރަށް މިހެން ބުނެވުނުއިރު، ދޯނިވެސް މާލޭ ކަނޑިންމައިން އެތެރެއަށް ވަންނަނީއެވެ.

[ހިނގާ އަހަރެންވެސް ދާނަން.] ދޯނިން ފައިބައިގެން މުޢާޒާއެކު މަންޞޫރުވެސް ހިނގައިގަތެވެ.

[މޫނުމައްޗަށް ގެއްލުން ނުވިޔަސް، ލޮލުގެ ފެނުން ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް.] ޑޮކްޓަރ ވާހަކަ ދެއްކީ މުޢާޒާއެވެ. އޭރު ޙަފީޒާ އޮޕަރޭޝަން ތިއޭޓަރަށް ވައްދައިފިއެވެ. ޑޮކްޓަރުވެސް ހުރީ ފުރިހަމައަށް ތައްޔާރުވެގެނެވެ.

[ރާއްޖެއިން ބޭރުންވެސް ރަނގަޅު ނުވާނެތޯ؟] މުޢާޒުގެ ހިތްވަނީ އަވަސްވެފައެވެ. އޭރު މުޢާޒުގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ.

[އެމީހުންވެސް ދޭނީ އެއްފަރުވާއެއް. ނަޞީބު ދެރަކަމުން ދެލޮލަށްވެސް ވަނީ އެސިޑް ބުރައިގެން ގޮސްފައި. ހިތްވަރުކުރޭ....އަހަރެން ވަރަށް މަސައްކަތް ކުރާނަން، ކާމިޔާބު ކުރެވޭތޯ.] ޑޮކްޓަރ ވަޙީދު ތިއޭޓަރަށް ވަނެވެ. މުޢާޒު ދެލޯ މަރާލިއެވެ. އެވަގުތު އޭނާގެ އެސްފިޔަތަކުގެ ތެރެއިން ކަރުނައިގެ ތެތްކަން ފާޅުވޭވޭ ހުއްޓެވެ. ފިރާޝާ ހޮސްޕިޓަލަށް އައީ އެވަގުތުއެވެ.

[މުޢާޒު ރޮނީތަ؟] ފިރާޝާ ފުރަގަހުން އައިސް މުޢާޒު ކޮނޑަށް އަތް ވައްޓާލިއެވެ. މުޢާޒު ސިހިފައި އެނބުރުނެވެ.

[އުނހު ފިރާ...ޑޮކްޓަރ ބުނީ މަންމަގެ ދެލޯ ރަނގަޅުވެދާނެ ކަމުގެ އެއްވެސް އުންމީދެއް ނެތޯ.] މުޢާޒު ފިރާޝާގެ ކޮނޑުގައި ބޯޖައްސާލިއެވެ.

[މިރަށުން އެހެން ބުންޏަސް، ބޭރަށް ދިޔައީމަ ރަނގަޅުވެދާނެ.] ފިރާޝާ ދިވެހި ޑޮކްޓަރުންނަކަށް އިތުބާރެއް ނުކުރެއެވެ. އެކަން އޭނާގެ ވާހަކައިން އެނގެއެވެ.

[އިތުބާރުކޮށްބަލަ...ކީއްވެތަ އިތުބާރު ނުކުރަނީ؟] ޢުބޭދާއި އޭނާގެ އަންހެނުން ނަޒްމާ ވާހަކަ ދައްކަން ތިބީ އެމީހުން ނިދާ ކޮޓަރިތެރޭގައެވެ. ފަހަކަށްއައިސް އިތުބާރު އެއީ އެކޮޓަރިތެރޭން އަބަދުވެސް އިވޭ އަޑެކެވެ. އެކަން އެހެން ވަނީވެސް ޝައްކާއި ވަހުމުގެ ސަބަބުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން