މީޑިއާ ދާއިރާ ރެގިއުލޭޓް ކުރުމަށް މިހާރު މަޖިލީހުގެ ކޮމެޓީން ފާސްކޮށްފައި މީޑިއާ ބިލަކީ މުޅިން އާ ބިލެއް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް މިއަދު ފާސްކުރި މީޑިއާ ރެގިއުލޭޓު ބިލާއި ގުޅިގެން ނޫސްވެރިން ހިޔާލު ފާޅުކޮށް ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަށް ރޭ މީރުމާގައި ބޭއްވި ފޯރަމުގައި ދުވަސްވީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު އަސްވާޑު ވިދާޅުވީ، މި ބިލް ތައްޔާރު ކުރުމުގައި ނޫސްވެރިންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ބެލިފައިވާނެ ކަމަށާއި، މިހާރު އައިސްފައިވާ ބަދަލުތަކާ ގުޅިގެން ވަރަށް އުފާކުރައްވާ ކަމަށެވެ. ކުރިން ޓީވީ ދާއިރާގައި މަސައްކަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން، މިހާރުގެ މަގާމާ ހަވާލުވުމާ ހަމައަށް ވެސް މީޑިއާ ރެގިއުލޭޓްވަމުން އައީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތް މެންބަރުންގެ ބްރޯޑްކާސްޓިންގ ކޮމިޝަނަކުން ކަން އަސްވާޑު ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރުގެ ބިލާ އެކު، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރުން ބްރޯޑްކާސްޓިންގ ދާއިރާގެ ރެގިއުލޭޓަރީ ބޯޑެއްގައި ނުތިއްބަވާނެތީ، މިއީ ވަރަށް ބޮޑު ލުޔެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަސްވާޑު އިތުރަށް ވިދާޅުވީ، މި ބަދަލާއެކު ދެ ނަން، މީޑިއާ ތެރެއިންނާއި އަމިއްލަ ފަރާތްތަކުގެ ތެރެއިން ހުށަހަޅާނެ ކަމަށެވެ. މިނިސްޓަރު މިކަން ސިފަކުރެއްވީ "ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމް" އަކަށް ދިވެހި މީޑިއާ ދާއިރާ ބަދަލުވަމުންދާ ކަަމަށެވެ. އަދި މިއީ ނޫސްވެރިން އަބަދުވެސް ފާހަގަކުރަމުން އައި ކަންބޮޑުވުމަކަށް ލިބުނު ހައްލެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން، ވަކިވަކި ނޫސްވެރިންނަށް ވޯޓުލެވޭ މައްސަލައަކީ ރާއްޖޭގައި ރަނގަޅު ދަފުތަރެއް ނެތުމުގެ ސަބަބުން ކުރިމަތިވި މައްސަލައެއް ކަމަށާއި، މިހާރު އެ ބައި ވެސް އުނިކޮށްފައިވާ ކަމަށް އަސްވާޑު ވިދާޅުވިއެވެ. މިހާރު ވޯޓުލެވޭނީ މީޑިއާ ކައުންސިލުން ކަމަށާއި، މިއީ ރާއްޖޭގެ ނޫސްވެރިންނަށް އެނގިފައިވާ "ޕްރެކްޓިސް ކުރަމުން އަންނަ މޮޑެލް" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް މި މީޑިއާ ބިލުގެ ތެރެއަށް ނުވައްދާނެ ކަމަށާއި، އެ އޮފީސް ވަކިން ހިނގާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ބިލުގައި ރައީސުލްޖުމްހޫރިއްޔާ މެންބަރުން އައްޔަންކުރުމާއި، ކޮންމެސް ވަރަކަށް ހުދުމުހުތާރު ގޮތްގޮތަށް ހުރި ކަންކަން ހިމަނާފައިނުވާނެ ކަމަށާއި، ނޫސްވެރިންގެ ހުރިހާ ޑިމާންޑެއް މި ބިލުގައި ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވަނީ ޔަގީންކަން ދެއްވާފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ބިލުގައި މީޑިއާ މާނަކޮށްފައިވަނީ ރަޖިސްޓާކުރެވިގެން ހިންގާ މީޑިއާއަށް އެކަނި ކަމަށާއި އެ މީޑިއާއަކުން ހިންގާ ހުރިހާ މީސްމީޑިއާ އެކައުންޓުތަކަށްވެސް މި ބިލުގެ ދަށުން އަމަލުކުރާނެ ކަމަށެވެ. އެހެން ނަމަވެސް މީޑިއާއެއްގެ ގޮތުގައި ރަޖިސްޓާނުކޮށް ޓިކްޓޮކް، ފޭސްބުކް އަދި އެހެނިހެން މީސްމީޑިއާތަކުގައި އުޅޭ މިނިވަން ކޮންޓެންޓު ކްރިއޭޓަރުން މި ބިލަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް އަސްވާޑު ފާހަގަކުރެއްވިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ މީޑިއާ ރެގިއުލޭޓު ބިލަށް ނޫސްވެރިން އެދިވަޑައިގެންނެވި ހުރިހާ އިސްލާހެއް ގެނެވިފައިވާ ކަމަށެވެ.

ވަޒީރު އަސްވާޑު ވިދާޅުވި ގޮތުގައި، މަޖިލީހުގެ ކޮމިޓީން މިއަދު ބިލް ފާސްވުމާ ގުޅިގެން ރާއްޖޭގެ ނޫސްވެރިންނާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވިކަމަށެވެ. އެބޭފުޅުން އިތުރަށް ބިލަށް ގެންނަން ބޭނުންވާ ކަމެއް އެބަހުރިތޯ ސުވާލުކުރެއްވުމުން، ދެން އެއްވެސް އިތުރު ކަމެއް ނެތް ކަމަށް ޖަވާބު ދެއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ހަމަ ތެދަށް މި ދަންނަވަނީ، އެބޭފުޅުން ދެންނެވި އިތުރަކަށް އެއްވެސް އެއްޗެއް ނެތޭ. އެހެންވިޔަސް އިތުރަށް ބިލް ހަރުދަނާ ކުރުމަށްޓަކައި އަޅުގަނޑު ކުރަންވީ ކޮން ކަމެއްތޯ ބެލީ. ސަބަބަކީ ތިޔަބޭފުޅުން ބުނި ހުރިހާ އިޞްލާޙެއް މިހާރު މީގެތެރޭ ގެނެވިއްޖެއްޔާ..." އަސްވާޑު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ނޫސްވެރިންގެ އެދުމަށް ގެނެވުނު މުހިންމު އިސްލާހުތަކުގެ ތެރޭގައި، މައްސަލައެއް ބަލަމުންދާ ގަޑީގައި ނޫސްތަކުގެ ލައިސަންސް ހިފަހައްޓައިގެން ނުވާނެ ކަމަށާއި، ލައިސަންސާ ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށް އޮތް މާއްދާ ނެގުން ހިމެނޭކަމަށެވެ. ވަޒީރު ވިދާޅުވީ، މިހާރު މައްސަލަ ބަލައި ނިމުނީމަ ނޫނީ ފިޔަވަޅެއް ނޭޅޭނެ ކަމަށާއި، މި ކަމުން ނޫސްވެރިކަމުގެ މިނިވަންކަން އިތުރުވެގެންދާނެ ކަމަށެވެ.

މީގެއިތުރުން، ކުރިން މީޑިއާ ސްޓޭޝަންތަކަށާއި ނޫސްތަކަށް އޮތް ޖޫރިމަނާތަކުގެ މިންވަރު ވަރަށް ބޮޑު ކަމަށާއި، މިހާރު އެއަށްވެސް ވަރަށް ބޮޑު ހެޔޮ ބަދަލެއް ގެނެސް، ޖޫރިމަނާ ކުޑަކުރެވިފައިވާ ކަމަށް ވަޒީރު އަސްވާޑު ފާހަގަކުރެއްވިއެވެ.

އަސްވާޑު ވިދާޅުވީ، ލިޔާ ލިޔުމަކާ ގުޅިގެން ނޫސްވެރިޔަކު 25،000 ރުފިޔާއިން ޖޫރިމަނާކުރުމަށް މީޑިޔާ ބިލްގައި ހުށަހަޅާފައިވުމުން، ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އެކަން ވެގެންދިޔަ ކަމަށެވެ. އެގޮތުން، ގިނަ ނޫސްވެރިންނަށް މަހަކު ލިބޭ އާމްދަނީ އެވްރެޖްކޮށް ގާތްގަނޑަކަށް ދިހަހާސް ރުފިޔާއަށްވުރެ ކުޑަވުމާއެކު، 25،000 ރުފިޔާގެ ޖޫރިމަނާއަކީ އެބޭފުޅުންނަށް މާ ބޮޑު އަދަދެއް ކަމަށް ބުނެ ނޫސްވެރިން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި ކަމަށް އަސްވާޑު ވިދާޅުވިއެވެ.

އަސްވާޑު އިތުރަށް ވިދާޅުވީ، ލިޔާ ލިޔުމަކުން މައްސަލައެއް ބަލައިގެން ރާއްޖޭގެ ނޫސްވެރިޔަކަށް ފިޔަވަޅެއް ނާޅާނެ ކަމަށާއި، އެއްވެސް ޖޫރިމަނާއެއް ނޯންނާނެ ކަމަށެވެ. އެގޮތުން، މިހާރު އޮތް މީޑިޔާ ބިލްގައި މިކަމާ ގުޅޭގޮތުން ހިމަނާފައިވާ މާއްދާ އެއްކޮށް ނަގައި އުނިކޮށްފައިވާ ކަމަށާއި، މިހާރު ރާއްޖޭގެ ނޫސްވެރިންނަށް މި ބިރުވެރިކަން ނޯންނާނެ ގޮތަށް އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު