ރައީސް ޑރ. މުހައްމަދު މުއިއްޒު-
ރައީސް ޑރ. މުހައްމަދު މުއިއްޒު-
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކާއި ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓު ނަގާނެ އުސޫލުތައް ކަނޑައަޅާ ބިލެކެވެ.

މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން މިދިޔަ ޖުލައި 7 ވަނަ ދުވަހު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ފަސްވަނަ ޖަލްސާގައި މި ބިލް ވަނީ 64 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.

މި ގާނޫނުގެ ދަށުން ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމާ ބެހޭ ބާބަށާއި، މަޖިލީހުގެ އުމުރު، ރިޔާސީ ދައުރު، ރައީސް އިންތިހާބުކުރާ ގޮތް، ރައީސް ބިލު ތަސްދީގުކުރާ މާއްދާ އަދި ރާއްޖޭގެ ސަރަހައްދު ކަނޑައަޅާ މާއްދާއަށް އިސްލާހު ގެނައުމަށް ވޯޓު ނެގޭނެއެވެ. އަދި މަޖިލީހުން ފާސްކުރާ ބިލެއް ރައީސް ތަސްދީގު ނުކޮށްފިނަމަ، އެ ބިލަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ވެސް ވޯޓު ނެގިދާނެއެވެ.

ރައްޔިތުންނާ ގުޅޭ ކަންކަމުގައި ވޯޓަކަށް ދިޔުމަށް މަޖިލީހުގެ އަޣުލަބިއްޔަތުން ގަރާރެއް ފާސްކުރަން ޖެހޭއިރު، ގައުމީ މުހިންމު މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމިދާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި އެއްފަހަރާ އެކަކަށްވުރެ ގިނަ މައްސަލައަށް ވޯޓު ނެގުމުގެ ފުރުސަތު ވެސް މި ގާނޫނުން ދެއެވެ.

މި ގާނޫނުގައި ވޯޓު ނެގޭނެ ހާލަތްތަކާއި، ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި، އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތައް ވެސް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.

ރައީސް މި ބިލު ތަސްދީގުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާއެކު، މި ގާނޫނަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު