ޞާދިރު ޢަލީދީދީ   23 ސެޕްޓެމްބަރު 2020 - 14:58
ދިޔަރެސް
ދިޔަރެސް
އެޕިސޯޑް 06

...............

[މިރަށުން އެހެން ބުންޏަސް، ބޭރަށް ދިޔައީމަ ރަނގަޅުވެދާނެ.] ފިރާޝާ ދިވެހި ޑޮކްޓަރުންނަކަށް އިތުބާރެއް ނުކުރެއެވެ. އެކަން އޭނާގެ ވާހަކައިން އެނގެއެވެ.

[އިތުބާރުކޮށްބަލަ...ކީއްވެތަ އިތުބާރު ނުކުރަނީ؟] ޢުބޭދާއި އޭނާގެ އަންހެނުން ނަޒްމާ ވާހަކަ ދައްކަން ތިބީ އެމީހުން ނިދާ ކޮޓަރިތެރޭގައެވެ. ފަހަކަށްއައިސް އިތުބާރު އެއީ އެކޮޓަރިތެރޭން އަބަދުވެސް އިވޭ އަޑެކެވެ. އެކަން އެހެން ވަނީވެސް ޝައްކާއި ވަހުމުގެ ސަބަބުންނެވެ.

މިރޭވެސް ޢުބޭދަށް ގެޔަށް އާދެވުނުލެއް ލަސްވީއެވެ.

[އަހަރެން އިތުބާރު ކުރަންވީތަ؟ އެނގޭތަ ގަޑިންވީއިރެއް.] ނަޒްމާގެ ޝަކުވާގެ ސިލްސިލާ ފިސާރި ދިގެވެ.

[ހެޔޮ....އިތުބާރު ނުކުރިޔަސް. ގަޑިން ބާރަގަޑިބައިވީ. ނަޒްމާއަށް އެނގޭތަ، ތިގޮތަށް ޝަކުވާ ކުރުމުން ފިރިމީހާ ފޫހިވާނެކަން. ޢުބޭދު ބޭނުންވީ ރުޅި އިސްނުކޮށް، ނަޒްމާއަށް ވިސްނައިދޭށެވެ.

[ނޭނގެ އަހަންނަކަށް...ވަރަށް ފޫހިވޭ.] ނަޒްމާ އެނދުމައްޗަށް ވެއްޓިގަތެވެ.

[އަހަރެން ނުލާހިކު ރަނގަޅަށް ބުނެފީމެއްނު، މުޢާޒާއެކު ހޮސްޕިޓަލްގައޭ ހުރީ. ނަޒްމާ ވެއްޖެއެއްނު، އަހަރެން ދައްކާ ވާހަކަވެސް ޤަބޫލުކުރަން.] ޢުބޭދު އަދިވެސް ހުރީ ހަމައިގައެވެ.

[ގެޔަށް އައިސް ވަންނައިރަށް ފެށި ޝަކުވާފަތިވަރެއްގެ ސަބަބުން އަހަރެން ކާހިތްކެނޑިއްޖެ.] ޢުބޭދު އޮށޯތެވެ.

[އާނ...ކާހިތެއްވެސް ނުވާނެ.] އެވަގުތު ކުޑަދަރިފުޅު ޔޫހާ ހޭލިއެވެ. ދެފަރާތަކަށް ތެޅިލުމަށްފަހު ރޮއިގަތެވެ.

ނަޒްމާ ރުޅިން ރުންކުރުވެފައި ހުރެ ގޮސް ދަރިފުޅު އުރާލިއެވެ.

[ނަޒްމާ ތިވަރަށް އަހަންނަށް ޝައްކު ކުރަންޏާ މާދަމާއިން ފެށިގެން އާމްދަނީ ހޯދުމަށް މަސައްކަތް ކުރަން ޖެހޭނީ ނަޒްމާ. އަހަރެން ދަރިފުޅު ބަލަން ގޭގައި ހުރެފާނަން.] ޢުބޭދު ބުންޏެވެ.

[ދެން ތިހެން ކިޔާ....] ނަޒްމާ ދަރިފުޅު މަސަލަސް ކުރަމުން އައިސް އެނދުގައި އިށީނެވެ. ޢުބޭދު އިތުރަކަށް އެވާހަކައެއް ނުދައްކައެވެ. އެހެން އޮއްވައި އޭނާއަށް ނިދުނީއެވެ.

[ތެދުވެބަލަ މިހާރު އަށެއް ޖަހަނީ....މިއަދު އޮފީހަށް ނުދަނީތަ؟] ފިރާޝާ ކޮފީތަށި ހިފައިގެން އައިސް ކޮޓަރިއަށް ވަންނަމުން ފިރިމީހާއަށް ގޮވިއެވެ. މުޢާޒް މޯޅިއަކަށް ދެމިލަމުން ތެދުވިއެވެ.

[އަށެއްޖެހީތަ؟ މަންމަ ހޭލައިފިތަ؟] މުޢާޒު ތެދުވެ ހިންދެމިލިއެވެ.

[އާނ...މަންމަ އެބައިން ބޮޑުކޮޓަރީގައި.] ފިރާޝާ ކޮފީތަށި ސައިޑް ކަބަޑްމަތީގައި ބެހެއްޓިއެވެ. މުޢާޒް ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ.

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ގޮސް، ފިރާޝާގެ ބަނޑަށްވެސް ދުވަސް ފުރިއްޖެއެވެ. މުޢާޒު ގެޔަށް ގެންގުޅޭ މީހަކު ގެންނަ ޚިޔާލު ކުރީ އެދުވަސްކޮޅުއެވެ. އެކަމާ ބެހޭގޮތުން އޭނާ ފުރަތަމަ މަޝްވަރާކުރީ މަންމައާއެވެ.

[މަންމާ....އަހަރެން އެބަ ޚިޔާލު ކުރަން، މިގެޔަށް ގެންގުޅޭނެ ކުއްޖަކު ހޯދަން. މިހާރު ފިރާޝާވެސް އެއިނީ ދުވަސް ފުރިފައި. އޭނާއަކަށްވެސް ރަނގަޅަކަށް މަންމައަކަށް އަޅައެއްނުލެވޭނެ.] މުޢާޒް މަންމަގެ ގާތުގައި އިށީނެވެ.

[ދަރިފުޅަށް ފެންނަ ގޮތެއް....މަންމަގެ މައްސަލައެއް ނެތް.] މިހެން ބުނެވުނުއިރު މަންމަގެ ލޮލުން ކަރުނަ ހިލިގަތެވެ.

[މަންމަ ދެރަނުވޭ...ދެން މާގިނަ ދުވަހެއްނުވެ ކޮއްކޮވެސް ރާއްޖެ އަތުވެދާނެ. އޭރުން ކޮއްކޮގެ އެހީތެރިކަންވެސް މަންމައަށް ލިބޭނެ. ރާއްޖެތެރެއިން ކުއްޖަކު ހޯދަންވެސް ބޮޑަށް ފަސޭހަވާނީ މަންމައަށް. ރާއްޖެތެރޭގައި ތިބެއެއްނު، މަންމަގެ ވަރަށްގިނަ ރައްޓެހިން. އެއިން މީހެއްގެ ގާތު ބުނެގެން ހަމަޖެއްސިދާނެދޯ މަންމައަށް؟] މުޢާޒު މަންމަގެ ބޮލުގައި އަތް ކާއްތާލިއެވެ. ރޮވިފައި ހުރި މަންމަ ބޯޖަހާލިއެވެ.

އެއީ ބައްޕަ ޒަކީވެސް އައިސް ގެޔަށް ވަން ވަގުތެވެ.

[ދެމައިން ކޮންކަމަކާ މަޝްވަރާކުރާ ދުވަހެއް.] ޒަކީ އެތެރެއަށް ވަނީ ވާހަކަ ދައްކަމުންނެވެ.

[މިދައްކަނީ ގެންގުޅޭނެ ކުއްޖަކު ހޯދާ ވާހަކަ. އަޅެ ބައްޕަ ބަލައިލަދީބަލަ ރަނގަޅު ކުއްޖަކު ވޭތޯ.] މުޢާޒު ބުންޏެވެ.

[ގެންނަންވީތަ ކުއްޖަކު؟] ޒަކީ އެއްސެވެ.

[އާނ ގެންނަންވާނީ ގެވެހި ކުއްޖެއްދޯ މަންމާ.] މުޢާޒު މަންމައަށް ދޯ ދިނެވެ. މަންމަ ބޯޖަހާލިއެވެ. މުޢާޒު ގޮސް ކޮޓަރިއަށް ވަނެވެ. ޒަކީ އައިސް ޙަފީޒާ ގާތުގައި އިށީނެވެ.

[އެއްކަލަ ވަސީމްގެ ދަރިފުޅު ގެންނަން ވަސީމް ގާތު ބުނަންވީދޯ؟ އޭނަ ކުރީ ދަތުރުވެސް އެމަންޖެގެ ވާހަކަ ދެއްކިއެއްނު.] ޒަކީ ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ބުންޏެވެ.

[އެރަށަށް ގުޅާފައި ބުނަންވީނު، އެމަންޖެ ގެނެސްދޭށޭ.] ޙަފީޒާ ބުނެލިއެވެ.

[ގުޅަންވީދޯ؟] ޒަކީ ގޮސް ފޯނު ނެގިއެވެ. ފުރަތަމަ ޒަކީ ގުޅީ ދިރާގަށެވެ. އޭނާ ރ. އިންނަމާދޫއަށް ގުޅީ ދިރާގުން އެރަށުގެ ފޯނު ބޫތުގެ ނަންބަރު ހޯދުމަށްފަހުގައެވެ.

ފޯނު ރިންގުވާން ފެށުމާއެކު ނަޒްމާ ފޯނު ނެގިއެވެ. އޭރު އޭނާއާ ދާދި ގާތުގައި ޢުބޭދު ކުޑަމަންޖެ ޔޫހާ އުރައިގެން ހުއްޓެވެ.

[އައްސަލާމް ޢަލައިކުމް...ޢުބޭދު އުޅުއްވާތޯ.] އެކޮޅުން ވާހަކަ ދެއްކީ ޢުބޭދުމެން އޮފީހުންނެވެ.

[އާނ....ޢުބޭދު ފޯނެއް.] ނަޒްމާ ޢުބޭދަށް ފޯނުދިނެވެ.

[ދާންވީ؟ އާނ މައްސަލައެއް ނެތް...ވަރަށް އަވަހަށް އެބަދަން.] ޢުބޭދު ފޯނު ބޭއްވިއެވެ. އެއަށްފަހު އޭނާ ކުޑަމަންޖެ ނަޒްމާ އަތަށް ދިނެވެ.

[ދަނީ...؟ ދެން ކިހާއިރަކު އަންނާނީ؟] އިތުރުގަޑީގައި ޢުބޭދު ދާތީވެ، ނަޒްމާ ހުރީ ހިތްހަމަނުޖެހިފައެވެ. އެކަން އޭނާ ވާހަކަ ދެއްކި ރާގުންނާއި، މޫނުމަތީގައިވާ ކުލަވަރުން ދޭހަވެއެވެ.

[ލަހެއްނުވާނެ...ނިމުނުހާ އަވަހަކަށް އާދެވޭތޯ ބަލާނަން.] ޢުބޭދު ނުކުމެއްޖެއެވެ. ނަޒްމާ ތުން އަނބުރާލަމުން ގޮސް އެނދުގައި އިށީނެވެ.

[އަހަންނާ ދަރިފުޅާއެކު ހޭދަކުރަން އޭނާއަށް ވަގުތު ލިބޭނީ ކޮންއިރަކުންތަ؟ ގެޔަށް ވަންނައިރަށް ގުޅާފާނެ. ގުޅާއިރަށް ދާނެ....ވަރަށް ފޫހިވޭ.] ޢުބޭދު ދިޔުމުން ނަޒްމާއަށް ހިތާހިތާ ކިޔާލެވުނެވެ.

ރ. އިންނަމާދޫ

ސުދާ ބައްޕައާއެކު މާލެ ދިޔުމަށް ތައްޔާރުވަމުން ދަނީއެވެ. އެހެން ނަމަވެސް ދާހިތަކުން ނޫނެވެ. ބައްޕަގެ އެދުމެއްވީމަ ބޮލާލާ ނުޖަހަންވެގެން ތައްޔާރުވަނީއެވެ. މިއަދު އޭނާގެ ހުރިހާވެސް މީހަކީ ބައްޕައެވެ.

އޭނާގެ ޢުމުރުން އެންމެ ތިންއަހަރުގައި މަންމަ ނިޔާވުމުންވެސް ބައްޕަ އިތުރު ކައިވެންޏެއް ނުކޮށް، މިއަދާ ހަމައަށްވެސް އެހުންނަނީ ދެވަނަ މީހަކަށްޓަކައެއް ނޫނެވެ. ހަމަ އޭނައަށްޓަކައެވެ. އޭނައަށް ދޮންމަންމައެއްގެ ލޯބިދޭން ބޭނުންނުވާތީއެވެ. ދޮންމަންމަ ދޮންނިޔަނދުރެއްފަދައޭ ބުނާ ބުނުން، އެ ބައްޕަ ޤަބޫލުކުރެއެވެ. އެހެން ނަމަވެސް، އެކަން ސުދާ މުޅިއަކުން ޤަބޫލެއް ނުކުރެއެވެ. އެއީ އޭނާއަށް އަދި ތަޖްރިބާ ކުރެވިފައި ނެތުމުން ކަމަށްވެސް ވެދާނެއެވެ.

[ބައްޕާ....އަހަރެން އެހާވަރަކަށް މާލެދާހިތެއް ނުވޭ. އެކަމަކު ބައްޕަ ބުނީތީ ދާނަން.] ސުދާ ހެދުންތައް ފަތްޖަހަމުން ބައްޕަ ވަސީމާ މުޚާޠަބު ކުރިއެވެ.

[ދަރިފުޅާ....އެމީހުންނަކީ ބައްޕަގެ ވަރަށްގާތް ބައެއް. ބައްޕަ މިހާރު އެމީހުން ކައިރީ ދަރިފުޅު ގެންދާ ވާހަކަ ބުނެފިން.] ވަސީމް ސުދާގެ ބޮލުގައި ފިރުމާލިއެވެ.

[ބައްޕަގެ އެހާ ގާތް ބަޔަކު މާލޭގައި ތިއްބައި، ކީއްވެތަ ކުރީ ދަތުރު އަހަރު އެހެން ގެޔެއްގައި ބެހެއްޓީ.] ސުދާ އެހިއެވެ.

[އެދުވަސްވަރު އެގެ ހަދާތީ އެމީހުންވެސް ތަނެއް ކުއްޔަށް ހިފައިގެން އުޅުނީ. އެހެންވެ ދަރިފުޅު ކުލީ ކޮޓަރިއެއްގައި ބެހެއްޓީ. މިރޭ ފަތިހު ދޯނި ފުރާނެ. ދަރިފުޅު ތައްޔާރުވެލައްޗޭ. ބައްޕަވެސް އެބަ އަންނަން ނަމާދުކޮށްލައިގެން.] ވަސީމް ނުކުތެވެ.

ސުދާ ފޮށްޓަށް އެއްޗެތި އަޅަން ފެށިއެވެ. ފޮށްޓަށް އެއްޗެތި އަޅާ ނިންމުމަށްފަހު، ސުދާވެސް ވުޟޫކޮށްލައިގެން ދިޔައީ މިސްކިތަށެވެ. އެއީ ސުދާގެ ޠަބީޢީ ރަނގަޅު ސިފަތަކުގެ ތެރެއިން ސިފައެކެވެ. އޭނާ ޤަވާޢިދުން ފަރުޟު ފަސްނަމާދު ޤާއިމު ކުރެއެވެ. އެހެންކަމުން، ސުދާ ވެފައިވަނީ ރަށުގެ ގިނަ ބައެއްގެ ކުރިމަތީގައި މަޤްބޫލު ކުއްޖަކަށެވެ. ކޮންމެ މަޔަކާއި ބަފަޔަކުވެސް އެދެނީ އެމީހުންގެ ދަރިން ސުދާ ކަހަލަ އަޚްލާޤީ ސިފަ ލިބިފައިވާ ދަރިންނަށް ވުމަށެވެ. އެކަމަކު އެހެން އެކަންވާނީވެސް މައިންބަފައިންވެސް ދަރިންގެ ކުރިމަތީގައި މިސާލަކަށް ވެގެނެވެ. ޔަޤީނެވެ. ސުދާ ނަމޫނާއަކަށް ނަގަނީ އޭނާގެ ބައްޕައެވެ. އޭނާގެ މަންމަ ވަޙީދާގެ ދުނިޔޭގައި ވަޙީދާއަކީވެސް ރަށުގެ ގިނަބަޔަކު ޤަދަރުކުރާ މާތް އަޚްލާޤީ އަންހެނެކެވެ.

މިއަދު ވަޙީދާ ދުނިޔޭގައި ނެތީ ސުދާގެ ބަދުނަޞީބެވެ. އެގެޔަށް ވަރަށް ގިނައިން އައިސް އުޅޭ އަންހެނެއް ކަމުގައިވާ ޙަފްޞާ އެގެޔަށް އައިސް ވަނީ ސުދާ ނަމާދުކޮށް ނިމިގެން ގެޔަށް އައިސް ވަންތަނާހެނެވެ.

[އައްސަލާމް ޢަލައިކުމް.] ޙަފްޞާ އެތެރެއަށް ވަންނަމުން ސަލާމް ގޮވިއެވެ. ސަލާމް ބަލައިގަތުމަށްފަހު ސުދާ ނުކުތެވެ.

[އަނހަ ޙަފްޞާއްތަ...މިއުޅެނީ މިރޭ ފަތިހު ފުރަން....ބައްޕަ ނުބުނޭތަ.] ސުދާ ބުންޏެވެ.

[ދަރިފުޅުގެ ބައްޕަ ބުނީމަ މިއައީ. ހިތްހެޔޮކުރާތި. އިރާދަކުރެއްވިއްޔާ، ދަރިފުޅަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވާނެ.] ޙަފްޞާ މެދުގޭތެރޭ އުނދޯލީގައި އިށީންނަމުން ސުދާއަށް ހެޔޮދުޢާ ކުރިއެވެ.

[ޙަފްޞާއްތާ...އަހަރެން މިހާރު މާލެދާން ވަރަށް ފޫހިވޭ. އެކަމަކު ބައްޕަ އެދުނީމާ ދެކޮޅުހަދަން ނުކެރުނީ.] ސުދާވެސް އުނދޯލީގައި އިށީނެވެ.

[ދެން އެކޮޅުގައި މާބޮޑަށް ފޫހިވަންޏާ، އަނެއްކާވެސް ރަށަށް އަންނާނީދޯ؟] ޙަފްޞާ ހިތްވަރު ދިނެވެ.

[އަހަރެން ބޮޑަށް ދެރަވަނީ ބައްޕަ އެކަނި ދޫކޮށްފައި ދާން ޖެހުނީމަ. އަޅެ ޙަފްޞާއްތަ ބައްޕައަށް އެހީތެރިވައްޗޭ.] ސުދާ ބުންޏެވެ. ޙަފްޞާ ބޯޖަހާލިއެވެ. އެވަގުތު ނަމާދުން ފައިބައިގެން ވަސީމް އައިސް ގެޔަށް ވަނެވެ.

[އަނހަ ޙަފްޞާވެސް އެބައިނިންދޯ؟ ފުރާ ވާހަކަ ބުނާއިރަށް އައީދޯ.] ވަސީމް އެތެރެއަށް ވަނެވެ.

[މި މަންޖެ ދެރަވަނީ ބައްޕަ އެކަނިވާނޭތީޔޯ.] ޙަފްޞާ ބުންޏެވެ.

[ކޮންމެ ދަތުރެއްގައިވެސް ބައްޕަ ދަރިފުޅު ދެކިލަން މާލެދާނަމޭ. ފޮށްޓަށް އެއްޗެތި އަޅާ ނިންމައިފިންތަ؟] ވަސީމް އައިސް ސުދާ ގާތުގައި އިށީނެވެ.

[ފޮށި ބަންދުވެސް ކޮށްފިން. އަޅެ ބައްޕާ...ޗުއްޓީގައި ރަށަށް ގެންނާނަންދޯ؟] ޢުމުރުން އަށާރަ އަހަރުން މަތިވިއިރުވެސް ސުދާގެ ވާހަކަ ދެއްކުމުގެ ރާގުގައި ޅަގޮތެއް ހުރެއެވެ.

އެރޭ ފަތިހު ބައްޕައާއެކު ސުދާ މާލެ ދަތުރަށް ފެށީ އެއްވެސްވަރަކަށް ހިތްހަމަޖެހިގެނެއް ނޫނެވެ.

މުޢާޒާއި ފިރާޝާ ކޮޓަރި ސާފުކުރުމުގައި އަވަދިނެތި އުޅެއެވެ. މަންމަވެސް އެއްފަރާތެއްގައި އިނެވެ.

[ދަރިފުޅާ...ތިތާ ތިހިރަ އެނދުގަނޑުވެސް ބަދަލުކޮށްލައްޗޭ. ތިކަހަލަ ބާ އެނދުގަނޑެއްގައި ނިންދަވާ ވަރަށްވުރެން އެއީ މަންމަގެ މާ ގާތް ކުއްޖެއް.] ޙަފީޒާ އެދުނެވެ.

[އާނ...މަންމާ...އެނދު ބަދަލުކޮށްލާނަން. އެމީހުން އެކޮޅުން ފުރައިފިތަ؟] މުޢާޒު ދޮރުފޮތިތައް ނައްޓަމުން ބުންޏެވެ.

[ދަރިފުޅު ބައްޕަ ބުނި...މިރޭ އަންނާނެޔޯ.] ޙަފީޒާ ބުންޏެވެ.

[ބައްޕަ ކޮންތާކަށް ދިޔައީ؟] މުޢާޒު އެހިއެވެ.

[މަސްކޮޅެއް ލިބޭތޯއޭ ކިޔާފައި ނުކުތީ.] ޖަވާބުދިނީ ފިރާޝާއެވެ.

[ފިރާ....ނިކަން މީރުކޮށް ކޮފީއެއް ގިރައިގެން ގެނެސްދީބަލަ.] މުޢާޒު އެދުނެވެ. ފިރާޝާ ނުކުތެވެ. ޢުބޭދު ގެޔަށް އައިސް ވަނީ އެވަގުތުއެވެ.

[ހާދަ މަސައްކަތް ބުރަކޮށްލައިގެން...ކޮންކަމެއް؟ އަނެއްކާ ޚާއްޞަ ކަމެއް ކުރިމަތިވަނީތަ؟] ޢުބޭދު ވާހަކަ ދައްކަމުން ކޮޓަރިއަށް ވަނެވެ.

[މަންމަގެ ރައްޓެއްސެއްގެ ދަރިޔަކު މިގެޔަށް އަންނާތީ. އެމަންޖެއަށްޓަކައި ކޮޓަރި ތައްޔާރުކޮށްލަނީ. އަދި އެބަޖެހެޔޭ ދެމީހުން ބާޒާރަށްވެސް ޖައްސާލަން.] މުޢާޒު ބުންޏެވެ.

[ކީއްކުރަން ބާޒާރަށް ދަނީ؟] ޢުބޭދު އެއްސެވެ.

[މިކޮޓަރިއަށް އެނދެއް ގަންނަން. ހިނގާ ކޮފީ ބޮއިގެން ދާން.] މުޢާޒު ބިންމަތީގައި ހުރި ކުނިތައް ކުނިވަށިގަނޑަށް އެޅުމަށްފަހު ތެދުވެ ހިންދެމިލިއެވެ.

އެދުވަހު އިރުއޮއްސުމުގެ ކުރިން، ކޮޓަރިއަށް ބޭނުންވާނެ ހުރިހާ އެއްޗެއް ގަނެ ކޮޓަރި ފުރިހަމަކޮށް މުޢާޒު ނިންމާލިއެވެ.

ސުދާމެނަށް މާލެ އާދެވުނީ ލަފާކުރި ގަޑިއަށްވުރެން އެއްގަޑިއިރު ފަހުންނެވެ. އިންތިޒާރުގައި ތިބި ފިރާޝާއާއި މުޢާޒު ނިދަންވަނީ އެހެން ވެގެނެވެ. މުޢާޒާއި ފިރާޝާ ކޮޓަރީގައި ވިޔަސް، ސުދާމެން އަންނަންދެން ޒަކީއާއި ޙަފީޒާއާ ދެމީހުން މެދުގޭތެރޭގައި ތިއްބެވެ. ސުދާއާއި ވަސީމް އައިސްވަނީ އޭގެ ބައިގަޑިއެއްހާއިރު ފަހުންނެވެ.

[ޙަފީޒާ...ވަސީމްމެން އެ އައީ...އަވަހަށް ވަދޭ.] ޒަކީ ޙަފީޒާއަށް އަންގާލަމުން، ވަސީމް ގާތު ވަނުމަށް އެދުނެވެ. ވަސީމް ދަބަސް ހިފައިގެން އެތެރެއަށް ވަނެވެ. ސުދާވެސް ފަހަތުން ވަނެވެ.

[މުޢާޒާއި ފިރާޝާ ނިދަން ވަންތާ އިރުކޮޅެއް ވެއްޖެ. ފިރާޝާ ބުނި، ވަސީމްމެނަށް ކާން ހަދާފަޔޭ ހުންނާނީ. ސުދާ ދާންވީނު...ބައްޕަ ގޮވައިގެން ކާން.] ޙަފީޒާ ވާހަކަ ދެއްކިއެވެ.

[ތެދެއް...މިހާރު ވަރަށް ބަނޑުހައިވެފައި ތިބޭނީ...ހިނގާ ކާގެޔަށް.] ޒަކީ ތެދުވިއެވެ. ސުދާއަށްޓަކައި ތައްޔާރު ކުރެވުނު ކޮޓަރިއަށް ފޮށްޓާއި ދަބަސް ޒަކީ ފުރަތަމަ ވެއްދިއެވެ. ވަސީމްމެން ގޮވައިގެން ކާގެޔަށް ދިޔައީ އެއަށްފަހުގައެވެ.

[އަހަރެންވެސް ގޮވައިގެން ކާގެޔަށް ހިނގާބަލަ.] ވަސީމްމެން ގޮވައިގެން ޒަކީ ހިނގައިގަތުމުން ޙަފީޒާ އެދުނެވެ.

[ސުދާ އާދޭ ޙަފީޒާ ދައްތަ ގޮވައިގެން.]

ވަސީމާއި ޒަކީ ހިނގައިގަތެވެ. ސުދާވެސް ޙަފީޒާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ފާރުގައި ހަރުކޮށްފައި ހުރި މުޢާޒުގެ ފޮޓޯ ސުދާއަށް ފެނުނީ އެވަގުތުއެވެ. ވަގުތުން ސުދާ ހުއްޓުނެވެ. އޭނާގެ ދެލޯ ތަންތިނަށް ހުޅުވިއްޖެއެވެ.

[ޙުސެން....] ސުދާގެ ދުލުން ބޭރުވިއެވެ. ޙައިރާންކަމާއެކު ފޮޓޯއަށް ގެއްލިފައި ހުރި ސުދާ ސިހުނީ ޙަފީޒާއަށް އެކަން ފާހަގަކުރެވި ސުވާލު ކުރުމުންނެވެ.

[ދަރިފުޅާ ސުދާ...ކީއްވެ މަޑުކޮށްގެން ތިހުންނަނީ؟] ސުދާއަށް ސިހިފައި ބަލައިލެވުނީ ޙަފީޒާގެ މޫނަށެވެ.

[ދައްތާ މީ ކާކުގެ ފޮޓޯއެއް.] ސުދާ އިޚްތިޔާރުން ބޭރުވިއެވެ.

[ތިތާ ހުންނާނީ މިގޭ ޙުސެން މުޢާޒުގެ ފޮޓޯއެއް. އޭނަ ވެއްޖެ ނިދާފައި...ކިހިނެއްވީ؟] ޖަވާބު ދިނުމަށްފަހު ޙަފީޒާ އެހިއެވެ.

[އެހެންތަ...ކަމެއްނުވޭ....] ސުދާ ހިނިތުންވެލަމުން ޙަފީޒާގެ އަތުގައި ހިފައިގެން ކާގެޔާ ދިމާއަށް ހިނގައިގަތެވެ.

[މިގޭގައި އުޅެނީ މުޢާޒު އެކަނިތަ؟ ދެން ނުހުރޭތަ ދައްތަގެ އިތުރު ކުއްޖަކު.] މިހާރު ސުދާވަނީ އެގެޔާބެހޭ އިތުރު މަޢުލޫމާތުތަކަށް ނުހަނު ބޭނުންވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން