ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީީދު
ކައުންސިލަރުންގެ ދައުރާމެދު ގޮތެއް ނިންމުމަށް އަދި ވަގުތު އެބައޮތް ކަމަށް ވިދާޅުވެ، ކައުންސިލަރުންގެ ދައުރާމެދު ފެނިވަޑައިގަންވާ ޚިޔާލުފުޅުތައް ފާޅު ކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ރައްޔިތުންގެ މަޖިލީހުގެ، ރައީސް މުޙައްމަދު ނަޝީދު ނިންމަވާލައްވައިފިއެވެ.

ގާތްގަނޑަކަށް ހައެއްކަ މިނެޓަށް ދެމިގެން ދިޔަ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ކައުންސިލަރުންގެ ދައުރު ދައްމާލުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ މައްސަލާގައި އެމަނިކުފާނު ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާކަން ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.

ކައުންސިލްގެ ދައުރު ދަންމާލުމަށް އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް ހުށައެޅުއްވި ބިލަށް އިޝާރާތް ކުރަށްވާ ރައީސް ނަޝީދު ވިދާޅުވީ، " ބައެއް ޤާނޫނީ ވަކީލުން ވިދާޅުވެދާނެ، އަލްއުސްތާޛް ޙަސަން ލަޠީފް ހުށައަޅުއްވާފައި އެވާ ބިލަކީ ޤާނޫނުއަސާސީއާ ޚިލާފް ބިލެކޭ. އެހެން ނަމަވެސް އެބިލް ހުށައަޅުއްވާފަވެސް އެއޮތީ ހަމަ އޭގެ ބޭފުޅެއް. އަދި ޤާނޫނު އަސާސީ ޑްރާފްޓް ކުރުމުގައާއި، އެ ލިޔުމުގައާއި، އެއާ ގުޅޭ ހުރިހާ ކަމެއްގައި ބޮޑު ކާތިބަކަށް އުޅުއްވި ބޭފުޅެއް އެއީ. ދެން އަޅުގަނޑު ހިތަށް މި އަރަނީ ކޮން ވަޑިއެއް ކައިރިއަށް ބާވައޭ އަޅުގަނޑު ދާންވީ، ތުނޑުހުރި އެއްވެސް ވަޅިއެއް އެބަހުރި ބާވައޭ. ޢިއްޒަތްތެރި މެމްބަރުންގެ ވަޅީގައި ތުނޑު ހުންނާނެ. އެހެންވީމާ ތިބޭފުޅުން ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު މިކަމުގައި ގޮތެއް ނިންމައި ދިނުމަށް އެދޭ" ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޤާނޫނު އަސާސީ އިސްލާޙުކުރަން ވިދާޅުވެއްޖެނަމަ އެކަން ވެސް ކުރައްވާނެ ކަމަށާއި، އަދި ޤާނޫނަކުން އެފަދަ ބަދަލެއް ގެންނަން ބޭނުންފުޅުނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ.

"ޖޫން 2 އެއީ އިންތިޚާބުގެ މުއްދަތު. ތުޅާދޫ ދާއިރާގެ މެމްބަރު ހުށައެޅުއްވި ބިލުން އިންތިޚާބުގެ މުއްދަތަށް އެޖާގަ ލިބޭނެ." އަދި ވަގުތު އެބައޮތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއަށް ފަހު ރައީސް ނަޝީދު ވަނީ "މިއަދުގެ ވޯޓަށް އަހާނެ މައްސަލައެއް ވެސް ނެތް. އިތުރަށް އަޅުގަނޑު ހިންގަން އޮތް މައްސަލައެއް ވެސް އެޖެންޑާއަކު ނެތް،" ކަމަށް ވިދާޅުވުމަށް ފަހު ހިނދުކޮޅެއްގެ ހިމޭން ކަމަކަށް ފަހު ޖަލްސާ ނިންމަވާލައްވާފައެވެ.

މަޖިލީހުގެ ޖަލްސާތަށް މިހާރު ކުރިއަށް ގެންދަނީ ވިޑިއޯ ކޮންފަރެންސް މެދުވެރިކޮށް މެންބަރުން ގޭގައި ތިއްބަވައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން