މަރްޔަމް ނަހްދާ ވަޙީދު   3 އޮކްޓޯބަރު 2025 - 7:57
އެހެންމީހުންނަށް ނަމޫނާއަކަށްވެވޭނީ އެންމެންނާ އެކީ އުޅެން އެނގިގެން-
އެހެންމީހުންނަށް ނަމޫނާއަކަށްވެވޭނީ އެންމެންނާ އެކީ އުޅެން އެނގިގެން-
އިންސާނެއްގެ ހަޔާތުގައި، އެހެން މީހުންނަށް ފިލާވަޅެއް ނުވަތަ ހިތްވަރެއް ދެވޭ ފަދަ ބަޔަކަށް ވުމަކީ ވަރަށް މަތިވެރި އަދި މާތް މަގްސަދެކެވެ. ދިރިއުޅުމުގެ ކޮންމެ ހިސާބެއްގައި ވެސް، އެހެން މީހުންނަށް ރަނގަޅު ނަމޫނާއެއް ދައްކުވައިދީ، އެމީހުންނަށް ކުރިއެރުމަށް ބާރު އެޅުމަކީ އެހެން މީހުންގެ ލޯތްބާއި އެއްބާރުލުން ލިބިދޭ ކަމެކެވެ. އަދި މިއީ ޒާތީ ތަރައްގީއަށްވެސް އެހީތެރިވެދޭ ކަމެކެވެ. މިފަހަރު މި ހިމަނާލަނީ އެހެން މީހުންނަށް ފިލާވަޅެއް ނުވަތަ ހިތްވަރެއް ދެވޭނެ ފަދަ މީހަކަށް ވެވޭނެ ބައެއް ގޮތްތަކެވެ.

އެހެން މީހުންނަށް ހިތްވަރެއް ދިނުމަށް އެންމެ މުހިންމު އެއް ކަމަކީ، ތިމާގެ އަޚްލާޤާއި ސުލޫކުގެ ރިވެތިކަން ދެއްކުމެވެ. ތިމާގެ ޢަމަލުތަކުންނާއި ބަސްތަކުން އެހެން މީހުންނަށް ރަނގަޅު ނަމޫނާއެއް ދެއްކޭނަމަ، އެމީހުން ތިމާގެ މައްޗަށް އިތުބާރު ކުރާނެއެވެ. ހަމައެއާައެކު އަމާނާތްތެރިކަން، އަދި އިޚްލާސްތެރިކަން ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ކުރިއަށް ނެރުމަކީ، އެހެން މީހުން ތިމާ ދެކެ އިޙްތިރާމް ކުރުމަށް މަގުފަހިވާނެ ކަމެކެވެ. މިފަދަ ރިވެތި ސިފަތައް އަޅުގަނޑުމެންގެ ކިބައިން ފެނުމުން، އެހެން މީހުން ވެސް މިފަދަ ގޮތްތަކަށް ޢަމަލުކުރުމަށް ބާރު އަޅާނެއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް އިސްލާމީ ރިވެތި އުޞޫލުތަކަށް ޢަމަލުކުރުމަކީ، އެހެން މީހުންނަށް ހިތްވަރު ލިބޭނެ އެންމެ ވަރުގަދަ އަސާސެވެ.

ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި އުނދަގޫތަކާ ކުރިމަތިލުމުގައި ތިމާ ދައްކުވައިދޭ ހިތްވަރާއި ކެތްތެރިކަމަކީ ވެސް އެހެން މީހުންނަށް ވަރަށް ބޮޑު އިންސްޕިރޭޝަނެކެވެ. ހިތާމައެއް ނުވަތަ ނާކާމިޔާބީއެއް ދިމާވުމުން އުއްމީދު ކަނޑާނުލާ، އަލުން އަނބުރާ މަސައްކަތް ފަށައި، އަމާޒަށް ވާސިލްވުމަށް ކުރާ ގަދަ މަސައްކަތަކީ، އެހެން މީހުން ވެސް އެމީހުންގެ އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރުމަށް ބާރު ލިބޭނެ ކަމެކެވެ. ކޮންމެ ކަމެއްގައި ވެސް މާތް ﷲ އަށް ވަކީލުކޮށް، ސާބިތުކަމާއެކު ކުރިއަށް ދިއުމަކީ، އެހެން މީހުންނަށް ވެސް ފިލާވަޅެއް ލިބިގެންދާނެ ކަމެކެވެ.

ތިމާގެ ދިރިއުޅުމުގެ ތަޖުރިބާތަކާއި ދަސްވެފައިވާ އެއްޗެހި އެހެން މީހުންނާ ހިއްސާކުރުމަކީ، އެމީހުންނަށް ބޭނުންވާ މަގުދެއްކުމަށް އެހީތެރިވެދޭނެ ކަމެކެވެ. ކާމިޔާބީތަކާއި ނާކާމިޔާބީތަކުން ލިބުނު ފިލާވަޅުތައް އިޚްލާސްތެރިކަމާއެކު ހިއްސާކުރުމަކީ، އެހެން މީހުންނަށް ކުރެވޭ ކުށްތައް މަދުކޮށް، އެމީހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެހީވެދޭނެ ކަމެކެވެ. ހާއްސަކޮށް ޒުވާނުންނަށް މަގުދެއްކުމާއި އިރުޝާދު ދިނުމުގައި ތަޖުރިބާ ހިއްސާކުރުމަކީ، އެމީހުންގެ މުސްތަޤްބަލު އުޖާލާކުރުމަށް ދެވޭ ވަރަށް މުހިންމު އެހީތެރިކަމެކެވެ.

އަބަދުވެސް އަމިއްލަ ނަފްސު ތަރައްޤީކުރުމަށް މަސައްކަތްކުރުމަކީ، އެހެން މީހުންނަށް ހިތްވަރުދެވޭނެ އަނެއް ގޮތެކެވެ. އައު އިލްމުތައް ހޯދުމާއި، އާ ހުނަރުތައް ދަސްކުރުމާއި، އަބަދުވެސް ދިރިއުޅުމުގައި ކުރިއަށް ދިއުމަށް ގަދަ އަޒުމުގައި ހުރުމަކީ، އެހެން މީހުން ވެސް އެމީހުންގެ ޒާތީ ތަރައްޤީއަށް އިސްކަންދިނުމަށް ބާރުއަޅާނެ ކަމެކެވެ. ތިމާގެ އަމިއްލަ ދިރިއުޅުމަށް ބަދަލުތަކެއް ގެނެސް، އާ އަމާޒުތަކެއް ކަނޑައަޅައި، އެއަށް ވާސިލްވުމަށް މަސައްކަތް ކުރުމަކީ، އެހެން މީހުންނަށް ވެސް އެމީހުންގެ ދިރިއުޅުމުގެ ދަތުރު ފެށުމަށް ނުވަތަ ކުރިއަށް ގެންދިއުމަށް ބާރު ލިބޭނެ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު