އެމްޑީޕީން މުޒާހަރާ އަށް މިރޭ ނިކުންނަނީ މާލެތެރެ ހަލަބޮލިކޮށް، ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ނޫން ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި މިއަދު ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސާން ފައްޔާޒު އިސްމާޢިލް ވިދާޅުވީ، އެމްޑީޕީން މުޒާހަރާ އަށް މިރޭ ނިކުންނަނީ މާލެތެރެ ހަލަބޮލިކުރަން ނޫން ކަމަށެވެ. އެމްޑީޕީން ސަރުކާރާއި ދެކޮޅަށް ނިކުންނަނީ އިހުތިޖާޖު ކުރުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކޮށް، ޑިމާންޑްތައް ހުށަހެޅުމަށް ކަމަށް ފައްޔާޒު ވިދާޅުވިއެެވެ.

މުޒާހަރާގައި ގުރޫޕްތަކުން އެކި ސަރަހައްދުތަކަށް އެއްވެ މާލެ ތެރެ ހަލަބޮލިކޮށް ހަމަނުޖެހުން ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ނެރުނު ބަޔާނަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމްގެ ދައުރުގައި އެމްޑީޕީން ސިޔާސީ ހަރަކާތްތައް ފެށިއިރު، ފުލުހުން ހަމަ އެގޮތަށް ބަޔާން ނެރުނު ކަމަށެވެ. ފައްޔާޒު ވިދާޅުވީ ބަޔާންތަކުން ވެސް ރައްޔިތުންގެ ޝުޢޫރުތައް ހިފެހެއްޓޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މި ނިކުންނަނީ އެއްގޮތަކަށް ވެސް މާލެތެރެ ހަލަބޮލިކުރާކަށް ވެސް ނޫން، ސަރުކާރު ވައްޓާލާކަށް ވެސް ނޫން. އަޅުގަނޑުމެން މި ނިކުންނަނީ އިހުތިޖާޖަކަށް، އަޅުގަނޑުމެންގެ ކަންބޮޑުވުމުގެ ވާހަކަ އަޅުގަނޑުމެން ދައްކާނަން. އަޅުގަނޑުމެން ޑިމާންޑުތައް ކުރާނަން." ކުރީގެ އިކޮންމިކް މިނިސްޓަރު ކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒަށް ވެސް މީގެ ކުރީގެ ފިކުރުގެ ވެރިންނަށް ގަބޫލުކުރެވުނު ގޮތަށް، ބިރުދައްކައިގެން ނުވަތަ ޖަލަށްލާނެ ކަމުގެ އިންޒާރުދީގެން ރައްޔިތުންނާއި ޕާޓީގެ ލީޑަރުންގެ ޝުޢޫރުތައް ހިފެހެއްޓޭނެ ކަމަށް ހީފުޅުވެދާނެ ކަމަށެވެ. ނަމަވެސް އެފަދަ ކަންކަން އެތައް ފަހަރަކު ޓެސްޓު ކުރެވިފައިވާއިރު، އެފަދަ ކަމަކުން ރައްޔިތުންގެ އަޑު ނުހިފެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެވެސް ދުވަސްކޮޅެއް ވަންދެން މީހުންނަށް އަނިޔާކޮށްގެން އާ ހިތްހަމަޖެހުމެއް ލިބިދާނެ. އެކަމަކީ ހިފެހެއްޓޭނެ ކަމެއް ނޫން،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވަނީ ސަރުކާރުގެ ކަންބޮޑުވުން ހުރި ސަބަބުތަކަށް ވެސް އަލިއަޅުވާލައްވާފައެވެ. ސަރުކާރުން މިހާރު ދައްކަނީ ރައްޔިތުން ވަރަށް ހިތްހަމަޖެހިފައި ތިބި މަންޒަރެއް ކަމަށާއި، އެމްޑީޕީން ނިކުމެ ވާހަކަދައްކަނީ ނުވަތަ މީޑިއާއިން ދޮގު ވާހަކަދައްކަނީ ކަމަށް ބުނެ ނުބައި ސޫރައެއް ދައްކަން ސަރުކާރު މަސައްކަތްކުރާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ނަމަވެސް ސީދާ ސަރުކާރުގެ ޕީއެންސީގެ އިސް މަޤާމުތަކުގައި ތިބި މީހުންނަށް ނޫނީ މި ސަރުކާރަށް ތާއީދެއް އޮތްތޯ ފައްޔާޒު ސުވާލުކުރެއްވިއެވެ. ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާކުރުމަށް ނިކުމެއްޖެނަމަ، ސަރުކާރާ ދޭތެރޭގައި ހިތްހަމަނުޖެހުން އޮތްކަން މުޅި ރައްޔިތުންނަށް ފެންނާނެތީ އެކަން ހުއްޓުވަން ސަރުކާރުން މަސައްކަތްކުރަނީ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

"ލޫޓުވައިފި، ލޫޓުވައިފި" ނަމުގައި ސަރުކާރާއި ދެކޮޅަށް އެމްޑީޕީން ބާއްވާ މުޒާހަރާ އޮންނަނީ މިރޭ 08:30 ގައި އާޓިފިޝަލް ބީޗުގައެވެ. މިމުޒާހަރާ އަކީ، މި ސަރުކާރުން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، ދައުލަތުގެ ޚަޒާނާ ލޫޓުވާލާފައިވާކަމަށް ބުނެ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ހިތްހަމަނުޖެހުމާއި ކަންބޮޑުވުން ފާޅުކުރުމަށް ރޭވިފައިވާ ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ. އެ މުޒާހަރާގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިހާރު ވެސް ވަނީ މާލެ އަރާފައެވެ. މި މުޒާހަރާ އާއި ގުޅިގެން ފުލުހުންނާއި ސިފައިން އެލާޓް ސްޓޭޓަސް މަތިކޮށް މިހާރު ވަނީ ތައްޔާރީ ހާލަތުގައެވެ.



ކިޔުންތެރިންގެ ހިޔާލު