ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ކުރީގެ ރައީސް މުހައްމަދު ނަޝީދު-
އެމްޑީޕީން ރޭ ބޭއްވި "ލޫޓުވާލައިފި" މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގައި މިވަގުތު ތިބި މީހުން ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރޭގެ މުޒާހަރާގައި ފުލުހުން ޖުމުލަ 8 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ދެމީހުން ވަނީ ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލާފައެވެ. އެގޮތުން މުޒާހަރާއިން ހައްޔަރުކުރި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު އާއި މުހައްމަދު ޚަލަފު އިބްރާހިމް ކިޔާ މީހެކެވެ. މީގެ ތެރެއިން ޚަލަފް ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް، އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ.

ކޯޓުން އަމުރުކުރީ ދެންތިބި ހަ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު އާއި، މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އާއި، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު އާއި، އަލީ ޖުމާން އާއި، އަޒްމީ އަލީގެ އިތުރުން ހަސަން ޝާކިރެވެ.

މި މީހުންގެ ބަންދަށް 15 ދުވަސް ޖެހުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ނަޝީދް ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަން ކަމަކީ ގާނޫނުއަސާސީން ފުރިހަމައަށް ލިބިދީފައިވާ ހައްގެއް ކަމަށާއި، އެ ހައްގު ދަމަހައްޓައި ރައްކާތެރިކުރަން ޖެހޭނެ ކަމަށެވެ.

އެހެންކަމުން ސަރުކާރާ ދެކޮޅަށް ރޭ ބޭއްވި މުޒާހަރާގައި ހައްޔަރުކުރި އެންމެން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ނަޝީދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު