ލޫޓުވާލައިފި މުޒާހަރާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު-
ލޫޓުވާލައިފި މުޒާހަރާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު-
ރައްޔިތުންގެ އަޑު ކަނޑުވާލުމަށް އަނިޔާވެރިކަން ބޭނުން ކުރުމަކީ، ސަރުކާރުގެ ހުރިހާ ގާނޫނީ ހައިސިއްޔަތެއް ގެއްލެމުންދާ ކަމުގެ ހެއްކެއް ކަމުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައި ވަނީ ރޭ ބޭއްވި 'ލޫޓުވާލައިފި' މުޒާހަރާގެ ތެރެއިން ފުލުހުން ޕެޕާ ސްޕްރޭ ޖަހައި ބާރުގެ ބޭނުންކުރުމުން ހާޓް އެޓޭކެއް ޖެހި ފަރުވާ ދެމުން އަންނަ އެމްޑީޕީގެ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް މުޙައްމަދު ރަސްލާން އަށް އަވަސް ޝިފާ އަކަށް އެދިވަޑައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރައީސް ސޯލިހު ވިދާޅުވީ އެއްވުން ރުޅާލުމަށް ސަރުކާރުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާތީ އެކަން ކުށްވެރިކުރައްވާ ކަމަށެވެ. އަދި ފުލުހުންގެ އަމަލުތަކުގެ ސަބަބުން ހާޓް އެޓޭކެއް ޖެހިގެން ފަރުވާދެމުންދާ ރަސްލާންހެ ހާލަތާމެދު ކަންބޮޑުވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"ރައްޔިތުންގެ އަޑު ކަނޑުވާލުމަށް އަނިޔާވެރިކަން އިސްކުރުމަކީ ސަރުކާރުގެ ލެޖިޓިމަސީ ގެއްލެމުންދާ ކަމުގެ ފުރިހަމަ ހެއްކެއް،" ރައީސް އިބޫ ވިދާޅުވިއެވެ.



އެކްސްގައި ހިއްސާކުރިމެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ ރޭގެ މުޒާހަރާގައި ހައްޔަރު ކުރި ފަރާތްތައް ހައްޔަރުކުރެވިފައިވަނީ ޤާނޫނު އަސާސީން އެންމެންނަށް ލިބިދީފައިވާ ޙައްޤު ކަމުގައިވާ ސުލްޙަވެރިކަމާއެކު އެއްވެ އިހުތިޖާޖުކުރުމުގެ ޙައްޤު ބޭނުންކުރުމުގެ ސަބަބުން ކަމަށެވެ.

އެހެންކަމުން ރޭ ހައްޔަރުކުރި އެންމެން އެއްވެސް ޝަރުތަކާ ނުލާ ވަގުތުން ވަގުތަށް ދޫކޮށްލުމަށް ރައީސް ސޯލިހު ވަނީ ގޮވާލާފައެވެ.



ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ނުބައްދަލު ބާރުގެ ބޭނުންކުރުމާއި، އަނިޔާވެރި ގޮތްތަކުން ޖަމާވެފައިވާ މީހުން ރޫޅާލުމާއި، ޤާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރުމަކީ ސަރުކާރެއް އަވަސް ސްޕީޑެއްގައި އިސްތިބްދާދީ ވެރިކަމަކަށް ވެއްޓެމުންދާކަމުގެ ނިޝާންތައް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު