ޞާދިރު ޢަލީދީދީ   24 ސެޕްޓެމްބަރު 2020 - 12:41
ދިޔަރެސް
ދިޔަރެސް
އެޕިސޯޑް 07

...............

[މިގޭގައި އުޅެނީ މުޢާޒު އެކަނިތަ؟ ދެން ނުހުރޭތަ ދައްތަގެ އިތުރު ކުއްޖަކު.] މިހާރު ސުދާވަނީ އެގެޔާބެހޭ އިތުރު މަޢުލޫމާތުތަކަށް ނުހަނު ބޭނުންވެފައެވެ.

[ނޫނޭ އަދި މިގޭގައި ހުންނާނެ އެއް ފިރިހެން ކުއްޖަކު. އެކަމަކު އޭނަ މިވަގުތުވީ ކޯހެއް ފުރިހަމަކުރުމަށް މެލޭޝިޔާގައި. އަންނާނީ ދެއަހަރު ފަހުން.]

އެމީހުން ކާގެޔަށް ވަންއިރު ޒަކީމެން ތިބީ ލަސްވެފައެވެ. ކައިގެން ކޮޓަރިއަށް ވަންއިރުވެސް އެރޭ އޭނާއަށް ނިދަން އުނދަގޫވާނެކަން ސުދާއަށް އެނގެއެވެ. އެހެންވެ ބައްޕައަށް ނިދުނުއިރުވެސް އޭނާ އޮށޯންނާކަށް ޤަޞްދެއް ނުކުރިއެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީ މީގެ ދޮޅުއަހަރެއްހާ ދުވަސް ކުރީގެ ހަނދާންތަކެކެވެ. މިހާރު އޭނާގެ ހިތަށްއަރަމުން ދެއެވެ. ކުށްވެރިޔަކީ ކާކު ހެއްޔެވެ؟ އޭނާ ޔަޤީން ކުރެއެވެ. އޭނާ ކުށެއް ނުކުރެއެވެ. އޭނާ މީހަކަށް އޮޅުވައެއްނުލައެވެ. އޭނާއަށް ކުރެވުނުހާވެސް ކުށަކީ ލޯބިވުމެވެ.

މިކަހަލަ ޚިޔާލުތަކެއްގައި އެރޭގެ ބޮޑު ބައެއް އޭނާއަށް ހޭދަކުރަން ޖެހުނެވެ. އެހެންވުމުން ހެނދުނު އޭނާއަށް ހޭލެވުނީ ބައްޕައަށްވުރެންވެސް ފަހުންނެވެ. އެއީ މީގެކުރިން ދުވަހަކުވެސްވީ ކަމެއް ނޫނެވެ. އަބަދުވެސް އޭނާ ފަތިސް ނަމާދަށް ހޭލައެވެ. ބައްޕައަށްވެސް ގޮވަނީ އޭނާއެވެ.

ހޭލެވުމާއެކު މޫނު ދޮވެލައިގެން އޭނާ ދިޔައީ ބަދިގެޔަށެވެ. އޭރު އަދި ފިރާޝާގެ ދެމަފިރިންވެސް ނުހޭލައެވެ. ނަމަވެސް ޒަކީއާއި ޙަފީޒާ ހޭލާއުޅެއެވެ.

[ދައްތާ ކޯއްޗެއްތަ މިގޭގައި ހެނދުނު ސަޔަށް ހަދަނީ؟] ސުދާ ޙަފީޒާއާ އަރާހަމަކޮށް އެއްސެވެ.

[ރޮށި ފިހެލަނިކޮށް ރަނގަޅުވާނެ. ރޭގައި ފިރާޝާ ހުންނާނީ ރިހަ ކައްކާފައި.] ޙަފީޒާ މިހެން ބުނުމުން ސުދާ އަވަސްވެގަތީ ފިރާޝާމެން ހޭލުމުގެ ކުރިން ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށެވެ. ފިރާޝާ އައިސް ބަދިގެއަށް ވަނީ ނާސްތާ ތައްޔާރުކޮށް ނިމުނުތަނާހެނެވެ.

[އަނހަ ސުދާ...ރޭގައި އަހަރެމެން ނިދަން އޮށޯތީ ވަރަށް ގިނައިރު ވަންދެން އިންތިޒާރު ކުރުމަށްފަހު...ސައި ހަދައިފިންދޯ. އަންނާނަން މުޢާޒު ގޮވައިގެން.] ފިރާޝާ ނުކުތެވެ. ސުދާގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ. އޭނާއަށް މުޢާޒާ ކުރިމަތިލެވިދާނެ ހެއްޔެވެ. އޭނާ އޭނާގެ ނަފްސަށް އިތުބާރެއް ނުކުރެއެވެ. އެކަން އޭނާގެ ޙަރަކާތުންނާއި ޢަމަލުން ނިކަން ރަނގަޅަށް ސާބިތުވެއެވެ. އޭނާ މުޢާޒު އައުމުގެ ކުރިން ކާގެއިން ނުކުމެއްޖެއެވެ. ޔަޤީނެވެ. އޭނާ ފެނުމުން މުޢާޒަށް ލިބޭނީ ކުއްލި ޙައިރާންކަމެކެވެ.

[މުޢާޒު...އާދޭ ނާސްތާ ކުރަން. އަހަރެން ދިޔައިރު ސުދާ ބަދިގޭގެ ހުރިހާ ކަމެއް ނިންމައިފި.] ފިރާޝާ ކޮޓަރިއަށް ވަންނަމުން ފިރިމީހާއާ މުޚާޠަބު ކުރިއެވެ.

[އޭނ....ސުދާއޭ!؟] މުޢާޒުގެ ސިކުނޑިއަށް ކުރީގެ ހަނދާންތަކެއް އާވާން އުޅުނެވެ.

[އާނ....ދަންނަންތަ ސުދާ....] ފިރާޝާ އެހިއެވެ.

[އުނހު...ކޮންމެވެސްވަރަކަށް އަޑުއަހާ ނަމެއްހެން ހީވާތީ އަހާލެވުނީ.] މުޢާޒު ބުންޏެވެ.

[އަން ކިޔައިފިއްޔާ މުޢާޒު ދަންނާނެ.] ފިރާޝާ ދިމާކޮށްލިއެވެ.

[ފިރިހެން ކިޔައިފިއްޔާ، ފިރާއަށްވެސް އެނގޭނެ.] މުޢާޒު ފިރާޝާގެ ސަމާސާގައި ބައިވެރިވިއެވެ.

[އަވަހަށް ހިނގާބަލަ....ކޮފީތަށި ހިހޫވެދާނެ. މިއަދު ކޮފީވެސް ގިރީ ސުދާއޭ.] ފިރާޝާ ނުކުތެވެ. ފަހަތުން މުޢާޒުވެސް ނުކުމެއްޖެއެވެ.

ސުދާވަނީ ފެންވަރަން ފާޚާނާއަށެވެ. ވެދާނެއެވެ. މުޢާޒާ ކުރިމަތިލާނެ ހިތްވަރު އޭނާގެ ކިބައިގައި ނެތީއެވެ. އެހެން ނޫންނަމަ، އޭނާ އެވަގުތު ފާޚާނާއަށް ވަނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

ފިރާޝާއާއި މުޢާޒު ކާގެޔަށް ވަދެ ސުދާ ހޯދިއެވެ.

[މަންމާ ކޮބާ ސުދާ؟] ފިރާޝާ އެހީ، ކާގޭގައި ނާސްތާ ކުރަން އިން މަންމަ ކައިރިންނެވެ.

[ފެންވަރަން ވަދެއްޖެ.] ޙަފީޒާ ޖަވާބު ދިނެވެ. ސުދާ ފާޚާނާއިން ނުކުތީ މުޢާޒު އޮފީހަށްދާހާއިރު ކޮށްފައެވެ. އޭރު އޭނާގެ ބައްޕަ ވަސީމްވެސް ގޭގައި އުޅެއެވެ.

[ދަރިފުޅު ނުނުކުމެގެން ބައްޕަ އިންނަތާ މިހާރު ކޮންއިރެއް؟] ސުދާ ރަކިގޮތަކަށް ހީލަމުން ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. ވަސީމް ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ސުދާ ރީތިވެލައިގެން ކޮޓަރިން ނުކުތެވެ. އޭރު ފިރާޝާ ނާސްތާކޮށް ނިމި، ތަށިތައްވެސް ދޮވެ ނިންމައިފިއެވެ.

[ސުދާ އަދި ސައިވެސް ނުބޮމެއްނު...އާދޭ ސައިބޯން.] ފިރާޝާ ބުންޏެވެ.

[އަހަންނަށް މާ ހެނދުނާ ސައެއް ނުބޮވޭނެ. އަހަރެން ތަންކޮޅެއް ފަހުން ސައިބޮއިފާނަން.] ކައިރީ ހުރި ގޮނޑިއެއްގައި ސުދާ އިށީނެވެ. ފިރާޝާ ނުކުތެވެ. އެވަގުތު ސުދާގެ ހިތަށް އަރަމުން ދިޔައެވެ.

[މިގޮތަށް މުޢާޒަށް ނުފެނި މިގޭގައި އުޅެވޭނީ ކިތައް ދުވަސް ވަންދެން ހެއްޔެވެ. އަހަންނަށް މުޢާޒާ ކުރިމަތިލެވޭނެ ހެއްޔެވެ؟ ނޫނީ އޭނާގެ ކުރިމައްޗަށް އަރައި، އަދިވެސް ލޯބިވާ ވާހަކަ ބުނަންވީ ހެއްޔެވެ؟ ގައިމެވެ. އަހަރެން ކުށެއް ނުކުރަމެވެ. އޮޅުވައެއްވެސްނުލަމެވެ. ލޯބިވެސްވީމެވެ. އިންތިހާއަށެވެ. ދެވަނަފަހަރަކަށް އެހެން މީހަކުދެކެ ލޯބިނުވެވޭވަރަށެވެ.] މުޢާޒުގެ ޚިޔާލުތައް ސުދާގެ ސިކުނޑިއަށް ފުނިޖެހެމުން ދަނިކޮށް، އިވުނު ބައްޕަގެ އަޑުން ސުދާއަށް ތެޅިގަނެވުނެވެ.

[ދަރިފުޅާ...ކޮން ފިކުރެއްގައި...ފޫހިވަނީތަ؟] ވަސީމް ސުދާގެ ބޮލުގައި އަތް ކާއްތާލިއެވެ.

[އުނހު...ބައްޕަ އާދޭ ސައިބޯން.] ސުދާ ގަދަކަމުން ހިނިތުންވެލިއެވެ. އެކަން ވަސީމަށް ފާހަގަކުރެވުނުލެއްވެސް އަވަހެވެ.

[ދަރިފުޅާ...ދަރިފުޅު ހާދަ ފާޑަކަށް ތި ހުންނަނީ؟ އަނެއްކާ ދަރިފުޅު ބައްޕައަށް ކަމެއް ސިއްރު ކުރަނީތަ؟] ވަސީމް ދަރިފުޅުގެ އިޙްސާސްތައް ދެނެގަތްކަހަލައެވެ.

[ނޫނޭ ބައްޕާ...އަހަރެން ބައްޕައަށް ކަމެއް ސިއްރު ކުރާނެތަ؟ ބައްޕަ އަހަންނާ ދޭތެރޭ މާބޮޑަށް ވިސްނާތީ ހީވާގޮތެއް ތިއީ.] ސުދާ ޖޯޑަށް ސައިއަޅަން ފެށިއެވެ.

[ތިހެންވީއިރު ދަރިފުޅު ނާސްތާ ކޮށްފިންތަ؟] ވަސީމް ނާސްތާ ކުރަން ފަށަމުން އެއްސެވެ.

[އުނހު...ތަންކޮޅެއް ފަހުން ސައިބޮއިފާނަން.] ސުދާގެ މި ޖަވާބަށްފަހު، ވަސީމް އިތުރަކަށް ދަރިފުޅާ ސުވާލެއް ނުކުރެއެވެ. ނާސްތާ ކޮށްގެން ވަސީމް ދިޔުމުން ސުދާވެސް ކުޑަގޮތަކަށް ނާސްތާ ކޮށްލުމަށްފަހު ނުކުތެވެ.

އޭރު ބޮޑުކޮޓަރީގައި ޙަފީޒާ އިނެވެ. ފިރާޝާވެސް ކޮޓަރިތެރޭން ޙަރަކާތްތެރިވާ އަޑު އިވެއެވެ. ސުދާއަކީ ޢާންމު ދިރިއުޅުމުގައި ބޭކާރު ގޮތުގައި ހުސްވަގުތު ހޭދަކުރާ ކުއްޖެއް ނޫންކަން އޭނާ އެގެޔަށް އައި ފުރަތަމަ ދުވަހުވެސް ޙަފީޒާމެނަށް ފާހަގަކުރެވުނެވެ. ހެނދުނުގެ ނާސްތާއަށްފަހު އޭނާ ފެށީ ގޯތިތެރެ ކުނިކަހާ ސާފުކުރުމަށެވެ.

ދޮރާށި ހުޅުވާފައި މުޢާޒު އައިސްވަނީ ސުދާ ގޯތިތެރެ ކުނިކަހަން ފެށިތަނާހެނެވެ. ކުނިކަހަން އޮތް ސުދާ ފެނުމާއެކު މުޢާޒު ހުއްޓުނެވެ. ޙައިރާންކަމާއެކު ޤަބޫލުކުރަން ދަތިވެފައި އޭނާއަށް ހުއްޓި ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގޭނެއެވެ.

[ސުދާ.....!؟] މުޢާޒު ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. ސުދާއަށް މުޢާޒު ފެނުނީ އިރުކޮޅެއްގެ ފަހުންނެވެ. މުޢާޒާ ހަތަރުކަޅި ހަމަވި ވަގުތު އޭނާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެނެވެ. އޭނާގެ ދުލުންވެސް މަޑުމަޑުން ނުކުތީ މުޢާޒުގެ ނަމެވެ.

[މުޢާޒު.......]

[ސުދާ......؟] ބޭއިޚްތިޔާރުގައި މުޢާޒުގެ ދުލުން ބޭރުވިއެވެ. ސުދާ ދެތުންފަތުގައި ދަތް އަޅާލުމަށްފަހު ބޯޖަހާލިއެވެ. އޭރު ސުދާގެ ދެލޯވަނީ ފެންކަޅިވެފައެވެ. އެވަގުތު އެއްވެސް އިޚްތިޔާރަކާ ނުލައި، މުޢާޒުގެ ސިކުނޑީގައި އެނބުރެން ފެށީ ދުވަސްތަކެއްގެ ކުރީގެ މާޒީއެކެވެ. އާއެކެވެ. އެއީ މީގެ ދޮޅުއަހަރެއްހާ ދުވަސް ކުރިއެވެ. ޗުއްޓީ ދަތުރެއްގައި ރައްޓެހި ކުދިބަޔަކާއެކު ރ. އަތޮޅު އުނގޫފާރަށް މުޢާޒު ދިޔައެވެ.

މުޢާޒާއި ސުދާ ފުރަތަމަފަހަރަށް ބައްދަލުވީ، އެރަށު ދެކުނުފަރާތު އަތިރިމަތިންނެވެ. ސުދާގެ ފުރަތަމަ ފެނިލުމާއެކުވެސް އޭނާގެ ހިތުގައި ސުދާއާ ދޭތެރޭ ނޭނގޭ ޝުޢޫރުތަކެއް އުފެދުނެވެ. ފުރަތަމަ ފެނިލުމާއެކުވެސް އޭނާ ސުދާއާ ވާހަކަ ދައްކަން ބޭނުންވިއެވެ. ނަމަވެސް އޭނާއަކަށް ހިތްވަރެއް ނުލިބުނެވެ. އެހެންވެ އޭނާ ސުދާއާ ބެހޭގޮތުން މަޝްވަރާކުރީ އޭނާގެ ރަޙްމަތްތެރިއަކާއެވެ. ނާޝިދު ކޮންމެވެސްވަރަކަށް ސުދާ ދަނެއެވެ.

[އެކުއްޖާއަށް ކިޔަނީ ސުދާ. އެއީ މިއަތޮޅު އިންނަމާދޫ ކުއްޖެއް. ޗުއްޓީގައި މިރަށަށް އައިސް އުޅޭތާ ދުވަސްކޮޅެއް ވެއްޖެ. ވަރަށް ހިތްގައިމު ގޮތެއް ހުރޭދޯ؟] ނާޝިދު މުޢާޒަށް ސުދާގެ ތަޢާރަފް ދިނެވެ.

[އަހަންނަށް ވާނެތަ؟ ނާޝިދު ޓްރައިއެއް ޖަހާލަދީބަލަ.] މުޢާޒު އެދުނެވެ.

[ކީއްވެ ނުވާންވީ...ވާނެ. އަހަރެންވެސް ހުސްނަމަ، ޓްރައި ކުރީމުހޭ.] ނާޝިދު ހީގަތެވެ. ނާޝިދުގެ އަންހެނުން ލީނާ އެތަނަށް އައިސް ހުއްޓުނީ އެވަގުތުއެވެ.

[ލީނާ....މިރަށަށް އައިސް އެބައުޅެއެއްނު އިންނަމާދޫ ކުއްޖެއް. މި މުޢާޒަށް އެމަންޖެ މާކަމުގޮއްސިޔޯ. ލީނާ އެމަންޖެ ދަންނަންތަ؟] ނާޝިދު ބުންޏެވެ.

[މާރަނގަޅަކަށް ނުދަންނަން. މިހާރު އެކުއްޖާ މިރަށުގައި އުޅޭތާ ހަފްތާއަކަށްވުރެން ގިނަދުވަސް ވެދާނެ. އޭނަ އުޅެނީ ނާޝިދުގެ ބޮޑުދައިތަމެން ގޭގައެއްނު.] ލީނާ އޮޅުންފިލުވައިދިނެވެ.

[ނާ ހަމަ ތެދެއްތަ؟ ތިހެންވީއިރު މިއަދުވާނެ އެގެޔަށް ދާން....ނާޝިދު ހިނގާ އެގެޔަށް ދާން.] މުޢާޒު ތެދުވިއެވެ.

[ހާދަ ކެތްތެރިކަން ކުޑައޭ. އިހަށް މަޑުކޮށްބަލަ...ސައިވެސް ބޮއިގެނެއްނު ދާންވާނީ.] ނާޝިދު މުޢާޒުގެ އަތުގައި ހިފާ ދަމާ ގޮނޑިއަށް ވައްޓާލިއެވެ.

[ލީނާ އާދޭ ސައިހަދަން.] ނާޝިދު އެދުނެވެ. ލީނާ ގޮސް ކާގެޔަށް ވަނެވެ. އެދުވަހު ސައިބޮއިގެން އެމީހުން ދިޔައީ ނާޝިދުގެ ބޮޑުދައިތަމެން ގެޔަށެވެ. އެއީ ނާޝިދު އެގެޔަށް ނުދާތާ ދެހަފްތާ ފަހެވެ. އެމީހުން ދިޔައިރަކު ސުދާއެއް ނޫޅެއެވެ. ގޭގައި އުޅެނީ ހަމައެކަނި ބޮޑުދައިތަ ޙަސީނާއެވެ.

[ކާކު މިގެ ދެއްކީ؟ ހުވަފެނެއް ފެނުނީތަ؟] ނާޝިދުމެން ވަނުމާއެކު، ޙަސީނާ ޝަކުވާ ކުރިއެވެ.

[ހުވަފެނެއް ފެނުނީކީ ނޫނޭ. ބޮޑުދައްތާ....އަހަންނަށް ނާދެވުނަސް އަހަރެންގެ އަންހެނުން އާދެއެއްނު.] ނާޝިދު ގޮނޑިއެއްގައި އިށީނެވެ.

[ލީނާވެސް ވަދެނުލާތާ މިހާރު ދެދުވަހެއްވަރު ވެދާނެ. ތިއީ ކޮންރަށަކު ކުއްޖެއްތަ؟] ޙަސީނާ ކިޔަން އިން ފޮތް މޭޒުމަތީގައި ބާއްވާލިއެވެ.

[މާލޭ....އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް. ބޮޑުދައްތާ މިގޭގައި ހުސް ކޮޓަރިއެއް ނެތްތަ؟ އަހަރެމެންގެ ކޮޓަރި ހޫނުގަދަކަމުން، މި މުޢާޒު އުޅެނީ އަބަދުވެސް ނުނިދިގެން. މީނަ ފުރަންވަންދެން މިގޭގައި ބަހައްޓަން ކަމަށް މިއައީ....] ޙަސީނާގެ ސުވާލަށް ޖަވާބު ދިނުމަށްފަހު ނާޝިދު އެއްސެވެ.

[މިގޭ މުޙަންމަދު ކޮޓަރި އެބަހުރި ހުހަށް. ނާޝިދު ވަދެ އެތަން ބަލައިލަބަލަ. މިހާރުވެސް މިގޭގައި އެބައުޅޭ ބީރައްޓެހި ކުއްޖަކު. އެކުއްޖާ އެޅުނީ މުޙަންމަދު ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގައި.] ޙަސީނާގެ ޖަވާބުން މުޢާޒުގެ އުންމީދު އާވިއެވެ. ސުދާއާއި ޙަސީނާގެ އަންހެން ދަރިފުޅު ޔުމްނާ ގެޔަށް އައިސް ވަނީ އެވަގުތުއެވެ.

[ނާޝިދުބޭ.....] ޔުމްނާ އެތެރެއަށް ވަންނަމުން ނާޝިދަށް ގޮވާލިއެވެ. އޭރު މުޢާޒުގެ ނަޒަރު ހުއްޓިފައިވަނީ ސީދާ ސުދާއަށެވެ. ސުދާއަށް އެކަން ފާހަގަކުރެވުނުވެސް މެއެވެ. އެހާވަރަށް މީގެކުރިން އޭނާއާ ދިމާއަށް މީހަކު ދުވަހަކުވެސް ބަލާފައެއް ނުވެއެވެ. މުޢާޒުގެ އެ ޢިޝްޤީ ބެލުމުގެ ސަބަބުން ސުދާ ފިސާރި އަވަހަށް ރަކިވިއެވެ. އޭނާ އިސްޖަހާލަމުން މުޢާޒުގެ ނަޒަރުން ގެއްލިގެންފިއެވެ. ސުދާގެ އެ ލަދުވެތި ޙަރަކާތުން މުޢާޒުގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

[ނާޝިދުގެ ރޭވުން ހާދަ މޮޅޭ. އަހަރެން މިއަދު ހަމަ އެގެޔަށް ބަދަލުވާންވީތަ؟] މުޢާޒު ނާޝިދާ ވާހަކަ ދެއްކީ ގެޔަށް އައި މަގުމަތިންނެވެ.

[އަހަރެން މަގުފަހިކޮށްދީފިން. ކާމިޔާބު ކުރުން އެއީ މުޢާޒުގެ އަމިއްލަ ޒާތުގައިވާ ކަމެއް. މިއަދުވާނެ ދަބަސް ހިފައިގެން އެގެޔަށް ބަދަލުވާން.] ކުރެވުނު މޮޅު ކަންތަކާމެދު ނާޝިދު ހުރީ ފަޚްރުވެރިވެފައެވެ.

[ކިހނެއް އޭނާއާ ކުރިމަތިލާނީ...ދީބަލަ ލަފައެއް.] މުޢާޒު އަދިވެސް އިތުރަށް ނާޝިދުގެ ލަފާ ބޭނުންވިއެވެ. ނާޝިދު މުޢާޒަށް ޚިޔާލުދިނީ އަމިއްލަ ތަޖްރިބާގެ އަލީގައެވެ.

[އަހަރެން ބުނާގޮތަށް ކުރިޔަށް ގެންދިޔައީމަ، އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ.] ނާޝިދު ބުންޏެވެ. އެދުވަހު އިރުއޮއްސުމުގެ ކުރިން ނާޝިދު މުޢާޒުގެ ބޮޑުދައްތަމެން ގެޔަށް ބަދަލުކުރިއެވެ. އެރޭ ނާޝިދު ގެޔަށް ދިޔައީ މުޢާޒަށް ކަންތައް ކުރަންވީގޮތް ވަރަށް ސާފުކޮށް ބުނެދީފައެވެ. ގެޔަށް ދަމުން އޭނާއާއި މުޢާޒުގެ އަގު ވެއްޓޭ ޒާތުގެ ކަމެއް ނުކުރުމަށްވެސް އޭނާ މުޢާޒަށް ނަޞޭޙަތްތެރިވިއެވެ.

އާދައިގެ މަތިން އެދުވަސްވެސް ފާއިތުވެއްޖެއެވެ.

ޖެހިގެން އައި ދުވަހު ސުދާއަށް ތަންކޮޅެއް ފަތިހާ ހޭލެވިއްޖެއެވެ. ހޭލެވުމާއެކު އޭނާއަށް ބަލައިލެވުނީ ޖެހިގެން ހުރި އެނދަށެވެ. ޔުމްނާ އޮތީ ގުގުރީގައެވެ. އެހެން ނަމަވެސް، ކޮޓަރިއަށް އިތުރު މީހަކު ވަދެފައިވާ ކަމުގެ އިޙްސާސް އޭނާއަށް ކުރެވުނެވެ. އޭނާ ތެދުވިއެވެ. ވަށައިގެން ހޯދާލިއެވެ. މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް، އޭނާއަކަށް ޔަޤީންކަމެއް ނުލިބުނެވެ. އޭނާ ތެދުވެގެން ގޮސް ހޮޅިބުރި ދިއްލިއެވެ. އަނެއްކާވެސް ވަށައިގެން ހޯދަން ފަށައިފިއެވެ. ޔުމްނާ ނިދާފައި އޮތް އެނދުގެ ބޯލާކޮޅުގައި އޮތް ރަތް ފިނިފެންމާ އޭނާއަށް ފެނުނީ ހޯދާތާ އިރުކޮޅެއް ފަހުންނެވެ.

ކާކުބާ ކޮޓަރިއަށް ވަނީ؟] ހިތަށް އެރި ސުވާލު ސުދާގެ ދުލުން ބޭރުވިއެވެ. ވައިއަޑުންނެވެ. އެވަގުތު ޔުމްނާ ފުރޮޅިލިއެވެ. ސުދާ މަޑުމަޑުން ޔުމްނާއަށް ގޮވާލިއެވެ.

[ޔުމްނާ...ޔުމްނާ....] ޔުމްނާއަށް ގޮވަމުންދިޔައިރުވެސް ސުދާގެ ނަޒަރު ހުއްޓިފައިވަނީ ފިނިފެންމަލަށެވެ.

[އޫނ....ނުނިދިގެންތަ ތިއުޅެނީ؟ ކިހިނެއްވީ؟] ޔުމްނާ ދެލޯ އުނގުޅަމުން ދިޔައެވެ.

[ބަލާބަލަ...ކޯޗެއް ތިއޮތީ؟] ސުދާ އިޝާރާތް ކުރީ މަލަށެވެ. ޔުމްނާ ޙައިރާންވެފައި ހުރެ މާ ނަގައިފިއެވެ.

[ކާކު ގެނައި އެއްޗެއް؟] ނޭފަތުކުރީގައި ޔުމްނާ މާ ޖައްސާލިއެވެ.

[ނޭނގެ...އަހަންނަށް ހޭލެވުނީ މީހަކު ކޮޓަރިއަށް ވަންހެން ހީވެގެން. އަނދިރިކަމުން ތަނެއްދޮރެއް އެނގެނީކީ ނޫންވިއްޔަ. އަހަރެން އަވަސް އަވަހަށް ހޮޅިބުރި ދިއްލީ. އެކަމަކު މީހަކު ނެތް. އިތުރު އެއްޗަކަށް އޮތީ ތި މާ.] ސުދާ އޮޅުންފިލުވައިދިނެވެ.

[ކޮންތާކު ތި މާ އޮތީ؟] ޔުމްނާ އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ.

[ތި އޮތްތާ ތިއޮތީ. ތި ވާނީ ޔުމްނާއަށް ކޮށްފައި އޮތް ހަދިޔާއަކަށް. މިއަދު މިގެޔަށް އަލަށް އައި މެހްމާނުގެ ކަމެއްކަންނޭނގެ.] ސުދާއަށް ޝައްކުވިއެވެ.

[އޭނަ ކީއްކުރަން އަހަންނަށް ހަދިޔާކުރާ މަލެއް. އަހަންނަށް ވުރެން ހުރިހާ ގޮތަކުންވެސް މާ ރީތި މީހަކުވެސް މިތާނގައި އެބައޮތެއްނު.] ޔުމްނާ ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.

[އެނގޭތަ...ރަތް ފިނިފެންމަލުގެ މާނަ.] ސުދާ ހުރީ ސަމާސާ މޫޑެއްގައެވެ. ޝައުޤުވެރި މައުޟޫޢަކަށް ވާހަކަ ދާން ފެށުމުން ޔުމްނާގެ ނިދިވެސް ފިލިއެވެ. އެ މަލާ ބެހޭގޮތުން ދެން އެމީހުން ބަޙުޘްކުރީ ހެނދުނު ނާސްތާވެސް ކުރުމަށްފަހުގައެވެ.

[ކޮންމެ މީހަކަސް އެއީ ވަރަށް ނުކެރޭ މީހެއް. ފިނޑިއެއް. ނަންވެސް ޖަހާލާފައި އޮތްނަމައެއްނު، ޖަވާބުގައި އެއްޗެއް ފޮނުވަންވެސް އެނގޭނީ.] ޔުމްނާއާއި ސުދާ ވާހަކަ ދައްކަން ތިބީ ކާކޮޓަރީގައެވެ. އެދުވަހު ޔުމްނާމެން ދެއްކި ހުރިހާ ވާހަކައެއްވެސް ސިއްރުން މުޢާޒު އަޑުއެހިއެވެ. އެހެންވެ އޭނާ ވަގުތުން ނާޝިދާ ބައްދަލުކޮށް، އެކަމާ ބެހޭގޮތުން މަޝްވަރާ ކުރިއެވެ.

ދެން ޖެހިގެން އައި ރޭވެސް ކަންތައް ކުރަންވާގޮތް ނާޝިދު ބުނެދިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން