ރައީސް އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
ރައީސް އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފުރާވަޑައިގަންނަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެކަމަށެވެ.

މިދަތުރުފުޅުގައި، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ 10 ރަށަކަށް އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ، އަދި، ކުނބުރުދޫ އަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

"މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ." ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު