މަރްޔަމް ނަހްދާ ވަޙީދު   10 އޮކްޓޯބަރު 2025 - 12:0
ރައީސް ޑރ. މުހައްމަދު މުއިއްޒު-
ރައީސް ޑރ. މުހައްމަދު މުއިއްޒު-
ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ހައްގެއް ކަމަށާއި، އަދި އެއީ ޤައުމީ ގޮތުން އިސްކަންދޭން ޖެހޭ ކަމެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ރައީސް ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި އިސްކަންދެއްވާ ކަމަށާއި، މިއަހަރުގެ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިޢާރު އަމާޒުކުރެވިފައިވަނީ އިންސާނީ ކާރިސާތަކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗައް ކަމަށެވެ.

އެގޮތުން ފަލަސްޠީނުގެ ރައްޔިތުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މިވަގުތުން މިވަގުތަށްވެސް ކުރަންޖެހޭ ކަމެއް ކަމަށް ފާހަގަކުރައްވައި، ރައީސް ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން ވަނީ އިސްލާހީ ބަދަލުތަކެއް ގެނައުމަށް އަޒުމް ކަނޑައަޅާފައި ކަމަށެވެ. އެގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަންކަމާއި، ސިއްޙީ ގޮތުން ކުރިމަތިވާ ހާލަތްތަކުގައާއި އިންސާނީ ކާރިސާތަކަށް އިޖާބަދިނުމުގައި ނަފްސާނީ އެހީތެރިކަމުގެ ދައުރު ފުޅާކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެެވެ.

އަދި ނަފްސާނީ ދުޅަހެޔޮކަމަކީ ފަރުދުންނާއި ޢާއިލާތަކުގެ އަދި ޤައުމުތައްވެސް ކުރިއަރައި ދިއުމުގެ އަސާސް ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 10 ގައެވެ.



ކިޔުންތެރިންގެ ހިޔާލު