ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާާާާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާާާާލިޙް
މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 އާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނަމް ގެބްރެޔަސަސްއާއި ފޯނުން ގުޅުއްވައި މިއަދު މަޝްވަރާކުރައްވައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ޑަބްލިއުއެޗްއޯއިން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ ބައްޔާމެދު ސަމާލުވުމަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުމުގައްޔާއި، ބަލިން ރައްކާތެރިވުމަށް ހޯދަންޖެހޭ ސާމާނު ފޯރުކޮށްދިނުމުގައި ޑަބްލިއުއެޗްއޯއިން ކޮށްފައިވާ އަދި ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަ ކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ޚާއްޞަ ގޮތެއްގައި ދިވެހިރާއްޖޭގައި ޑަބްލިއުއެޗްއޯގެ ޓީމެއް ހަރަކާތްތެރިވަމުންދާކަން ފާހަގަ ކުރައްވައި އެޖަމިއްޔާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މި ވައިރަސް ފެތުރުނަ ނުދިނުމަށްޓަކާ ދުރާލާ އެޅުނު ފިޔަވަޅުތަކުގެ ސަބަބުން ދިވެހިރާއްޖެއިން މިހާތަނަށް ބައްޔަށް ޕޮޒިޓިވި 19 މީހުންނަކީވެސް ރާއްޖޭގެ ރައްޔިތުންގެ މެދުގައި މިބަލި ފެތުރިގެން ބަލި ޖެހުނު މީހުން ނޫން ކަމަށެވެ. އެގޮތުން، 12 މާރޗްގައި ރާއްޖޭގައި އިއުލާނުކުރި ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އާންމުން އެއްވެ އުޅުން މަދުކުރެވި، ވައިރަސްގެ އަސަރުކޮށްފައިވާ ގައުމުތަކަށް ދަތުރުފަތުރުތައް ހުއްޓާލާ، ރިސޯޓުތަކަށް ދަތުރުކުރުން ހުއްޓާލައި، އެހެންގައުމުތަކުން އަންނަ މީހުންނަށް އޮން-އެރައިވަލް ވިސާ ދިނުން ހުއްޓާލައި، އެހެން ގައުމުތަކުން އަންނަ ދިވެހިން 2 ހަފްތާގެ މުއްދަތަށް ކަރަންޓީނުކުރެވެމުން ދާތީ ރާއްޖޭގައި ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަވެގެން ދިޔަކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި މި ވައިރަސް އަދި ފެތުރެމުން ނުދިޔަ ނަމަވެސް މި ނޫން ހާލަތަކަށް ގައުމު ވެއްޓުމުގެ ބިރު އޮތުމުން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބަލިމީހުންނަށް ބޭނުންވެދާނެ އެނދުގެ އަދަދު އިތުރުކޮށް، ޚާއްޞަ ފަރުވާ ދޭ މަރުކަޒުތައް ގާއިމު ކުރުމާއެކު، ޓެސްޓުކުރުމުގެ އިންތިޒާމުތައް ހަރުދަނާ ކުރެވިފައިވާކަން ވެސް ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން، ދުނިޔޭގެ ގިނަ ގައުމުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމާއެކު، ބޭނުންވާ ބައެއް ތަކެތި ލިބުމަށް ދަތިވެފައިވާކަން ފާހަގަކުރައްވައި ރައީސް ޞާލިޙް ވަނީ މިކަމުގައި ލުއި ގޮތްތައް ހޯދުމުގައި ޑަބްލިއުއެޗްއޯގެ އެހީއަށް އެދިވަޑައިގެންފައެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނުވަނީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް އިތުރު ޓެސްޓްކިޓް ހަދިޔާ ކޮށްފައިވާތީ ޑރ. ޓެޑްރޯސްއަށް ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން