އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ-
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ-
މި ޤައުމުގައި ރައްޔިތުންނަށް ސަލާމަތްތެރިކަން ދޭނެ އިތުބާރުކުރެވޭ ބަޔަކު ނެތި ރައްޔިތުން ދިރިއުޅޭނެ ގޮތަކާމެދު އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ސުވާލު ކުރައްވައިފިއެވެ.

މޫސަ މިފަދަ ސުވާލެއް ކުރަށްވާފައިވާއިރު، މިފަހުން ރާއްޖޭގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގައި ފުލުހުން ވަނީ މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރު ކޮށްފައެވެ. މީގެ ތެރޭގައި އެމްޑީޕީގެ ކުރީގެ މަޖިލިސް މެމްބަރުންވެސް ހިމެނެއެވެ. އަދި ހަމައެއާއެކު ފުލުހުން ވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކެއްގެ ސަބަބުން އެމްޑީޕީގައި ހަރަކާތްތެރިވާ ދެ ކަނބަލެއްގެ ފޯނުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ފުލުގުންގެ ބެލުމުގެ ދަށުގައި ފޯނުތައް ވަނިކޮށް މީގެ ތެރެއިން ފޯނަކުން ފޮޓޯއެއް ލީކުވީ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.

މި މައްސަލަތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާންތަކުގައި ބުނެފައިވަނީ މުޒާހަރާއިން ހައްޔަރުކުރި މީހުން ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށެވެ. އަދި ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައި ހުރި ފޯނަކުން ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.

މިކަންކަމާ ގުޅިގެން މީސްމީޑިއާގައި ރީކޯ މޫސަ ވިދާޅުވީ ފެހި ގާނޫނު އަސާސީގައި ފުލުހުންގެ ހިދުމަތް ސަރުކާރުގެ ސިޔާސީ މީހުންގެ ވަކިތަކުން ސަލާމަތް ކުރެވިފައިވަނީ، ކޮންމެ ސަރުކާރެއް އޮތަސް ފުލުހުންގެ އިތުބާރާއި ޔަގީންކަން ރައްޔިތުންނަށް އޮންނަން ޖެހޭތީ ކަމަށެވެ.

ކަން މިހެން އޮތްނަމަވެސް 2012 ގައި ބަޣާވާތްކޮށް ފުލުހުންގެ އަބުރު ނަގާލީ ފުލުހުން އަމިއްލައަށް ކަމަށް މޫސަ ވިދާޅުވިއެވެ.

"މި ގައުމުގަ ދިރިއުޅޭ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަންދޭނެ އިތުބާރު ކުރެވޭ ބަޔަކުނެތި ރައްޔަތުން އުޅެނީ ކިހިނެއްތޯ؟" މޫސަ ވިދާޅުވެފައިވެއެވެ.

މޫސަ ވިދާޅުވީ ފަސްއަހަރަށް ވެރިކަމަށް އަންނަ ބަޔަކު ބުނާހާ ގޮތަކަށް ޤާނޫނުތަކުގެ ބޭރުން މީހުން ހިފާހައްޔަރުކޮށް ލާއިންސާނީ އަނިޔާ ކުރަން ފެށުމުން، ކިތައްމެ އިއުލާނަކާ ނޫސްބަޔާނެއް ނެރުނަސް ފުލުހުންގެ މައްޗަށް އޮންނަ އިތުބާރު ދާނީ ގެއްލެމުން ކަމަށެވެ.

އަދި ދިގު 30 އަހަރު މީހުން ތިބިހެން މިއަދަކު ނުތިބޭނެ ކަމަށްވެސް މޫސަ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޤައުމު ބިރުވެރި އަނިޔާވެރިތަނަކަށް ނެހެދުމަށް މޫސަ ވަނީ ފުލުހުންނަށް އިލްތިމާސް ކުރައްވާފައެވެ.

"ދިގު 30 އަހަރު މީހުން ތިބިހެން މިއަދަކު ނުތިބޭނެ.‏ މީ ތަޖުރިބާ މިޤައުމު ބިރުވެރި އަނިޔާވެރި ތަނަކަށް ނުހަދަމާ ހިނގާ!" މޫސަ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު