އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު
އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު
އަހަރެއްގެ ތެރޭގައި ބަންކަރިންގ ޚިދުމަތުން ލިބުނީ އެންމެ 12 މިލިއަން ޑޮލަރު ކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ސެޕްޓެމްބަރު 2024 ގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތްފެށި ހިސާބުން މިހާ ހިސާބަށް 192،149،939 ރުފިޔާ (12މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެސްޓީއޯ އިން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

މީގެ ކުރިން މިދިޔަ ޖުލައި މަހުގެ ތެރޭގައި ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ބަންކަރިންގެ ހިދުމަތުން އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެކަމުގެ ޔަގީންކަން ދެއްވި ސަޢީދު މިއަދު ވަނީ އެއީ އެސްޓީއޯއިން ކުރިއަށްގެންދާ ޚިދުމަތެއް ކަމަށްވެސް ވިދާޅުވެފައެވެ.

އޭގެއިތުރުން ވަޒީރު ވިދާޅުވީ، ބަންކަރިންގ ޚިދުމަތުންމިހާތަނަށް ލިބުނު އާމްދަނީގެ 83 ޕަސެންޓަކީ ލޯ ސަލްފާ ފިޔުލް ކަމަށާއި އެއީ ރާއްޖެއަށް ކުރިން ގެނެސްގެން ބަންކާ ކުރި އެއްޗެއް ނޫން ކަމަށެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި، ވިޓޯލްއާ ގުޅިގެންނެވެ. އެ ކުންފުންޏަކީ މިހާރުވެސް ސިންގަޕޫރު، ޔޫއޭއީ، އަދި މޮރިޝަސްގައިވެސް ބަންކަރިންގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.

ބަންކަރިންގެ ޚިދުމަތް ދިނުމަށް 4000 ޓަނުގެ ތެޔޮ އުފުލޭ ދެ ބޯޓު ބޭނުންކުރަމުންދާއިރު، އެންމެ ގިނައިން ޚިދުމަތް ދެވިފައިވަނީ މާލޭ ސަރަހައްދުންނެވެ. އެ ޚިދުމަތުގެ ތަފާސް ހިސާބު ދައްކާގޮތުން، އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ އިންވެސްޓްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު