އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، ސިޔާސީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކަކީ ރާއްޖެއަށް އަންނަ އިންވެސްޓަރުންނާ ދެކޮޅަށް ހިންގޭ ކެމްޕޭނަކަށް ދުވަހަކު ވެސް ވެގެން ނުވާނެ ކަމަށެވެ. އަދި ޤައުމާއި ރައްޔިތުންގެ ލާބައަށްޓަކައި، އަދި މިފަދަ އިންވެސްޓްމަންޓްތަކުގެ ސަބަބުން ޤައުމަށް ފަހިވެގެންދާ އިޤްތިޞާދީ ފުރުޞަތުތަކުގެ ޙައްޤުގައި، އިންވެސްޓަރުންނަށް އަމާޒުކޮށްގެން ދޮގު ވާހަކަ ފެތުރުމާއި ބިރުދެއްކުމުގެ ޢަމަލުތައް ހިންގުން އިދިކޮޅު ފަރާތްތަކުން ވަގުތުން ހުއްޓާލަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދުނިޔޭގެ ވިޔަފާރީގެ ވާދަވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިޤްތިޞާދީ މަސްލަޙަތު ގެއްލުވާލައި، އޭގެ ނާޖާއިޒު ފައިދާ ނަގަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް، މިފަދައިން ފަތުރާ ދޮގު ވާހަކަތައް ވެގެންދާނީ އަޑުއަހަން ބޭނުންވާ "ހިތްގައިމު މިޔުޒިކަކަށް" ކަމަށެވެ. މީގެ ސަބަބުން ޤައުމަށް ލިބިދާނެ ގެއްލުންތަކާމެދު އެންމެހައި ފަރާތްތަކުން ވިސްނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ބަޔަކު ޤަބޫލުކުރަން ދަތިވި ނަމަވެސް ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބަކީ އަދިވެސް ފަތުރުވެރިކަން ކަމަށާއި، ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގެ ޓްރެންޑުތަކަކީ އަބަދުވެސް ބަދަލުވަމުން، ކުރިއަރަމުން އަންނަ ކަންކަން ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި ނަފުރަތާއި، ދޮގާއި، ހަސަދައިގެ މައްޗަށް މިފަދަ ނާޒުކު ޞިނާޢަތެއް ބިނާނުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
Political differences should never become a campaign against investors. For the good of our citizens and the opportunities investment can create, opposition movements should stop targeting those who are willing to invest in the Maldives.
— Mohamed Saeed (@em_saeed) October 17, 2026
ރާއްޖޭގައި އިންވެސްޓް ކުރަން އަންނަ އިންވެސްޓަރުންނަށް އަމާޒުމޮށް ދޮގުވާހަކަތައް ފެތުރުމާއި އެމީހުންނަށް ބިރުދެއްކުން ހުއްޓާލުމަކީ ޤައުމުގެ ކުރިމަގަށްޓަކާ ކުރަންޖެހޭ މުހިއްމުކަމެއް. ދުނިޔޭގެ ވިޔަފާރީގެ ވާދަވެރިކަމުގައި މިފަދަކަންކަމުން ފައިދާނަގަންބޭނުންވާ ފަރާތްތަކަށް، މިފަދަ ދޮގުވާހަކަތައްވާނީ ހިތްގައިމު މިޔުޒިކަކަށް.
ޤަބޫލުކުރަންދަތިވިޔަސް، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިތަނބަކި ޓޫރިޒްމް. ޓްރެވަލް އަދި ޓޫރިޒަމް އިންޑަސްޓްރީގެ ޓްރެންޑަކީ ބަދަލުވަމުން “އިވޯލްވް” ވަމުންދާއެއްޗެއް. އެއީ ޓޫރިޒަމްގެ ޚަޤީޤަތް. ނަފުރަތާއި ދޮގާއި ހަސަދައަކުން މިއިންޑަސްޓްރީ ބިނައެއް ނުކުރެވޭނެ.
ރާއްޖޭގައި ހިނގާނީ ރާއްޖޭގެ ޤާނޫނު. އަދި ރާއްޖޭގެ ޤާނޫނުއަސާަސީ އާއި ޚިލާފު އެއްވެސްކަމެއް ރާއްޖޭގައި ނުހިންގޭނެ. ވީމާ ކަންކަމުގެ ޙަޤީޤަތް ބެއްލެވުމުގެ ބަދަލުގައި ދޮގުހަބަރާއި ނަފުރަތު ފެތުރުން ހުއްޓާލުމަށް އިލްތިމާސްކުރަން
ރާއްޖޭގައި އަބަދުވެސް ހިނގާނީ ރާއްޖޭގެ ޤާނޫނު ކަމަށާއި، ޤާނޫނުއަސާސީއާ ޚިލާފު އެއްވެސް ކަމެއް މި ޤައުމުގައި ނުހިނގާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވަމުން، ކަންކަމުގެ ޙަޤީޤަތް ބެލުމެއްނެތި ދޮގު ޚަބަރާއި ނަފުރަތު ފެތުރުން ހުއްޓާލުމަށް ވަޒީރު ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.
ވަޒީރު ސަޢީދު މި މޭރުމުން ވާހަކަދައްކަވާފައި ރާއްޖޭގެ މީޑިއާއަކުން ޝާއިޢުކޮށްފައިވާ ހަބަރެއްގެ ފޮޓޯއާއެކު އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވަނީ އެ ނޫހުގައި ގެނެސްދީފައިވަނީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއްކަން ސާފުކޮށްދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު