މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ މުހައްމަދު ސައީދު-
މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ މުހައްމަދު ސައީދު-
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުގެ އިތުބާރު ނެތްކަމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ފާސްނުވެ، މަޖިލީހުގެ މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން އޭނާގެ އިތުބާރު އޮތް ކަމަށް މިއަދު ފާސްކޮށްފިއެވެ.

މިއަދުގެ ޖަލްސާގައި، މިނިސްޓަރު ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ 10 މެންބަރުން އެކަންޏެވެ. މިފަދަ މައްސަލައެއް ފާސްކުރުމަށް 47 މެންބަރުންގެ ވޯޓު ބޭނުންވާ އިރު، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓު ދެއްވީ މިނިސްޓަރުގެ އިތުބާރު އޮތް ކަމަށެވެ. މީގެ ތެރޭގައި ވެރިކަންކުރާ ޕީއެންސީގެ މެންބަރުންގެ އިތުރުން މާފަންނު އުތުރު ދާއިރާގެ އެމްއެންޕީ މެންބަރު މުޙައްމަދު ނާޒިމް ހިމެނިވަޑައިގަންނަވައެވެ.

އިދިކޮޅު އެމްޑީޕީގެ 13 މެންބަރެއްގެ ސޮޔާއެކު ހުށަހެޅި މި ގަރާރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައިދެއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. ގަރާރު ހުށަހަޅުއްވަމުން މައުރޫފް ވިދާޅުވީ، ޤާނޫނުއަސާސީން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި މިނިސްޓަރު ސަޢީދު ކަނޑައެޅިގެން ޚިލާފުވެވަޑައިގެންފައިވާ ކަމަށާއި، މަޖިލީހަށް ތެދުބަހުން ޖަވާބުދާރީވުމަށް އިހުމާލުވެވަޑައިގެންފައިވާ ކަމަށެވެ. އަދި ދައުލަތުގެ މުދަލާއި ފައިސާ ފަރުވާތެރިކަމާއެކު ބެލެހެއްޓުމުގެ ޒިންމާ އަދާނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ގަރާރުގައި އިދިކޮޅުން ފާހަގަކޮށްފައިވާ މައިގަނޑު މައްސަލަތަކުގެ ތެރޭގައި، އިޤްތިޞާދީ ރިފޯމްތައް ގެނައުމަށް އެދެވޭ ސިޔާސަތުތަކެއް ތަންފީޒު ނުކުރެވި، ބޭރު ފައިސާގެ ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށްވުރެ މައްޗަށް އަރައިގެން ދިއުން ހިމެނެއެވެ. މީގެ އިތުރުން ދައުލަތުގެ މާލީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި ދުބާއީ، އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު އަދި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގައި ބޭއްވި އިންވެސްޓަރ ފޯރަމްތަކަށާއި ރަސްމިއްޔާތުތަކަށް ބޮޑެތި ޚަރަދުތަކެއް ކޮށް، އޭގެ ތަފްޞީލާއި އިންވެސްޓްމަންޓްތަކުގެ މަޢުލޫމާތު ހާމަކޮށްފައި ނުވާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އަދި އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގައި ފެއިލްވެފައިވާ ކަމަށާއި، އެސްއީޒެޑް ޤާނޫނަށް ގެނައި އިޞްލާޙުގެ ސަބަބުން ދައުލަތުގެ ސިޔާދަތަށް ނުރައްކާވާ ފަދަ ގޮތަކަށް އަމަލުކުރައްވާފައިވާ ކަމަށްވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު