ޞާދިރު ޢަލީދީދީ   25 ސެޕްޓެމްބަރު 2020 - 11:58
ދިޔަރެސް
ދިޔަރެސް
އެޕިސޯޑް 08

...............

[ކޮންމެ މީހަކަސް އެއީ ވަރަށް ނުކެރޭ މީހެއް. ފިނޑިއެއް. ނަންވެސް ޖަހާލާފައި އޮތްނަމައެއްނު، ޖަވާބުގައި އެއްޗެއް ފޮނުވަންވެސް އެނގޭނީ.] ޔުމްނާއާއި ސުދާ ވާހަކަ ދައްކަން ތިބީ ކާކޮޓަރީގައެވެ. އެދުވަހު ޔުމްނާމެން ދެއްކި ހުރިހާ ވާހަކައެއްވެސް ސިއްރުން މުޢާޒު އަޑުއެހިއެވެ. އެހެންވެ އޭނާ ވަގުތުން ނާޝިދާ ބައްދަލުކޮށް، އެކަމާ ބެހޭގޮތުން މަޝްވަރާ ކުރިއެވެ.

ދެން ޖެހިގެން އައި ރޭވެސް ކަންތައް ކުރަންވާގޮތް ނާޝިދު ބުނެދިނެވެ.

އެރޭވެސް ރަތް މަލެކެވެ. ނަމަވެސް، ކުރީ ރެޔާ ޚިލާފަށް އޭނާގެ އަމިއްލަ ތަޢާރަފްވެސް ކަރުދާސްކޮޅެއްގައި ލިޔެފައި ބޭއްވިއެވެ. އެދުވަހު މަލާއި އެ ގަނޑުކޮޅު ފުރަތަމަ ފެނުނީ ޔުމްނާއަށެވެ. ޔުމްނާ އަވަސް އަވަހަށް ގަނޑުކޮޅުގައި ލިޔެފައިވާ ކުޑަ ޢިބާރާތްކޮޅު ކިޔާލިއެވެ.

[ލޯބިވުން އެއީ ގޯހެއް ކަމުގައި ވަނީނަމަ، މަޢާފް ކުރާނެ ކަމަށް އުންމީދު ކުރަން....އަހަންނަކީ ފިނޑި ނުކެރޭ މުޢާޒު...] އެ ޢިބާރާތްކޮޅު ކިޔާލުމާއެކު، ޔުމްނާ އުފަލުން ގޮސް ހަލާކުނުވީ ހަމަ ކިރިޔާއެވެ. އޭނާއަށް ބޭއިޚްތިޔާރުގައި އެ މާ ނަގާ ނޭފަތުކުރީގައި ޖައްސާލެވިއްޖެއެވެ. ސުދާއަށް ހޭލެވުނީ އެވަގުތުއެވެ.

[ޔުމްނާ....] ސުދާ މަޑުމަޑުން ޔުމްނާއަށް ގޮވާލިއެވެ. ސުދާގެ އަޑަށް ޔުމްނާ ދިޔައީ ސިއްސައިގެންނެވެ. ސިއްސައިގެންދިޔަ ވަގުތު އޭނާގެ އަތުގައި އޮތް ކަރުދާސްކޮޅުވެސް ބިންމައްޗަށް ވެއްޓުނެވެ. ހަމައެއާއެކު އެ ކަރުދާސްކޮޅު ފަންކާގެ ވަޔާއެކު އުދުހިގެން ގޮސް އެނދުތަންދޮށަށް ދިޔައެވެ. ގުދުވެ ކަރުދާސްކޮޅު ނެގީ ސުދާއެވެ. ސުދާވެސް އޭގައިވާ ލިޔުންކޮޅު އަވަސް އަވަހަށް ކިޔާލިއެވެ. އޭރު އުފަލުން ފުރިފައި އިން ޔުމްނާ އިނީ ހެވި ދިލިފައެވެ.

[ކޮބާ އަހަރެން ބުނިގޮތަކަށްނު މިވީ. އަހަންނަށް އެނގޭނެ، މީހާގެ އިޝާރާތަށް ބަލައިލިޔަސް....] ސުދާ ފަޚްރުވެރިވެލިއެވެ.

[ސުދާ އަހަރެން ހާދަ އުފާވެއްޖެއޭ. އަހަރެން ހިތަކަށްވެސްނާރާ، މުޢާޒު އަހަންނާ ދޭތެރޭ ޝައުޤުވެރިވެދާނެއެކޭ.] މިހާރު ޔުމްނާ ޙިއްޞާ ކުރަމުންދަނީ އިންތިހާދަރަޖައިގެ އުފާވެރިކަމެވެ. އޭނާ ހީވަނީ އުފަލުން ގޮސް މޮޔަވެދާނެހެނެވެ. އެގޮތަށް ސުދާގެ ކުރިމަތީގައި އުފާވެރިކަން ފާޅުކުރިޔަސް، ޙަޤީޤަތުގައި ޔުމްނާއަކީ ނިކަން ލަދުރަކި އަންހެން ކުއްޖެކެވެ.

ގައިމެވެ. އޭނާ ދެން މުޢާޒާ ކުރިމަތިލާންވެސް ފަސްޖެހޭނެއެވެ. އެދުވަހު އޭނާ ކޮޓަރިންވެސް ނުކުތީ މުޢާޒު ދިޔައީމައެވެ. ނާސްތާކޮށްގެން އޭނާ އަނެއްކާވެސް ކޮޓަރިއަށް ވަނެވެ. އެދުވަހު ހަވީރު މުޢާޒާއި ސުދާ ބައްދަލުވިއެވެ. ސުދާއަކީވެސް ލަދުރަކި ކުއްޖަކަށްވުމުން، އިސްވެ ވާހަކަ ދައްކާކަށް ނުކެރުނެވެ. މުޢާޒުވެސް ވާހަކަ ފަށާނެ ގޮތެއް ނޭނގިފައި، އިރުކޮޅެއް ވަންދެން ހުރެފައި ސުދާއާ ކުރިމަތިލިއެވެ.

އޭރުވެސް ޔުމްނާ އޮތީ ކޮޓަރީގައެވެ.

[ރުޅިއައިސްފައިތަ؟ ކުށެއްވިއްޔާ މަޢާފްކުރޭ.] މުޢާޒު ވާހަކަ ފަށަން ނުފަށަން ކަހަލަ ގޮތަކަށް ހުރެފައި ފެށިއެވެ.

[ކޮންކަމަކާ؟ އަހަންނަކަށް ތިކިޔާ އެއްޗެއް ނުވިސްނޭ.] ޙަޤީޤަތުގައިވެސް ސުދާއަކަށް މުޢާޒުގެ މައުޟޫޢަކީ ކޮބައިކަމެއް ނުވިސްނުނެވެ.

[ސުދާގެ އެނދުގެ ބޯލާކޮޅުގައި ކޮންމެ ރެޔަކު އަހަރެން ބާއްވާ ހަދިޔާއާ ދޭތެރޭ ސުދާ ދެކޭގޮތް މިއަދު އަހަރެން ބޭނުން އޮޅުންފިލުވަން. އަހަރެންގެ ޗުއްޓީ ހަމަވާންވެސް ވަރަށް ކައިރިވެއްޖެ. ރުޅިއައިސްފައިތަ؟] މުޢާޒު ހުރީ ހިތް އަވަސްވެފައެވެ.

[އަހަންނަކަށް ނުލިބޭ. ކޮންމެ ރެޔަކު ޔުމްނާ ނިދާ އެނދުގެ ބޯލާކޮޅުގައި ތިބުނާ މާ އޮވޭ. އަހަރެންވެސް ޔުމްނާވެސް ހީކުރަނީ އެއީ....ޔުމްނާއަށް މުޢާޒު ފޮނުވި މާތަކެއް ކަމަށް....] ވެގެންއުޅޭގޮތް ސުދާއަށް ރަނގަޅަށް ވިސްނުނެވެ.

[އޭނ....އަޞްލުވެސްތަ؟ އަހަރެން ހިތުން ސުދާގެ ނިދާ އެނދުގައޭ މި ބާއްވަނީ....އަޅެ ސުދާ އެ މާތައް އަނބުރާ އަތުލާ....] މުޢާޒު ކަންބޮޑުވިއެވެ.

[ނޫން....އަހަންނަކަށް ނުކެރޭނެ. އޭރުން ޔުމްނާގެ ހިތަށްއަރާނީ ކީކޭ؟] ސުދާ ތެޅިގަތެވެ.

[ކީއްވެ ނުކެރެންވީ. އެކަމަކު އެއީ ސުދާގެ ޙައްޤެކޭ. ސުދާ...އަހަރެން ބޭނުމެއް ނޫން، އެމީހެއްގެ އަތުގައި އެ މާތައް ބަހައްޓާކަށް. އެންމެ ރަނގަޅު....ސުދާ އަހަރެންގެ ހުށަހެޅުމާ ޤަބޫލުތަ؟] މުޢާޒު ވާހަކައިގެ ތެރެއިން ސުދާގެ ކުރިމަތީގައި ހިތް ހުޅުވާލިއެވެ. މުޢާޒުގެ އެ ސުވާލަށް ދޭނެ ޖަވާބެއް ސުދާއަކަށް ނޭނގުނެވެ. އޭނާއަށް މަޑުމަޑުން އިސްޖަހާލެވިއްޖެއެވެ.

[އަހަންނަށް އަހަރެން ހިތްއެދޭ ގޮތަށް ޖަވާބު ދެވިދާނެ...އެކަމަކު އޭރުން...ޔުމްނާޔޯ....؟ އެއީ އަހަރެންގެ ނުލާހިކު ގާތް ރައްޓެއްސެއް.] ސުދާ އިސްޖަހައިގެންހުރެ ވާހަކަ ދެއްކިއެވެ.

[ތިބުނީ ޤަބޫލޭދޯ؟ އަހަރެން މާނަކުރާނީ އެގޮތަށް.] މުޢާޒުގެ ހިތަށް ހަމަޖެހުން ލިބުނެވެ. ސުދާ އާއެކޭ ބުނާފަދަ ގޮތަކަށް ބޯޖަހާލިއެވެ.

[ސުދާ...ކަންބޮޑުނުވޭ. އަހަރެން ޙަޤީޤަތް ޔުމްނާއަށް ކިޔައިދީފާނަން. ޔުމްނާވެސް ޙަޤީޤަތް ގަބޫލުކުރާނެއެއްނު.] މުޢާޒު ސުދާއާ ގާތަށް ޖެހިލިއެވެ. ސުދާ ލަދުގެންފައި، އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. މުޢާޒަށް ބޭއިޚްތިޔާރުގައި ސުދާގެ އަތުގައި ހިފަހައްޓާލެވިއްޖެއެވެ.

[ސުދާ ކީއްވެތަ...އަހަންނަށް މިހާ އަވަހަށް ސުދާދެކެ ލޯބިވެވުނީ. ސުދާގެ ތިޔަ ޖާދުވީ ފަރިކަން ފެނިފައިދޯ؟] މުޢާޒުގެ މި ޖުމްލައިން ސުދާގެ ލަދުވެތިކަން އިންތިހާއަށް ދިޔައެވެ. ލަދުގެންފައިވާ ސުދާއަށް ބޭއިޚްތިޔާރުގައި މުޢާޒުގެ މޭގައި ބޯއަޅާލެވިއްޖެއެވެ. ތިބެވުނީ ކޮންތަނެއްގައިކަން ދެމީހުންނަށްވެސް ހަނދާންވީ ކުއްލިއަކަށެވެ. ސުދާ ތެޅިގެންފައި މުޢާޒާ ދުރަށް ޖެހިލިއެވެ. މުޢާޒް ހިނިތުންވެލަމުން ދެފަރާތަކަށް ބޯހޫރާލިއެވެ.

[ޔުމްނާ އެބައުޅޭތަ ކޮޓަރީގަ.....] މުޢާޒު ބޭނުންވީ ވަގުތު އޮއްވާ ޔުމްނާއަށް ޙަޤީޤަތް ކިޔައިދޭށެވެ. ޔުމްނާ އެބައުޅެއޭ ބުނެފައި، ސުދާ ގޮސް ވަނީ ގިފިއްޔަށެވެ. މުޢާޒް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އޭނާ ކޮޓަރިއަށް ވަނުމުގެ ކުރިން ޔުމްނާއާ ކުރިމަތިލުމަށް ޢަޒުމް ކަނޑައެޅިއެވެ. މުޢާޒު ކޮޓަރިއާ އަރާހަމަކޮށް ހުއްޓި ފަސްއެނބުރި ބަލައިލިއެވެ. އިރުކޮޅެއް ވަންދެން ވިސްނަން ހުރެފައި އޭނާ ދޮރު ހުޅުވާލިއެވެ. އޭނާ ދޮރު ހުޅުވުމާއެކު، އެނދުމަތީގައި އޮތް ޔުމްނާ ދިޔައީ ސިއްސައިގެނެވެ. އޭރުވެސް ޔުމްނާގެ އަތުގައި މާތައް ހުއްޓެވެ. މުޢާޒު ކޮޓަރިއަށް ވަނުމާއެކު، ޔުމްނާ ލަދުވެތިގޮތަކަށް ހިނިތުންވަމުން މޫނުގައި ދެއަތް އަޅާ މޫނު ފޮރުވިއެވެ.

ޔުމްނާގެ އެ ޙަރަކާތްތަކުގެ ސަބަބުން އަޞްލު މައުޟޫޢަށް ދާން މުޢާޒު ކުޑަކޮށް ފަސްޖެހުނެވެ.

[ޔުމްނާ.....] މުޢާޒު ޔުމްނާއާ ކުރިމަތިލުމަށްޓަކައި ގޮވާލިއެވެ. ޔުމްނާ މޫނުމަތިން އަތްނެގިއެވެ.

[ޔުމްނާ....އަހަންނަށް މަޢާފްކުރޭ....ތި މާތަކަކީ އަހަރެން ޔުމްނާއަށް ހަދިޔާކުރި އެއްޗެއް ނޫން. ޔުމްނާގެ އެނދުގައި މާތައް ބަހައްޓަނީ ސުދާ ކަމަށް ހީކޮށް. އަހަރެންގެ ސަބަބުން ޔުމްނާއަށް ދިމާވި ކަންތަކަށް ނިހާޔަތަށް މަޢާފަށް އެދެން.] މުޢާޒު ޔުމްނާއާ ކުރިމަތިލިއެވެ. މުޢާޒުގެ މި ޖުމްލައާއެކު، ޔުމްނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. މުޢާޒު ބަލަންހުއްޓާ އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ. މުޢާޒު ހިތްވަރުކޮށްފައި ކޮޓަރިން ނުކުތެވެ. މުޢާޒު ނުކުތުމާއެކު، ޔުމްނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ.

މުޢާޒު ކޮޓަރިން ނުކުތްތައް ސުދާއަށް ފެނުނެވެ. އެހެން ނަމަވެސް، ސުދާ އެވަގުތު މުޢާޒަށް ފެންނާކަށް ބޭނުމެއް ނުވިއެވެ. އޭނާ ގޮސް ވަނީ ބަދިގެޔަށެވެ. އެމަންޒަރު ރަނގަޅަށް މުޢާޒަށް ފެނުނެވެ. މުޢާޒުވެސް ސުދާގެ ފަހަތުން ކަހަލަ ގޮތަކަށް ގޮސް ބަދިގެއަށް ވަދެއްޖެއެވެ.

[ފިލަނީތަ....ބުނެބަލަ ސުދާ ކޮންކަމަކާތަ ސުދާ ޖެހިލުންވަނީ؟] މުޢާޒު ސުދާގެ އަތުގައި ހިފަހައްޓާލިއެވެ.

[މުޢާޒު މިގޮތަށް ދިމާވުމުން ޔުމްނާގެ ހިތަށްއަރާނީ....] މުޢާޒު ސުދާގެ ޖުމްލަ ނުނިމެނީސް އަނގަމަތީގައި އަތްއެޅިއެވެ.

[އަހަރެން ޙަޤީޤަތް ކިޔައިދީފިން...މިހާރު ރުޔަސް، އިރުކޮޅަކުން ހަމަޔަކަށް އެޅިދާނެ.] މުޢާޒު ސުދާ އޭނާއާ ތަންކޮޅެއް ގާތަށް ދަމާލިއެވެ.

[މުޢާޒު އެއީ އަހަރެންގެ ރަޙްމަތްތެރިޔާއޭ....] ސުދާއަށް ބޭއިޚްތިޔާރުގައި މުޢާޒުގެ މޭގައި ބޯއަޅާލެވިއްޖެއެވެ. އިސާހިތު މުޢާޒުގެ ދެއަތްވެސް ސުދާ ވަށާލިއެވެ.

[އެންމެ ރަނގަޅު....ތެދެއް ބުނެފާނަންތަ؟ ސުދާ އަހަރެންދެކެ އެއްވެސްވަރަކަށް ލޯބިވަންތަ؟] މުޢާޒު ބޭނުންވީ ސުދާގެ ދުލުން ލޯބީގެ ޖުމްލައިގެ އަޑު އަހާލުމަށެވެ.

[ލޯބިވޭ....އެކަމަކު މުޢާޒު ނިކަން ވިސްނާލަބަލަ...ރަޙްމަތްތެރިޔާގެ ހިތުގައި ޖައްސާފައި، މިގުޅުން ކުރިޔަށް ގެންދަން އަހަންނަށް ކެތްވާނެތަ؟] ސުދާ މުޢާޒާ ދުރަށް ޖެހިލިއެވެ.

[ސުދާ....ރަޙްމަތްތެރިޔާއާ ދޭތެރޭ ވިސްނާވަރަށް އަހަންނާ ދޭތެރޭވެސް ވިސްނާލަބަލަ.] މުޢާޒުގެ ދެލޮލުން މާޔޫސީ ތެތްކަން ފާޅުވިއެވެ. ޔުމްނާ ރޮމުން ބަދިގެޔަށް އައިސްވަނީ އެވަގުތުއެވެ. ބަދިގެޔަށް ވަންއިރުވެސް ޔުމްނާގެ ލޮލުން ކަރުނަ އޮހިއޮހި ހުއްޓެވެ. ޔުމްނާ ވަނުމާއެކު، ސުދާ މުޢާޒުގެ އަތުން ވީއްލިގަނެގެން ގޮސް ބަދިގެއިން ނުކުމެގެން ދުއްވައިގަތެވެ. ދިމާވި އިއްތިފާޤެކެވޭސް ބުނެވިދާނެއެވެ. ސުދާ ބަލާ އޭނާގެ ބައްޕަ ވަސީމް ފޮނުވި ދޯނީގެ ނެވި އަކްރަމް އެގެޔަށް އައިސްވަނީ އެވަގުތުއެވެ. އަކްރަމް ފެނުމާއެކު ސުދާ ހުއްޓުނެވެ.

[ސުދާގެ ބައްޕަ ފޮނުވައިގެން ސުދާ ބަލާ މިއައީ. އަވަހަށް ތައްޔާރުވެގެން އާދޭ. މިއުޅެނީ ހަވީރު ފަހެއް ޖަހާއިރު ފުރަން.] އަކްރަމް ބުންޏެވެ. މިއަންނަނީއޭ ބުނެފައި ސުދާ ގޮސް ކޮޓަރިއަށް ވަނެވެ.

އޭގެ ގަޑިއެއްހާއިރު ފަހެވެ. މުޢާޒު ތަފާތު ގޮތްގޮތަށް ޔުމްނާއަށް ވިސްނައިދިނުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ. ރޮމުން ރޮމުން ޔުމްނާވެސް ގޮސް ކޮޓަރިއަށް ވަނީ އެވަގުތުއެވެ. ޔުމްނާވަނީ އޭނާގެ ކޮޓަރިއަށެވެ. ޔުމްނާ ރޮމުން އެނދުމައްޗަށް ވެއްޓިގަތެވެ. މޭޒުމަތީގައި ނިއުޅާލާފައިވާ ސިޓީއެއް ޔުމްނާއަށް ފެނުނީ އިރުކޮޅެއް ފަހުންނެވެ. ސިޓީ ފެނުމާއެކު، ޔުމްނާ ތެދުވިއެވެ. އެއަށްފަހު އޭނާއަށް ވަށައިގެން ހޯދާލެވުނެވެ. ހަމައެއާއެކުހެން އޭނާއަށް ކޮޓަރިތެރޭގައި ސުދާގެ ދަބަސް ނެތްކަން ފާހަގަކުރެވުނެވެ. އޭނާ އަވަސް އަވަހަށް ސިޓީ ނަގައިގެން ކިޔަން ފަށައިފިއެވެ.

[ޔުމްނާއެވެ. ޔުމްނާ ޙުސެންދެކެ ލޯބިވާ މިންވަރު އަހަރެންނަށް ކިތަންމެ ރަނގަޅަށްވެސް އިނގެއެވެ. ވީމާ ޔުމްނާގެ ތި ލޯތްބަށް ހުރަސްއަޅާ މީހަކަށްވާކަށް ފަހަރެއްގައިވެސް އަހަރެން ބޭނުމެއް ނޫނެވެ. އިރާދަކުރެއްވިއްޔާ، މުޢާޒު އަދި ޔުމްނާދެކެ ލޯބިވާނެއެވެ. އަހަރެން ރަށަށް މިދަނީ ރަޙްމަތްތެރިޔާއަށް ފުރްޞަތު ދިނުމުގެ ބޭނުމުގައެވެ. އަހަންނާ ދޭތެރޭ ހިތްބުރަ ނުކުރާށެވެ. އަހަންނަށް ހިތްހެޔޮކުރާށެވެ. އަހަރެން ދަނީއެވެ.

ހެޔޮއެދޭ އެކުވެރި

ސުދާ

ޔުމްނާ ސިޓީ ކިޔައި ނިމުމާއެކު، ކޮޓަރިން ނުކުމެއްޖެއެވެ. ހީވާކަހަލައެވެ. އޭނާ ބޭނުންވަނީ ސުދާ ހިފަހައްޓާކެވެ.

އޭރު މުޢާޒުވެސް ސުދާގެ ސިޓީއެއް ކިޔަމުންދަނީއެވެ.

[އަހަރެން މުޢާޒުދެކެ ލޯބިވަމެވެ. އެހެން ނަމަވެސް، ޔުމްނާގެ ކުރިމަތީގައި ލޯބި ޙާޞިލްކުރާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. އަހަންނަށްޓަކައިވެސް ޔުމްނާއަށް ލޯބިދޭށެވެ. ޔަޤީނެވެ. ޔުމްނާ މުޢާޒަށް ވަފާތެރިވާނެއެވެ. އޭނާ މުޢާޒުދެކެ ލޯބިވާ މިންވަރު އަހަންނަށް ތަޞައްވުރު ކުރެވެއެވެ. އަހަންނަށް މުޢާޒު ދިއްކުރި ލޯބީގެ އަތުގައި ނުހިފުނީ އެހެންވެގެނެވެ. އަހަންނަށް މުޢާޒުގެ ފުރަތަމަ ފެނިލުމާއެކުވެސް މުޢާޒުދެކެ ލޯބިވެވުނެވެ. އޮޅިގެން ނަމަވެސް ޔުމްނާއަށް މުޢާޒުގެ ހުށަހެޅުންތައް ލިބެމުން ދިޔުމުންވެސް ރަޙްމަތްތެރިޔާގެ ޙައްޤުގައި އަހަރެން ކެތްތެރިވީމެވެ. ގައިމެވެ. އަދިވެސް ކެތްތެރިވާނަމެވެ. އުންމީދު ކުރަމެވެ. މުޢާޒު ޔުމްނާއަށް ލޯބިދޭނެ ކަމަށެވެ. އިތުރަށް މި ނޯޓް ދިގުކުރާކަށް ވަގުތެއް ނެތެވެ. އަހަރެން ދަނީއެވެ. ހީކުރަމެވެ. ހިތްހެޔޮކުރާނެ ކަމަށެވެ.

ސުދާ -

ސިޓީ ކިޔާ ނިމުމަށްފަހު މުޢާޒުވެސް ތެޅިގެންފައި ކޮޓަރިން ނުކުތެވެ. ނަމަވެސް، އޭރު ސުދާ ފުރައިގެން ހިނގައްޖެއެވެ. ދިމާވި އިއްތިފާޤަކަށްވެސް ވެދާނެއެވެ. އޮފީހުން އަންގައިގެން ކުއްލިއަކަށް ހަމަ އެދުވަހު މުޢާޒުވެސް މާލެދާން ޖެހުނެވެ. މާލެ އައިސްވެސް ސުދާއާ ގުޅޭތޯ މުޢާޒު ވަރަށް މަސައްކަތް ކުރިއެވެ. ހޯދި ހޯދުންތަކުންވެސް އޭނާއަށް އެނގިފައިވަނީ ހަމައެކަނި ސުދާގެ ރަށެވެ. ރަށު ބޫތަށް ގުޅައިގެންވެސް ސުދާ ހޯދަން އޭނާކުރި މަސައްކަތްވީ ނާކާމިޔާބެވެ. އެންމެފަހުން އޭނާގެ ރައްޓެހިންނާއި ހެޔޮއެދޭ އިތުރު މީހުން އޭނާއަށް ނަޞޭޙަތްތެރިވީ ސުދާގެ ހަނދާންތައް ހިތުން ފޮހެލުމަށްފަހު، އާކުއްޖަކަށް އެ ޖާގަ ދިނުމަށެވެ.

ދިގު ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި ހުރި މުޢާޒަށް ޚިޔާލީ ދުނިޔެއިން އެނބުރި އާދެވުނީ ސުދާ ދެވަނަފަހަރަށް މުޢާޒަށް ގޮވީމައެވެ.

[މުޢާޒު.....] ސުދާއާއި މުޢާޒުގެ ހަތަރުކަޅި ހަމަވެއްޖެއެވެ.

[ސުދާ....ކީއްވެތަ އެހެން ކަންތައް ކުރީ....ހަމަ އެދުވަހު އަހަރެންވެސް މާލެ އަތުވެއްޖައިން. މާލެ އައިސް ވަރަށް މަސައްކަތް ކުރިން، ސުދާއަށް ގުޅަން....ކީއްކުރާނީ...އޭރަކު ނޭނގުނުވިއްޔަ، ސުދާތީ ވަސީމްބޭގެ ކުއްޖެއް ކަމެއްވެސް.] މުޢާޒު ދެފިޔަވަޅެއް ކުރިއަށް ޖެހިލިއެވެ.

[މުޢާޒު....ޔުމްނާގެ މަރުގެ ޒިންމާ އަހަރެން އަޅުވާނީ ސީދާ މުޢާޒުގެ ބޮލުގައި.] ރަޙްމަތްތެރިޔާގެ ހަނދާން އާވުމުން، ސުދާގެ ލޮލުން ކަރުނަހިލިގަތެވެ.

[ޔުމްނާ....މަރުވީއޭ....ތަ؟] މުޢާޒަށް ޤަބޫލުކުރަން ދަތިވިއެވެ.

[އާނ...އެއީ އަހަރެން ރަށަށް ދިޔަތާ ދެވަނައަށްވީ ދުވަސް. ޔުމްނާ ފެނުނީ މޫދަށް ގެނބިގެން މަރުވެފައި އޮއްވާ.] ސުދާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ޔުމްނާދެކެ ލޯބިނުވިޔަސް، ޔުމްނާ މަރުވި ޚަރަބު ލިބުމުން މުޢާޒަށްވެސް ވަރަށް ބޮޑަށް އަސަރު ކޮށްފިއެވެ. އޭނާ ހަމައަކަށް އެޅުނީ ޖީބުގައި އޮތް މޯބައިލް ފޯނު ރިންގްވާން ފެށުމުންނެވެ. އޭނާ ފޯނަށް ޖަވާބުދެމުން ހިނގައިގަތެވެ. ސުދާ ދެލޯ ފޮހެލުމަށްފަހު އަނެއްކާވެސް ކުނިކަހަން ފަށައިފިއެވެ. މުޢާޒުވަނީ ކޮޓަރިއަށެވެ. ކުނިކަހާ ނިންމުމަށްފަހު، އިރުކޮޅަކުން ސުދާވެސް ބަދިގެފަރާތަށް ދިޔައެވެ.

އެދުވަހުން ފެށިގެން މުޢާޒަށް ކޮންމެވެސްވަރެއްގެ ބަދަލުތަކެއް އަންނަން ފަށައިފިއެވެ. އެކަން ކޮންމެވެސްވަރަކަށް ފިރާޝާއަށް ވިސްނުނުވެސްމެއެވެ.

[މުޢާޒު....މިހާރަކަށް އައިސް، މުޢާޒަށް ކިހިނެއްވެފައިތަ ތިހުންނަނީ؟ ހީވަނީ އަބަދުވެސް ކޮންމެވެސް ކަމަކާ ދޭތެރޭ ވިސްނާހެން.] ފިރިމީހާގެ އިޙްސާސްތައް ފިރާޝާ ދެނެގަތެވެ.

[އަބަދުވެސް މަންމަގެ ޙާލާ ދޭތެރޭ ވިސްނނީ.] މުޢާޒު ބުންޏެވެ.

[މުޢާޒު ތިވަރަށް ވިސްނާކަށް ނުވާނެ. އަބަދު ތިގޮތަށް ވިސްނަން ވެއްޖެއްޔާ، ތިކަން ބައްޔަކަށް ވެދާނެ.] ފިރާޝާ މުޢާޒު ގާތުގައި އިށީނެވެ. މުޢާޒު ހިނިތުންވެލަމުން ފިރާޝާގެ ބަނޑުގައި އަތް ކާއްތާލިއެވެ.

[މިހާރު އަހަރެންގެ ދަރިފުޅަށް ބައްޕަގެ ބީހުންތައް އިޙްސާސް ކުރެވޭނެ.] މުޢާޒު ފިރާޝާގެ ބަނޑުގައި ކަންފަތް ޖައްސާލިއެވެ.

[ދަރިފުޅާ ބައްޕައަށް ގޮވާލަބަލަ.] ފިރާޝާ މުޢާޒުގެ ބޮލުގައި ފިރުމާލިއެވެ.

[އަހަރެންގެ ދަރިފުޅު އުފަންވާން ދެން އޮތީ އެއްމަސް ދުވަސްދޯ؟] މުޢާޒު ނުހަނު ލޯތްބާއެކު ފިރާޝާގެ ބަނޑުގައި އަނެއްކާވެސް ފިރުމާލިއެވެ. ފިރާޝާ ހިނިތުންވެލިއެވެ.

[މުޢާޒު....ސުދާ އެއީ ހާދަހާ ގެވެހި އަންހެން ކުއްޖެކޭ....މިހާރު މިގޭގެ އެއްވެސް ކަމެއް އަހަރެން ކުރާކަށް ނުޖެހޭ. ހުރިހާ ކަމެއްވެސް އެކުރަނީ އޭނަ. ކުޑަމިނުން މުޢާޒުގެ ހެދުންތައްވެސް ދޮވެ އިސްތިރި ކުރަނީވެސް އޭނަ.] ފިރާޝާ ސުދާއަށް ތަޢުރީފް ކުރިއެވެ.

[އެހެންތަ؟] މުޢާޒު ބޭނުންވީ އެވާހަކަ ކުރުކޮށްލާށެވެ. އެކަން އޭނާ ވާހަކަ ދެއްކި ރާގުން އެނގެއެވެ.

ފިރާޝާ އެބުނީ ތެދެކެވެ. ސުދާ އެގެޔަށް އައުމަށްފަހު، ގޭގެ އެއްވެސް ކަމެއް ފިރާޝާ ނުކުރެއެވެ. ހުރިހާ މަސައްކަތެއްވެސް ކުރަނީ ސުދާއެވެ. ދުވާލަކަށް އިރު އެރުމަށްފަހު އިރުއޮއްސޭއިރު އެމަންޖެ ހުންނަނީ ވަރުބަލިވެގެން ގޮސް ލޮޑުވެފައެވެ. އެހެން ނަމަވެސް، ރޭގަނޑު އެގާރަ ޖަހަންދެންވެސް އޭނާ މުޢާޒުގެ ޚިދްމަތުގައި ސާބިތުވެ ހުރެއެވެ. ގިނަ ރޭރޭ މުޢާޒު އޮފީސް ނިންމާފައި ގެޔަށް އަންނާނީ ބާރަ އެކެއްޖަހާ އެހާކަންހާއިރުއެވެ. އޭނާ ގެޔަށް އަންނައިރު، ކޮންމެ ރެޔަކުވެސް ފިރާޝާ އޮންނަނީ ނިދާފައެވެ. ކާން ހަދައިގެން އިންތިޒާރުގައި އިންނަނީ ސުދާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން