މަރްޔަމް ނަހްދާ ވަޙީދު   19 އޮކްޓޯބަރު 2025 - 10:43
މަސައްކަތް ކުރަނީ-
މަސައްކަތް ކުރަނީ-
ވަޒީފާގެ މާހައުލުގައި ކާމިޔާބު ހޯދުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ މަސައްކަތްތަކަށް ފޯކަސްކޮށް، އެކަމަށް ސަމާލުކަންދިނުމެވެ. މިހާރަކަށް އައިސް ބަލާއިރު 'ޑިސްޓްރެކްޝަންސް' ތައް ގިނަވާތީ، މަސައްކަތްތަކަށް ފޯކަސްކުރުމަކީ ބައެއް ފަހަރު ދަތި ކަމަކަށް ވެދާނެއެވެ. ނަމަވެސް، ރަނގަޅު އާދަތަކާއި އުޞޫލުތައް ބޭނުންކޮށްގެން، މަސައްކަތުގެ މާހައުލުގައި ފޯކަސްކުރުމުގެ ކުޅަދާނަކަން އިތުރުކުރެވޭނެއެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ސާފު މަގްސަދުތަކެއް ކަނޑައެޅުމަކީވަރަށް މުހިންމު ކަމެކެވެ. ކޮންމެ ދުވަހެއްގެ މަސައްކަތް ފެށުމުގެ ކުރިން، އެ ދުވަހު ނިންމަން ބޭނުންވާ މަސައްކަތްތަކަކީ ކޮބައިކަން ސާފުކޮށް ދެނެގަންނަންވާނެއެވެ. ބޮޑެތި މަސައްކަތްތައް ކުދިކުދި ބައިތަކަށް ބަހާލުމުން، އެ މަސައްކަތްތަކަށް ފޯކަސްކޮށް ނިންމުމަށް ފަސޭހަވެއެވެ. އަދި، ކޮންމެ މަސައްކަތަކަށް ދޭންޖެހޭ އަހައްމިއްޔަތުކަން ދެނެގަނެ، އެންމެ މުހިންމު މަސައްކަތްތައް ފުރަތަމަ ނިންމުމަށް އިސްކަންދޭން ވާނެއެވެ. މިކަންކަން ކުރަން ފަސޭހަކުރުމަށްޓަކައި، ދުވަހުގެ މަސައްކަތްތަކުގެ ލިސްޓެއް ތައްޔާރު ކުރެވިދާނެއެވެ.

ޑިސްޓްރެކްޝަންތައް މަދުކުރުމަކީ ފޯކަސްކުރުމަށްޓަކައި ވަރަށް އަސާސީ ކަމެކެވެ. މިއަދު އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު އެއް ބޮޑު ޑިސްޓްރެކްޝަނަކީ މޯބައިލް ފޯނުތަކާއި ސޯޝަލް މީޑިއާއެވެ. މަސައްކަތްކުރާ ވަގުތު ނޮޓިފިކޭޝަންތައް ނިއްވާލައި ނުވަތަ ފޯނު ދުރުގައި ބެހެއްޓުމުން ސަމާލުކަން ދެވޭ މިންވަރު އިތުރުވެއެވެ. މީގެ އިތުރުން، މަސައްކަތުގެ މާހައުލުގައި އަޑުގަދަ ނުވަތަ މާގިނައިން މީހުން ދިމާވާ ތަނެއްގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހިމޭން މާހައުލެއް ހޯދައި ނުވަތަ ނޮއިޒް-ކެންސަލިންގ ހެޑްފޯން ބޭނުންކުރެވިދާނެއެވެ.

މީގެ އިތުރުން ވަގުތު ހޭދަކުރުމުގެ އުޞޫލުތައް ބޭނުންކުރުމަކީ ވަޒީފާގައި ފޯކަސްކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމެކެވެ. މިސާލަކަށް، "ޕޮމޮޑޮރޯ ޓެކްނިކް" ބޭނުންކުރެވިދާނެއެވެ. މީގެ ތެރޭގައި، 25 މިނެޓަށް މަސައްކަތަށް ފޯކަސްކޮށް، އެއަށްފަހު 5 މިނެޓުގެ ކުރު ބްރޭކެއް ނެގުމަށްފަހު އަލުން މަސައްކަތް ފެށުން ހިމެނެއެވެ. މިގޮތަށް 4 ފަހަރު ތަކުރާރުކުރުމަށްފަހު، ދިގު ބްރޭކެއް (15-30 މިނެޓު) ނެގިދާނެއެވެ. މިކަމުގެ ސަބަބުން ސިކުނޑި ތާޒާވެ، ފޯކަސްކުރުމުގެ ގާބިލުކަން ދެމިހުންނަން އެހީތެރިވެދެއެވެ. އެއްފަހަރާ ގިނަ މަސައްކަތްތައް ކުރުމުން ދުރުހެލިވުމަކީ ވެސް މުހިންމު ކަމެކެވެ. އެއް މަސައްކަތެއް ނުނިމި އަނެއް މަސައްކަތަށް ބަދަލުވުމުން، އެއްވެސް މަސައްކަތެއް ރަނގަޅަށް ނުކުރެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު