މަރްޔަމް ނަހްދާ ވަޙީދު   26 އޮކްޓޯބަރު 2025 - 7:37
ކާމިޔާބީއަށް ވާސިލް ވުމަކީ ފަސޭހަކަމެއް ނޫން-
ކާމިޔާބީއަށް ވާސިލް ވުމަކީ ފަސޭހަކަމެއް ނޫން-
ކާމިޔާބަކީ ކޮންމެ އިންސާނަކުވެސް ހޯދަން ބޭނުންވާ އެއްޗެކެވެ. ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައިވެސް ކާމިޔާބު ލިބުމަކީ ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ކަމެކެވެ. އެހެންނަމަވެސް، ކާމިޔާބަށް ވާސިލުވުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އެއީ ވަރުގަދަ އަޒުމަކާއި މުރާލިކަމާއި، ރޭވުންތެރިކަން ބޭނުންވާ ދިގު ދަތުރެކެވެ. މިފަހަރު މި ހިމަނާލަނީ ކާމިޔާބު މީހަކަށް ވެވޭނެ ބައެއް މުހިންމު ގޮތްތަކެވެ.

ކޮންމެ ކާމިޔާބެއްގެ ފަހަތުގައިވެސް ވަނީ މަސައްކަތާއި ވަރުގަދަ އަޒުމެކެވެ. ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ވަރުގަދަ އަޒުމަކާއިއެކު މަސައްކަތް ކުރަންޖެހެއެވެ. މިއީ ފަސޭހަ ކަމެއް ނޫނެވެ. ރޭގަނޑުގެ ގިނަވަގުތާއި ހެނދުނުގެ ގިނަ ވަގުތުތައް މަސައްކަތުގައި ހޭދަކުރަން ޖެހިދާނެއެވެ. މަސައްކަތުގެ ތެރޭގައި އެކި ހުރަސްތަކާ ދިމާވާނެއެވެ. ނަމަވެސް، މި ހުރަސްތަކަށް ކެތްތެރިވެ، މަސައްކަތް ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ. "އަޒުމެއް ކޮށްފިނަމަ އެކަން ނިންމާނަން" މި ވިސްނުން ގެންގުޅޭ މީހުންނަކީ ކާމިޔާބީއާ ގާތް މީހުންނެވެ.

ދުނިޔެ ބަދަލުވަމުންދާ މިޒަމާނުގައި، އާ މަޢުލޫމާތާއި އާ ހުނަރުތައް ދަސްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ފޮތް ކިޔުމާއި، ކޯސްތަކުގައި ބައިވެރިވުމާއި، ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުންގެ ކައިރިން މަޢުލޫމާތު ހޯދުމަކީ އަމިއްލަ ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަންކަމެވެ. ހަމައެހެންމެ، އަމިއްލަ ނަފްސު އަބަދުވެސް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ކާމިޔާބުގެ ސިއްރެކެވެ.

ދިރިއުޅުމުގައި ހުރަސްތަކާއި ގޮންޖެހުންތަކާ ދިމާވާނެއެވެ. އެކަމަކު ކާމިޔާބު މީހުންނަކީ ނާކާމިޔާބީއަށް ބިރުގަންނަ ބަޔެއް ނޫނެވެ. އެމީހުން ދެކޭ ގޮތުގައި ނާކާމިޔާބީއަކީ ދަސްކުރުމުގެ ފުރުސަތެކެވެ. ދިމާވާ ކޮންމެ ހުރަހަކުންވެސް ޢިބުރަތް ލިބިގަނެ، ކުރިއަށް ދިއުމަށް ހިތްވަރުލީމާ، ކާމިޔާބީއާ ގާތްވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު