ރައީސް މުއިއްޒު އާއި ލަންކާގެ ރައީސް-
ރައީސް މުއިއްޒު އާއި ލަންކާގެ ރައީސް-
ދިވެހި ރާއްޖެއާއި ލަންކާއާ ދެމެދު ވިޔަފާރި ފެރީގެ ހިދުމަތް ގާއިމް ކުރުމާ ގުޅޭ ގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ސްރީލަންކާގެ ނޫހަކުން ރިޕޯޓު ކޮށްފިއެވެ.

ސްރީލަންކާގެ "ދަ ގާޑިއަން" ނޫހުގެ ރިޕޯޓެއްގައި ބުނީ ސްރީލަންކާ އާއި ދިވެހިރާއްޖެއިން ޚާއްޞަ ވިޔަފާރި ފެރީ ޚިދުމަތެއް ޤާއިމުކުރުމުގެ ޕްލޭންތަކާއިގެން ކުރިއަށް ދާން ނިންމާފައިވާ ކަމަށެވެ. އަދި މިއީ ދަތުރުފަތުރުގެ ޚަރަދުތައް ކުޑަކޮށް، ސްރީލަންކާގެ މުދާ ދިވެހިރާއްޖެއަށް އެކްސްޕޯޓްކުރުން ފަސޭހަކުރުމުގެ މަގްސަދުގައި ކުރާ ކަމެއް ކަމަށް ރިޕޯޓުގައި ވެއެވެ.

މާލޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަންގެ އިތުބާރުހުރި މަޞްދަރުތަކުން އެ ނޫހަށް މައުލޫމާތުދެމުން ބުނީ ފެރީ ޚިދުމަތުން ލަންކާގެ ވިޔަފާރިތަކަށް ދިވެހިރާއްޖޭގެ ފާގަތި ފަތުރުވެރިކަމުގެ މާރކެޓަށް ވާސިލުވުމަށް އެހީތެރިވެދޭނެ ކަމަށެވެ. މިއީ އިމްޕޯޓު ކުރާ އެކިއެކި މުދަލަށް ވަރަށް ޑިމާންޑު އޮތް މާކެޓެއް ކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

މިފަދަ ހާއްސަ ފެރީއެއްގެ ސަބަބުން ޝިޕިންގ ޚަރަދުތައް ފާހަގަކުރެވޭ މިންވަރަކަށް ކުޑަކޮށް، މި ދެ ޤައުމުގެ މެދުގައި އިތުރަށް ހަރުދަނާ ވިޔަފާރީގެ ގުޅުމެއް ޤާއިމުކުރެވިގެންދާނެ ކަމަށް އޮފިޝަލުންނާ ހަވާލާދީ ދަ ގާޑިއަން އިން ވަނީ ރިޕޯޓު ކޮށްފައެވެ.

ދެގައުމުގެ ދެމެދުގައި ވިޔަފާރި ފެރީ ގާއިމްކުރުމުގެ މަޝްވަރާތައް ކުރަމުންދިޔަނަމަވެސް، ކޮލަމްބޯއިން މާލެއަށް ދަތުރުކުރުމަށް ގާތްގަނޑަކަށް 30 ގަޑިއިރު ނަގާނެތީ، މިފަދަ ހިދުމަތެއް ފެށުމަކީ ގޮންޖެހުންތަކެއް ހުރި ކަމެއް ކަމުގައި ޝިޕިންގ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ. މިއީ އާންމުކޮށް ފެރީ ދަތުރުތައް ކުރުމަށް ބޭނުންކުރާ ދިގުމިނެއް ނޫން ކަމަށް އެފަރާތްތަކުން ބުނެއެވެ.

ސްރީލަންކާއަކީ ރާއްޖެއަށް ގެންނަ ޓްރާންސްޝިޕްމަންޓް މުދަލުގެ މައި މަރުކަޒެއްގެ ގޮތުގައި މަސައްކަތްކުރާ ޤައުމެކެވެ. މިހާރުވެސް ދެގައުމުގެ ދެމެދުގައި އެކި ޝިޕިންގ ލައިންތަކުން ގިނަ ފީޑަރ ޚިދުމަތްތަކެއް ހިންގަމުން ގެންދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް