މަރްޔަމް ނަހްދާ ވަޙީދު   8 ނޮވެމްބަރު 2025 - 10:42
ތުރިލާ ފިލްމެއް ބަލަނީ-
ތުރިލާ ފިލްމެއް ބަލަނީ-
ސިނަމާތަކާއި ޓީވީ ސްކްރީންތަކުގައި ތުރިލާ ފިލްމަކީ އަބަދުވެސް ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ ބާވަތެކެވެ. މި ފިލްމުތަކުން ފެނިގެންދަނީ ހިތްގައިމު ވާހަކަތަކެއް ކަމުގައި ނުވިޔަސް، އަނދިރިކަމާއި ނުތަނަވަސްކަން ގިނަ މި ފިލްމުތަކަށް މީހުން ދެވިހިފައިފައިވަނީ ވަރަށް ގިނަ ސަބަބުތަކާ ހުރެއެވެ. ޖަޒުބާތީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް މި ފިލްމުތަކުން މީހުންނަށް ތަފާތު ތަޖުރިބާތަކެއް ލިބިދެއެވެ.

ތުރިލާ ފިލްމުތަކުގެ އެންމެ ބޮޑު ސިއްރަކީ އޭގެ "ސަސްޕެންސް" ނުވަތަ ނުތަނަވަސްކަމެވެ. ބެލުންތެރިންނަށް ކޮންމެ ވަގުތެއްގައިވެސް ކަންތައްތައް ބަދަލުވެދާނެކަމުގެ ބިރުވެރިކަން އިހުސާސްވުމަކީ، ފިލްމުގެ ކޮންމެ މަންޒަރެއްގައިވެސް ސަމާލުކަން ދިނުމަށް މަޖުބޫރުކުރުވާ ކަމެކެވެ. ކުރިމަތިވާ ކޮންމެ ހާލަތެއްގައިވެސް ކަންތައްތައް ވާނުވާ އަންދާޒާކުރުމަށް މަސައްކަތްކުރާ އިރު، ނޭނގިތިބި ކަންތައްތައް ހާމަވުމުން ލިބޭ ހައިރާންކަން ބޮޑުވެގެންދެއެވެ. މިއީ ތުރިލާ ފިލްމުތައް މިހާ މަގުބޫލު ވުމުގެ މައިގަނޑު އެއް ސަބަބެވެ.

އަދި ތުރިލާ ފިލްމުތަކުން ލިބޭ އެޑްރިނަލިން ރަޝް އަކީވެސް ގިނަ ބަޔަކު މިފަދަ ފިލްމުތަކަށް ދެވިހިފައިފައިވާ ސަބަބެކެވެ. ހާސްކަމާއި ބިރުވެރިކަން އެކުލެވޭ މަންޒަރުތައް ފެނި، ހިތުގެ ވިންދު އަވަސްވުމަކީ ބައެއް މީހުންނަށް ވަރަށް އުފާވެރި އިހުސާސެކެވެ. ދިރިއުޅުމުގެ މާހަައުލުން ދުރުވެ، ވަގުތީ ގޮތުން ހާސްކަމުގެ ދުނިޔެއަކަށް ގެނެސްދޭ މިފަދަ ފިލްމުތަކަކީ، މުނިފޫހިފިލުވުމުގެ ތަފާތު ރަހައެއް ލިބިގެންދާ ފިލްމުތަކެކެވެ. މިފަދަ ވަގުތީ ބިރުވެރިކަމަކީ ހަޤީޤީ ގޮތުން އިންސާނާއަށް އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށް ލިބިދޭ ތަޖުރިބާއެކެވެ.

މީގެ އިތުރުން ތުރިލާ ފިލްމުތަކުގައި ގިނައިން ހުންނަ ކޮމްޕްލެކްސް ޕްލޮޓްތަކާއި ހައްލުނުވާ ކަހަލަ މައްސަލަތަކުގެ ސަބަބުން ބެލުންތެރިންގެ ސިކުނޑިއަށް ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. ވާހަކަ ކުރިއަށްދާ ވަރަކަށް މައްސަލަތައް ހައްލުކުރުމަށް ބެލުންތެރިންވެސް ބައިވެރިވެއެވެ. ކާކުކަން ނޭނގޭ މީހަކު ކުރާ ކުށެއް ނުވަތަ ރަނގަޅު މީހަކު ހައްޔަރުކުރެވޭ ހާލަތްތަކުގައި، ހަޤީޤަތް ހޯދުމަށް ބެލުންތެރިންވެސް ޝާމިލުވެއެވެ. މިއީ ފިލްމުގެ ތެރެއަށް ގެނުވައި، ފިލްމާ މީހާ ގުޅުވައިލާ ކަމެކެވެ.

އިންސާނުންގެ ނަފްސާނީ ގޮތުން ފިލްމުތަކުން ފެނިގެންދާ ބަދަލުތަކާއި، ކެރެކްޓަރުންގެ ފުން ޝަޚްސިއްޔަތުތަކަކީވެސް ތުރިލާ ފިލްމުތަކުގެ އެއް ރީތިކަމެކެވެ. ބައެއް ފަހަރު މިފަދަ ފިލްމުތަކުން އިންސާނުންގެ އެންމެ ނުބައިކޮޅާއި، އެންމެ ފުން ބިރުވެރިކަމުގެ ތެރެއަށް ވަދެއެވެ. މިފަދަ ވާހަކަތަކަކީ ބައެއް ފަހަރު ދިރިއުޅުމުގެ ހަޤީޤަތާވެސް ގުޅިފައިވާ ކަންތައްތަކެވެ. އެހެންކަމުން، މިފަދަ ފިލްމުތަކަކީ ހަމައެކަނި ބިރުވެރިކަން ދައްކުވައިދޭ އެއްޗެއްގެ ބަދަލުގައި، އިންސާނާގެ ނަފްސާނީ ދިރާސާއަކަށްވެސް ވެގެންދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް