ސްޕްރީމް ކޯޓް އިމާރާތް
ސްޕްރީމް ކޯޓް އިމާރާތް
ކޯޓުތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވުމާ ގުޅޭ ޚާއްޞަ ޤަވައިދަކަށް އަމަލު ކުރަން ފަށައިފިއެވެ.

ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ މި ޤަވާޢިދަށް ޢަމަލުކުރަން ފަށާފައިވަނީ މިއަދުއެވެ. މި ޤަވާޢިދުގައި ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ޝަރީއަތް ކުރެވޭނެ ހާލަތްތަކާއި، ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ޝަރީއަތް އިންތިޒާމު ކުރުމާ ގުޅޭ އިޖުރާއަތްތަކާއި، އަޑުހުއެންތައް ކުރިއަށްގެންދާނެ ގޮތުގެ އިޖުރާއަތްތައް ބަޔާންކޮށްފައި ވެއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުންތައް ބޭއްވޭނެ އަށް ހާލަތެއް ޤަވައިދުގައިވެއެވެ. އޭގެ ތެރޭގައި ޖިނާއީ އިޖުރާތުގެ ގާނޫނުގެ 113 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޝަރީއަތުގެކުރިން ބާއްވާ އިބްތިދާއީ އަޑުއެހުމަށް ސީދާ ދައުލަތުން ހާޒިރުވުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވުމާއި، ޖިނާއީ އިޖުރާތުގެ ގާނޫނުގެ 148 ވަނަ މާއްދާގައިވާ ގޮތަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކީންގެ ހެކިބަސް ނެގުން ފަދަ ހާލަތްތައް ހިމެނެއެވެ.

އަދި ދައުވާ ލިބޭ ފަރާތް މައްސަލަ ހުށަހެޅި ކޯޓު ހުރި ރަށުގައި ނެތް ހާލަތެއްގައާއި ކުށުގެ ތުހުމަތު ކުރެވޭ މީހާ ގައިގައި ގައިން ގަޔަށް އަރާ ބައްޔެއް ހުރި ހާލަތްވެސް މީގެތެރޭހައި ހިމެނެއެވެ.

ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ފެތުރިދާނެ ކަމުގެ ބިރު އޮއްވައި، އެކަމާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި ނަމަ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކުށުގެ ތުހުމަތު ކުރެވޭ މީހުން ކޯޓަށް ހާޒިރު ކުރުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުން ބޭއްވޭނެ ކަމަށްވެސް މި ޤަވައިދުގައި ބުނެއެވެ. އަދި އެފަދަ ހާލަތެއްގައި ދިފާއީ ވަކީލުންވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުން ބާއްވަން އެދޭ ނަމަ ދިފާއީ ވަކީލުންވެސް ވަކި ތަނެއްގައި ތިބެގެން އަޑުއެހުން ބޭއްވޭނެއެވެ.

މި ޚާއްޞަ ޤަވައިދަށް އަމަލު ކުރަން ފެށުމާ އެކު ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ ހަ ވަނަ ބާބަށް އަމަލު ކުރުން ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން