ތޫފާންގެ ސަބަބުން ލަންކާގައި ފެންބޮޑުވެފައި
ތޫފާންގެ ސަބަބުން ލަންކާގައި ފެންބޮޑުވެފައި
މި ސަރަހައްދުގައި އުފެދިފައިވާ ތޫފާން "ޑިޓްވާހް"ގެ ސަބަބުން ސްރީލަންކާއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެކަންކަމަށް އެޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ސަމާލުވުމަށް ލަންކާގައި ހުންނަ ދިވެހިރާއްޖެ ހައިކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.

ލައްކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ކަނޑު ގަދަވެ، ބިންގަނޑު ކަނޑައިގެން ދިއުންފަދަ ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ ސްރީލަންކާގެ ކަމާބެހޭ ރަސްމީ އިދާރާތަކުން ވަނީ ރަތް ސަމާލު ނެރެފައެވެ.

އެކަމާ ގުޅިގެން، ލަންކާގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އަންގައި، ދިވެހި ހައިކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ހައިކޮމިޝަނުން ދަނީ ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ވިއްސާރައިގެ ހާލަތު ބައްލަވަމުން ކަމަށެވެ.

އަދި ހައިކޮމިޝަނުން ވަނީ ސްރީލަންކާގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ހުރިހާ ދިވެހިންވެސް ކޮންމެހެން ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދަތުރުފަތުރު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި ޚާއްޞަކޮށް ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތައް ހިނގާ ސަރަހައްދުތަކަށް ދަތުރުފަތުރު ނުކުރުމަށް ހައިކޮމިޝަނުން ބާރުއަޅާފައިވެއެވެ.

ހަމައެއާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވާ ވަގުތުތަކުގައި ގެއިން ބޭރަށް ނުނިކުމެ ނޫޅުމަށާއި، ލަންކާގެ މޫސުމާބެހޭ އިދާރާ އާއި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ފޯރުކޮށްދޭ އަދާހަމަ މަޢުލޫމާތާ އެއްގޮތަށް ޢަމަލުކޮށް، އެފަރާތްތަކުން އަންގާ އެންގުންތަކަށް ސަމާލުވުމަށް އިރުޝާދު ދީފައިވެއެވެ.

އޭގެއިތުރުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ފެނާއި، ބޭސްފަދަ ސާމާނު ހޯދައި ރައްކާތެރި ތަންތަނުގައި ބެހެއްޓުމަށާއި މޮބައިލް ފޯން ޗާޖުކޮށް މުހިންމު ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްވެސް ހައިކޮމިޝަނުން ވަނީ އެދިފައެވެ.

ހަމަ އެހެންމެ ވިއްސާރައިގައި ކޯރުތައް ފުރި ބަންޑުންވަމުންދާކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ދީފައިވާތީ، އެފަދަ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކާއި ބިންތިރި ސަރަހައްދުތަކާއި މޫދާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއްދީގެން، މިވަގުތު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް ހައިކޮމިޝަނުން އިލްތިމާސް ކޮށްފައިވެއެވެ.

އަދި މާލެއަށް ދަތުރުކުރާ ފަރާތްތަކުން ދުރާލާ ވަގުތު އޮއްވައި އެއަރޕޯޓަށް ދަތުރު ފެށުމަށާއި، ދަތުރުކުރާ އެއަރލައިންތަކުން އަދާހަމަ މަޢުލޫމާތު ހޯދުމަށްވެސް ހައިކޮމިޝަނުން ވަނީ އެދިފައެވެ.

ބަޔާން ނިންމާލަމުން ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަނީ ލަންކާގައި ދިރިއުޅޭ ދިވެހިން އެހީތެރިކަމެއް ނުވަތަ މަޢުލޫމާތެއް ބޭނުންވާނަމަ، 6666 9476881 އަށް ގުޅުމަށް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް