ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް-
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް-
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށް އެ ޕާޓީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް އިއުލާން ކުރައްވައިފިއެވެ.

މިކަން އިއުލާން ކުރަމުން އެކްސްގައި މިއަދު ހިއްސާކުރި ޕޯސްޓެއްގައި މީކާއިލް ވަނީ ޕާޓީގެ ލީޑަރޝިޕުން އާ ޖީލަކަށް ފުރުސަތު ހޯދުމުގެ މި މުހިންމު މަސައްކަތުގައި އެމްޑީޕީގެ އާންމު މެންބަރުންގެ އެއްބާރުލުމާއި ތާއީދަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި، ފައްޔާޒް އިސްމާއީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފައްޔާޒް އެ މަގާމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން ވަގުތީ ޗެއަރޕާސަނެއް ހޮވުމަށް ރޭވަނީ އެޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެވެ.

އެ ޖަލްސާގައި ވަގުތީ ޗެއާޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވަހީދުގެ ނަން ހުށައަޅައި ވޯޓަށް އެހުމުން އޭނާ އަށް ލިބުނީ 47 ވޯޓެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް މީހަކު އައްޔަން ކުރުމަށް 48 ވޯޓު ބޭނުންވާއިރު، އެންމެ ވޯޓެއް މަދުވުމުން އޭނާގެ ނަން ފާހެއްނުވިއެވެ.

އޭގެފަހުން އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރ މުޙައްމަދު ރަޝީދު (ބިގޭ) ވަނީ ޗެއަރޕާސަންގެ މަޤާމަށް މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމްގެ ނަން ހުށަހަޅަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އަސްލަމަކީ ގައުމީ މަޖިލިހުގެ މެންބަރަކަށް ނުވާތީ އޭނާގެ ޝަރުތު ހަމަނުވާނެ ކަމަށް ބުނެ، މެންބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ކުރެވުނެވެ.

އަދި މެންބަރުންގެ މެދުގައި ބޮޑު ޒުވާބެއް އުފެދުމުން، ރިޔާސަތުން ވަނީ އެޖަލްސާ ހުއްޓާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް