ލަންކާއަށް ވިއްސާރަވެ ފެންބޮޑުވެފައި
ލަންކާއަށް ވިއްސާރަވެ ފެންބޮޑުވެފައި
ތޫފާން ދިތުވާގެ ސަބަބުން ވަރަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ސްރީލަންކާއިން މަރުވި މީހުންގެ އަދަދު 150 އަށްވުރެ މައްޗަށް އަރައިފިއެވެ.

މީޑިއާ ރިޕޯޓުތަކުގައި ބުނީ މި ހާދިސާގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު 153 މީހުން މަރުވެފައިވާ ކަމަށެވެ. އަދި އެކިއެކި ހާދިސާތައް ހިނގައި 191 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

ފެންބޮޑުވުގެ ސަބަބުން ލަންކާގެ އެކި ކަންކޮޅުތަކުން ލައްކައަކަށް ވުރެ ގިނަމީހުންގެ ގެދޮރު  ގެއްލި ހާލުގައި ޖެހިފައިވާއިރު، ފެންބޮޑުވުމުގެ އަސަރު 7 ލައްކައަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

ސްރީލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފައިވަނީ، ފެންބޮޑުވުމުގެ ސަބަބުން 15،000 އަށްވުރެ ގިނަ ގެދޮރު އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ. ގެދޮރު ހަލާކުވެ ހާލުގައި ޖެހިފައިވާ މީހުން މިހާރުވަނީ ސަރުކާރުގެ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.

މި ތޫފާނުގެ ސަބަބުން މުޅި ސްރީލަންކާގައި މިހާރު ވަނީ ކުއްލި ހާލަތު އިއުލާން ކޮށްފައެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީއަށް ލަންކާ ސަރުކާރުން ވަނީ ގޮވާލާފައެވެ.

ދެކުނު އިރުމަތީ އޭޝިޔާގެ އެހެން ގައުމުތަކަށްވެސް ވިއްސާރަކޮށް ބޮޑެތި ހާދިސާތައް ހިނގައި އެތައް ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް