ޑރ. އަޝްރަފް އަބްދުއްރަޙީމް
ޑރ. އަޝްރަފް އަބްދުއްރަޙީމް
ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް އިސްތިއުފާ ދެއްވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. އަޝްރަފް މިއަދު ވަނީ މުވައްޒަފުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި މިއަދުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރަށްވައިފައެވެ. ނަމަވެސް އަޝްރަފް އިސްތިއުފާ ދެއްވި ސީދާ ސަބަބު ހާމަ ކުރަށްވާފައެއް ނުވެއެވެ.

ޑރ. އަޝްރަފް އެކެޑަމީގެ މެންބަރުކަމަށް އައްޔަން ކުރެއްވީ 2021 ގައެވެ. އޭނާގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ އޮގަސްޓް މަހަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު (9-2011) ގައި ވާ ގޮތުން އެކެޑަމީގެ ފަސް މެންބަރުންގެ ބޯޑު އައްޔަން ކުރަށްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި އެކަޑަމީގެ ރައީސާއި ނައިބު ރައީސް ހޮވޭނީ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން، އެކެޑަމީގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސްގެ މަގާމުގައި އަޝްރަފް ހުންނަވަނިކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އެތަން ހިންގުމަށް ދިވެހިލޭންގުއޭޖު، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވަހީދު (އޮގަރު ވަހީދު) އައްޔަންކޮށްފައެވެ. ވަހީދަކީ، މިހާރު ވެސް ބަހުގެ އެކެޑަމީގެ މެމްބަރެކެވެ.



ކިޔުންތެރިންގެ ހިޔާލު