މަސާޖް ޕާލާތައް ބަންދު ކުރުމުގެ އޮޕަރޭޝަންގެ ތެރެއިން
މަސާޖް ޕާލާތައް ބަންދު ކުރުމުގެ އޮޕަރޭޝަންގެ ތެރެއިން
ހުޅުމާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލާ ބަލައިފާސްކޮށް އެކަކު ހައްޔަރު ކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ، ސްޕާ އާއި، ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ހުޅުމާލޭގައި ހިންގަމުންދިއަ 04 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި، ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 01 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރާޝަނުން ހާމަކޮށްފައިވެއެވެ.

މަސާޖު ޕާލާތައް ބަންދު ކުރުމަށް 9 ޑިސެމްބަރު 2025 ގައި ފެށި އޮޕަރޭޝަން ގެ ދަށުން ޑިސެންބަރު 31 ގެ ނިޔަލަށް 96 މަސާޖު ޕާލާ ބަންދު ކުރެވުނު ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ދާދިފަހުން ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ ‏އެފަދަ ތަންތަން ހިނގަމުންދަނީ އެ ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް ތިބުމުން ކަމަށާއި އެކަމަކީ ހިތާމަޔާ އެކީ ގަބޫލު ކުރަންޖެހޭ ހަގީގަތެއް ކަމަށެވެ. މީގެ ކުރިން ރައީސް ވިދާޅުވީ، އޭގެ ތެރެއިން ގިނަ ތަންތަން ބަންދުކުރީ ހިންގަމުން ދިޔަ މީހުން އަމިއްލައަށް ކަމަށެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައި ފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި، ސަރުކާރުގެ ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގައި ބަންދު ކުރި ވިޔަފާރިތަކުގެ ތެރެއިން 22 ވިޔަފާރިއެއް އަލުން ހުޅުވަން މިހާރު ވަނީ ހުއްދަދީފައެވެ.



ކިޔުންތެރިންގެ ހިޔާލު