އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް ރާއްޖޭގެ އުފެއްދުންތެރީންނަށް ފަހި މާކެޓެއް ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މަޢުރަޒަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މިފަހަރުގެ މަޢުރަޒުގައި "ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް" އެއް ޚާއްޞަކޮށްފައިވާ ކަމަށެވެ. މީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ރަށްރަށުގެ އަމިއްލަވަންތަކަން ދައްކުވައިދީ، އެ ރަށްތަކުގެ އުފެއްދުންތެރިކަން އިޝްތިހާރު ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އެގޮތުން މި ޑިސްޓްރިކްޓުގައި ރާއްޖޭގެ 22 ރަށަކުން ބައިވެރިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ވަރަށް ބޮޑަށް ފުޅާވަމުން އަންނަކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މި މަޢުރަޒު މެދުވެރިކޮށް ކޮންމެ ރަށެއްގެ ވެސް ވަކި ޚާއްޞަ ސިފަތަކާއި އުފެއްދުންތައް ޕްރޮމޯޓްކުރުމަށް ރަނގަޅު ފުރުޞަތެއް ލިބިގެންދާނެ ކަމަށެވެ. އަދި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނާއެކު އިޤްތިޞާދީ ޙަރަކާތްތައް ކުރިއެރުވުމުގައި ފަތުރުވެރިކަން މުހިންމު ދައުރެއް އަދާކުރާނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރުމަށްޓަކައި، ކެބިނެޓް ފެންވަރުގައި "ވިޒިޓަރ އިކޮނޮމީ ކައުންސިލް" އެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖެއަށް އަހަރަކު ޒިޔާރަތްކުރާ 2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިންގެ ތެރެއިން ދިވެހި އުފެއްދުންތެރިންނަށް ސީދާ މާލީ ނަފާ ހޯދައިދިނުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ގިނަ އުފެއްދުންތެރިން މިހާރުވެސް ރިސޯޓުތަކަށް ތަކެތި ސަޕްލައިކުރަމުންދާއިރު، ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ބައިނަލްއަޤްވާމީ މާކެޓަށްވެސް މި އުފެއްދުންތައް ނެރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގައި ހުންނަ "އޮތެންޓިކް މޯލްޑިވްސް" ގެ ޖާގަ 100 އަކަމީޓަރަށް ބޮޑުކޮށްފައިވާ ކަމަށާއި، ޓާމިނަލްގެ ޕާސްޕޯޓް ކޮންޓްރޯލަށްފަހު ފެންނަން ހުންނަ އެންމެ މުހިންމު އެއް ސަރަޙައްދު ދިވެހި އުފެއްދުންތަކަށް ޚާއްޞަކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

މިފަހަރުގެ މަޢުރަޒުގައި "ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް" ގެ އިތުރުން ބޭރުގެ ބައެއް ޤައުމުތައް ކަމަށްވާ ޗައިނާ، އިންޑިއާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެގްޒިބިޓަރުންނަށް ވެސް ޖާގަ ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ޤައުމުތަކުން ދައްކާލާ އުފެއްދުންތަކުގެ ސަބަބުން، ދިވެހި އުފެއްދުންތެރިކަމަށް އިތުރު ތަޖުރިބާތަކާއި އައު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު