ލާމަރުކަޒީ ނިޒާމަށް ހުރަސްއެޅުމާއި ބާރުތައް ޖަމާކުރުން: ރާއްޖެ ހުދުމުހުތާރު މިސްރާބަކަށް؟
ލާމަރުކަޒީ ނިޒާމަށް ހުރަސްއެޅުމާއި ބާރުތައް ޖަމާކުރުން: ރާއްޖެ ހުދުމުހުތާރު މިސްރާބަކަށް؟
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަމުންދާ ކަންކަމަށް ބަލާއިރު، ގައުމުގެ ތިން ބާރު ވަކިވެފައި އޮތުމުގެ ޑިމޮކްރެޓިކް އަސާސްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ވެރިކަން ހިންގުމުގެ ނިޒާމު ހުދުމުހުތާރު މިސްރާބަކަށް ދަތުރުކުރަމުންދާ ކަމުގެ ކަންބޮޑުވުން އިންތިހާއަށް ވަނީ ބޮޑުވެފައެވެ.

ރައީސް މުއިއްޒު ޕޯޑިއަމްތަކުގައި ތިން ބާރު ވަކިވެފައިވާ ވާހަކަ ދެއްކެވި ނަމަވެސް، އަމަލީ ގޮތުން ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ-މެޖޯރިޓީ ބޭނުންކުރައްވައިގެން ގާނޫނު އަސާސީއަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް ބަދަލުކުރެވޭ "ކުޅޭކުޅޭ އެއްޗަކަށް" ހައްދަވާފައިވާ މަންޒަރެވެ.

އެގޮތުން، އެއްވެސް ދިރާސާއެއް ނުވަތަ ރައްޔިތުންގެ ބައިވެރިވުމެއް ނެތި، މަދު ގަޑިއިރުކޮޅެއްއްގެ ތެރޭގައި ގާނޫނު އަސާސީއަށް ބޮޑެތި އިސްލާހުތައް ގެނައުމަކީ ގާނޫނު ހެދުމުގެ ބާރުގެ މިނިވަންކަން ގެއްލި، އެ ބާރު ސަރުކާރުގެ މުށުތެރެއަށް ވެއްޓިފައިވާ ކަމުގެ ސާފު ހެއްކެކެވެ.

ހަމައެއާއެކު، ޖުޑީޝަރީގެ މިނިވަންކަން ގެއްލުވާލުމަށްޓަކައި މަތީ ކޯޓުތަކުގެ ބެންޗަށް ބަދަލުތައް ގެނައުމާއި، ސިޔާސީ މަގްސަދުތަކުގައި ފަނޑިޔާރުން ވަކިކުރުމަކީ އިންސާފުގެ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ކުރެވޭ ނުރައްކާތެރި މަސައްކަތްތަކެކެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމަށް ގެންނަވަމުންދާ ބަދަލުތަކުންވެސް ފެންނަނީ ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލައި، ހުރިހާ ބާރެއް މަރުކަޒީ ސަރުކާރަށް ޖަމާކުރުމުގެ ފިކުރެވެ.

ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮތް ތަނެއް ނޫން ކަމަށް ވިދާޅުވެ، ރައީސް ދެއްވި އިންޒާރަކީ ޑިމޮކްރަސީގެ ރޫހާ މުޅިން ޚިލާފު، އަދި އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ދެވުނު ހަމަލާއެކެވެ. މި ހުރިހާ ކަމަކަށް ނަޒަރު ހިންގާއިރު، ރާއްޖޭގެ ތިން ބާރު ވަކިވެފައި އޮތުމުގެ ބަދަލުގައި ފެންނަނީ ހުރިހާ ބާރެއް އެކެއްގެ އަތްޕުޅަށް ޖަމާވެ، ގައުމު އަނެއްކާވެސް ޚުދުމުހުތާރު ވެރިކަމެއްގެ އަނދަވަޅަކަށް ވެއްޓެމުންދާ މަންޒަރެވެ.

މިއަދު ފެންނަމުންދާމަނީ ކުއްލި ކުއްލިއަށް ސިޔާސަތުތައް ބަދަލު ކުރުމާއި ހައްސާސް ކަންކަމުގައި މީހަކު ފާޅުކުރާ ޚިޔާލަކަށް ބިނާކޮށް އެއްވެސް ދިރާސާއެއް ނުކޮށް ބަދަލުތައް ގެނަސް މުޅި ނިޒާމު އެފުށް މިފުށަށް ޖަހަމުންދާ މަންޒަރެވެ.



ކިޔުންތެރިންގެ ހިޔާލު