ވެނެޒުއޭލާގެ ތެލުގެ މުއްސަނދިކަމުގެ އިތުރުން އެ ގައުމުގައި ހުރި މައުދަނީ ވަސީލަތްތައް ހޯދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޮޑު ސަމާލުކަމެއް ދޭން ފަށައިފިއެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، މިހާރު އެމެރިކާގެ ކުންފުނިތަކަށް ވެނެޒުއޭލާގެ ބޮޑު ތެޔޮ ރިޒާވް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެއެވެ. ނަމަވެސް، ތެލުގެ އިތުރުން އެ ގައުމުގައި ހުރި އެހެނިހެން އަގުހުރި މައުދަންތަކަކީ ވެސް އެމެރިކާގެ ގައުމީ ސަލާމަތަށް މުހިންމު އެއްޗެއްގެ ގޮތުގައި ޓްރަމްޕްގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، ވެނެޒުއޭލާގައި ކަނޑައެޅިގެން ކިހާ މިންވަރެއްގެ މައުދަންތަކެއް ހުރިކަން ކަށަވަރު ނުވި ނަމަވެސް، އެ ގައުމުގައި ގިނަ އަދަދަކަށް "ރެއަރ އާތު އެލެމެންޓްސް" ނުވަތަ މަދުން ނޫނީ ނުފެންނަ މައުދަންތައް ހުރި ކަމަށް ބެލެވެއެވެ. މި މައުދަންތަކަކީ ޒަމާނީ ޓެކްނޮލޮޖީ އާއި ދިފާއީ ސިނާއަތްތަކަށް، މިސާލަކަށް ފޯނު، ބެޓެރީ، ޓީވީ ސްކްރީން އަދި ހަނގުރާމަމަތީ މަތިންދާބޯޓާއި މިސައިލް އުފެއްދުމަށް ކޮންމެހެން ބޭނުންތެރި މާއްދާތަކެކެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ވަނީ އިގްތިސާދީ އަދި ގައުމީ ސަލާމަތަށް މުހިންމު 60 މައުދަނެއް ކަނޑައަޅާފައެވެ. މީގެ ތެރޭގައި އެލްމިނިއަމް، ކޮބާލްޓް، ކޮޕާ، ލެޑް އަދި ނިކަލްގެ އިތުރުން 17 ބާވަތެއްގެ "ރެއަރ އާތު" މައުދަންތައް ހިމެނެއެވެ.

ނަމަވެސް، ވެނެޒުއޭލާގެ މި މައުދަންތައް ހޯދުމަކީ އެމެރިކާއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް މާހިރުން އިންޒާރު ދެއެވެ.

އެ ގައުމުގައި ހުރި މައުދަންތަކުގެ ސާފު މައުލޫމާތު ނެތުމާއި، އެ ތަކެތި ނެގުމަކީ އިގްތިސާދީ ގޮތުން ފައިދާހުރި ކަމެއްތޯ އަދި އޮތީ ސުވާލު އުފެދިފައެވެ. މީގެ އިތުރުން، މައުދަންތައް ނަގާ ސަރަހައްދުތަކުގައި ހަތިޔާރު އެޅި ޖަމާއަތްތަކުން ޣައިރު ގާނޫނީ ގޮތުން ރަން ނެގުމުގެ މަސައްކަތް ކުރަމުންދާތީ، އިންވެސްޓަރުންނަށް ސަލާމަތީ ނުރައްކާތައް އެބަހުއްޓެވެ. އަދި މިފަދަ މައުދަންތައް ނެގުމަކީ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް ވެސް މާހިރުން ފާހަގަކުރެއެވެ.

މިކަމާ ގުޅޭގޮތުން އެޓްލާންޓިކް ކައުންސިލް ގްލޯބަލް އެނާޖީ ސެންޓަރުގެ ރިސާޗް ޑިރެކްޓަރު ރީޑް ބްލެކްމޯ ވިދާޅުވީ، ވެނެޒުއޭލާގައި ތެލުގެ އިތުރުން ގުދުރަތީ މުއްސަނދިކަން ހުރިކަން އެމެރިކާ ސަރުކާރަށް އެނގޭ ކަމަށެވެ. އެކަމަކު، އެ މައުދަންތައް ނަގައި ބާޒާރަށް ނެރުމަކީ ތެޔޮ ނެގުމަށްވުރެ މާ އުނދަގޫ އަދި ގޮންޖެހުން ބޮޑު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، އެމެރިކާގެ ސަޕްލައި ޗެއިން ވަރުގަދަކުރުމަށް ވެނެޒުއޭލާގެ މައުދަންތަކަށް ބަރޯސާވުމަކީ އަދި މާ ދުރުގައި އޮތް ކަމެއްގެ ގޮތުގައި ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު