އިލްހާން އުމަރު
އިލްހާން އުމަރު
އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް މިންނެސޯޓާގެ 5 ވަނަ ޑިސްޓްރިކްޓުން ވާދަކުރެއްވި ޕްރޮގްރެސިވް ޑިމޮކްރެޓިކް މެންބަރު އިލްހާން ޢުމަރު ފަސްވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ.

މިނިއާޕޮލިސް ހިމެނޭ މި ޑިސްޓްރިކްޓުގެ ގޮނޑި އިލްހާން ކާމިޔާބު ކުރެއްވީ އެމެރިކާގެ ފެޑެރަލް ސަރުކާރުން އޭނާއާ ދެކޮޅަށް ޖިނާއީ ތަޙުޤީޤެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.

މިއަހަރުގެ އޮކްޓޫބަރު މަހުގެ ކުރީކޮޅު، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ފެޑެރަލް އޭޖެންޓުން ވަނީ ވޮޝިންގްޓަން ޑީ.ސީ. ގައި ހުންނަ އިލްހާންގެ ގެކޮޅު ފާސްކޮށްފައެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވަނީ މިއީ ޖިނާއީ ތަޙުޤީޤެއްގެ ދަށުން ހިންގި ހަރަކާތެއް ކަމަށެވެ. ސަރުކާރުގެ ބައެއް މަސްއޫލުވެރިން މަޢުލޫމާތު ދޭ ގޮތުގައި، މި ތަޙުޤީޤަކީ އިލްހާން އެމެރިކާއަށް އެތެރެވި އިމިގްރޭޝަން ތާރީޚާ ގުޅޭގޮތުން ހިންގާ ތަޙުޤީޤެކެވެ.

އެގޮތުން، އެހެން މީހަކަށް އެމެރިކާގެ ޤާނޫނީ ރައްވެހިކަން ހޯދައިދިނުމަށްޓަކައި ސައްޙަ ނޫން ކައިވެންޏެއް ކުރެއްވި ކަމަށް ކުރެވޭ ތުހުމަތުތަކާއި، އޭނާގެ ބައްޕަ އޭނާގެ އުމުރާ މެދު އޮޅުވާލައިގެން ސިޓިޒަންޝިޕް ހޯދި ކަމަށް ބުނާ ސާބިތުނުވާ ތުހުމަތުތައް ހިމެނެއެވެ.

ނަމަވެސް އިލްހާން ޢުމަރު ވަނީ މި ތުހުމަތުތައް ފުރިހަމައަށް އިންކާރު ކުރައްވާފައެވެ. އަދި މިއީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އޭނާއަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިޔާސީ އަމަލެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

އިލްހާނަކީ ޓްރަމްޕްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. މީގެ ރައްދުގައި ޓްރަމްޕްވެސް ވަނީ އިލްހާނަށް އަމާޒުކޮށް ފާޑުވިދާޅުވެ، އޭނާ އުފަންވި ޤައުމު ކަމަށްވާ ސޯމާލިއާއަށް އެނބުރި ވަޑައިގަތުމަށް ގޮވާލައްވާފައެވެ.

ޤާނޫނީ ދާއިރާގެ ބައެއް މާހިރުން ފާހަގަކުރާ ގޮތުގައި، އިންތިޚާބާ ކުޑަތަންވެފައި ވަނިކޮށް އިލްހާންގެ ގެކޮޅު ފާސްކުރުމަކީ އިންތިޚާބީ މަސްއޫލުވެރިންނާ މެދު ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކޮށް ގެންގުޅޭ އުސޫލުތަކާ ޚިލާފު ކަމެކެވެ.

އަދި ފެޑެރަލް ސަރުކާރުން އިންތިޚާބީ މެންބަރެއްގެ ރައްވެހިކަން އަތުލުމަށް މަސައްކަތްކޮށްފާނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކޮށް، މިއީ ތާރީޚުގައިވެސް ހިނގާފައިނުވާފަދަ ނުރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

މި ތަޙުޤީޤު ކުރިއަށްދާ ދަނޑިވަޅެއްގައި އިލްހާން މި އިންތިޚާބު ކާމިޔާބު ކުރެއްވި އިރު، ސަރުކާރުގެ ވަކީލުން ކޯޓުގައި ބުނެފައިވަނީ ކޯޓު އަމުރުގެ ދަށުން ކުރަންޖެހޭ ފާސްކުރުންތައް އަދި މުޅިން ނުނިމޭ ކަމަށާއި، ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ އެ މަސައްކަތް ނިމުމުން ކަމަށެވެ.

މި ކާމިޔާބީއާއެކު އިލްހާން ޢުމަރު އަނެއްކާވެސް ކޮންގްރެސްގެ އާ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވީއެވެ. އޭނާ މިންނެސޯޓާގެ 5 ވަނަ ޑިސްޓްރިކްޓް ތަމްސީލުކުރައްވަމުން ގެންދަވަނީ 2018 ވަނަ އަހަރު އެންމެ ފުރަތަމަ އިންތިޚާބުވި ފަހުންނެވެ. އިލްހާނަކީ އެމެރިކާގެ ކޮންގްރެސްއަށް އިންތިޚާބުވި އެންމެ ފުރަތަމަ މުސްލިމް އަންހެން ބޭފުޅުންގެ ތެރޭގައި ހިމެނޭ، އަދި އެންމެ ފުރަތަމަ ސޯމާލީ-އެމެރިކަން މެންބަރެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް