މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހޯދުމަށް ފުލުހުން ކުރިއަށްގެންދާ 'އޮޕަރޭޝަން އަލިމަގު' ގެ ދަށުން އިއްޔެ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ސިޔާސީ މުވައްޒަފު މަގާމުން ވަކިކޮށްފިއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި ގއ. ވިލިނގިލި، އައިޒަން، އަހްމަދު އަނާމް އިބްރާހިމް (30އ) އެވެ.

މި އޮޕަރޭޝަންގެ ދަށުން އިއްޔެ މާލެ އާއި ގއ. އަތޮޅުގެ 10 ތަނެއް ބަލައި ފާސްކޮށް، ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

އަނާމްގެ އިތުރުން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލީގެ ތިން މީހުން ކަމަށްވާ ޝައްފާހް ލަތީފް (28އ)، އަހްމަދު މަދީހު (33އ) އަދި ނޫރުއްނިޒާމް (35އ) އެވެ. މީގެ ތެރެއިން އަނާމް އާއި މަދީހު ހައްޔަރުކުރީ މާލެ ސަރަހައްދުންނެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިއީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި ހާއްސަ އޮޕަރޭޝަނެއް ކަމަށެވެ.

މީގެ ކުރިން އައްޑޫސިޓީގައި ފުލުހުން ހިންގި އަލިމަގު އޮޕަރޭޝަންގައިވެސް މި ސަރުކާރުގެ އެސްޕީޑީއެއްގެ މަގާމުގައި ހުރި އަލީ ނަދީމް (މައިލޯ ނަދަމާ) ވަނީ ހައްޔަރު ކޮށްފައެވެ.

އޮޕަރޭޝަން އަލިމަގުގެ ދަށުން ފުލުހުން ކުރާ މަސައްކަތުގެ ދަށުން 202 މީހަކު 31 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު