ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަޙްމަދު ޙައިލަމް
ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަޙްމަދު ޙައިލަމް
ޤާނޫނުއަސާސީއަށް 5 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު ބުނާ ގޮތުން މިހާރު އިންތިޚާބުވެފައި އޮތް ކައުންސިލްތަކުގެ އުމުރުގައި ބާކީ 2 އަހަރު އެބައޮތް ކަމަށާއި މިނޫން ގޮތަކަށް އެޤާނޫނު މާނަކުރާ ނަމަ އެޤާނޫނުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާ ވަކިން ލިޔެފައިއޮތުމުގެ ބޭނުމެއް ނެތްކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަޙްމަދު ޙައިލަމް ވިދާޅުވެއްޖެއެވެ.

ޙައިލަމްގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ، ޤާނޫނު ހަދާ މަޖިލީހުން ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާ ގުޅުވައިގެން މިވަގުތު ކުރަންޖެހޭ އެއްވެސް ކަމެއް އޮތްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށާއި ސަރުކާރަށާއި އިލެކްޝަންސް ކޮމިޝަނަށް ވެސް އެކަމާގުޅިގެން ކަމެއް ކުރަންޖެހިފައި އޮތްކަމަށް ޤަބޫލުކުރެވިފައިވަނީ ވަރަށް ބޮޑު އޮޅުމަކުން ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.

މިހާ ސާފުކޮށް އޮތް މައްސަލައެއްގައި ރައްޔިތުންގެ މަޖިލީސް އެއްވެ، ސަރުކާރާއި، ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަރާރުންވެ ތަޅާފޮޅުމުގެ މާނައެއް ވިސްނިވަޑައި ނުގަންނަވާ ކަމަށާއި، މަބްރޫކް ޢަޒީޒް ވިދާޅުވާހެން "ލައިކް ކޮޅެއް ބޭނުންވިޔަސް ތިޔައީ ބޮޑުވަރެއް" ކަމަށް ޙައިލަމް ވިދާޅުވެފައިވެއެވެ.

މިހާރު އިޢުލާން ކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ދައްކަވާފައިވާ ވާހަކަ ފުޅާމެދުވެސް ހައިލަމްގެ މިލިއުއްވުމުގައި އަލި އަޅުއްވާލައްވާފައި ވެއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި ކުއްލި ނުރައްކަލަކީ ޙާލަތެކެވެ. އެޙާލަތު އޮތުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއް ބޭނުމެއް ނުވެއެވެ. އެއީ ތެދުފުޅެކެވެ. އެހެންނަމަވެސް އެޙާލަތު ޤާނޫނީ ޙާލަތަކަށްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއް ބޭނުންވާނެއެވެ." ޙައިލަމް ލިޔުއްވާފައި ވެއެވެ.

އެހެންކަމުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވިގެން ލަސްވެ ޤައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެތީ ކުރެވެމުންދާ އެންމެހާ މަސައްކަތްތަކަކީ، ޤާނޫނުއަސާސީއަށް 5 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު ރަނގަޅަށް ނުބައްލަވައި، އެޤާނޫނުން ބޭނުންވި މަޤުޞަދު ހާސިލުވެފައިވާ ކަމުގައި ހިއްތަވައިގެން އުޅުއްވާތީ ކުރެވެމުންދާ މަސައްކަތްތަކެއް ކަމަށް ޙައިލަމް ވިދާޅުވިއެވެ. އަދި އެޤާނޫނު ރަނގަޅަށް ބެއްލެވީމާ އެއްވެސް ދުސްތޫރީ ހުސްކަމެއް އަންނަން ނޫޅޭކަން ސާފުވާނެކަމަށާއި، މަޖިލީހުގައި އެކަމާ ގުޅިގެން ބަހުސްކުރުމުގެ ބޭނުމެއް ނެތްކަމަށް ވެސް އޭނާ ވަނީ ބަޔާންކުރަށްވާފައެވެ.

ހައިލަމް އެ އިޝާރާތް ކުރައްވާ އިސްލާހަކީ ޤާނޫނު އަސާސީގެ "231 ވަނަ މާއްދާގެ (ނ) އަށް ގެނައި އިސްލާހަށެވެ. އެ އިސްލާހުގައި ބުނަނީ "އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ ޢުމުރަކީ ފަސް އަހަރު ދުވަސް" ކަމަށެވެ.

އޭނާ ރިޢާޔަތް ކުރައްވާފައިވާ އެ ޤާނޫނުގެ 4 ވަނަ މާއްދާ ނުވަތަ ނަމްބަރުގައި އޮންނަނީ "މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރަންވާނީ، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައެވެ. އަދި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަންވާނީ، ލޯކަލް ކައުންސިލްތައް އެކުލެވޭ ގޮތްކަމަށް، އަދި އެ ކައުންސިލްތައް އިންތިޚާބުކުރަންޖެހޭ ގޮތްކަމަށް މި ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން" ކަމަށެވެ.

އިސްލާހުގެ 5 ވަނަ މާއްދާ ނުވަތަ ނަމްބަރުގައި އޮންނަނީ "މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަސްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން" ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން