ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު
ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު
އީރާނުގެ ދާޚިލީ ކަންކަމަށް އެމެރިކާ އަތްބާނަން ދެކޮޅު ކަމަށާއި، ނަމަވެސް އީރާނުގެ ޒުވާނުން ކުރަމުންދާ މުޒާހަރާއަށް ތާއީދު ކުރަންޖެހޭ ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު މީސްމީޑިއާގައި މިހެން ވިދާޅުވީ، އީރާނުގެ ރައްޔިތުން މަގުމައްޗަށް ނުކުމެ ކުރަމުންދާ މުޒާހަރާތަކުގައި މުސްލިމް ގައުމެއްގެ ހައިސިއްޔަތުން އެ ގައުމުގެ ރައްޔިތުންނާއެކު ތިބެންޖެހޭ ކަމަށާއި، ހިމާޔަތްކުރަންވީ އެ ގައުމުގެ ސަރުކާރުގެ ބަދަލުގައި ރައްޔިތުން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާތީ، އެކަމަށް ސްރީލަންކާގައި ހުންނަ އީރާން އެމްބަސީން ރައްދު ދިނުމާ ގުޅިގެންނެވެ.

އެގޮތުން ރައީސް ނަޝީދު މިއަދު ވިދާޅުވީ، އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަދެ އަތްބާނައި ބާރުގެ ބޭނުންކުރުމާ ދެކޮޅު ކަމަށެވެ. އެކަމަކު މަގުމަތީގައި މުޒާހަރާކުރަމުންދާ އެ ޒުވާނުންނަށް ތާއީދުކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



ހަމައެއާއެކު ރާއްޖޭގެ މާޒީއަށް އިޝާރާތް ކުރަށްވަމުން "އިމޯޖީ" އަކާއެކު ރައީސް ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް މައުމޫންގެ ވެރިކަމާ ދެކޮޅަށް ދިވެހިން އިހުތިޖާޖު ކުރުމުން، އެއީ ނަޞާރާ މިޝަނަރީންގެ އެހީގައި ކުރާ ކަމެއް ކަމަށް އޭރުގެ ސަރުކާރުންވެސް ތުހުމަތު ކޮށްފައިވާ ކަމަށެވެ. އަދި އެއީ އީރާންގެ މިހާރުގެ ސަރުކާރުންވެސް ދައްކާ ވާހަކަ ކަމަށް ރައީސް ނަޝީދު ސިފަކުރެއްވިއެވެ.

އޭގެއިތުރުން ބާރުގަދަ ސަރުކާރަކުން ޙައްޤުތައް ހޯދުމަށް މަސައްކަތްކުރާ ޒުވާނުންނަށް ދޭނެ ހަގީގީ އަނިޔާ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި، ހައްގުތަކަށްޓަކައި މަސައްކަތްކުރާ އީރާންގެ ޒުވާނުންނާއެކު ސާބިތުކަމާއެކު ހުންނެވި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އީރާންގެ ސަފީރު އިއްޔެ ރައީސް ނަޝީދަށް ދެއްވި ރައްދުގައި ވިދާޅުވީ، މިދިޔަ ޖޫން މަހު ހިނގި ކުރިމަތިލުންތަކުގައި އިސްތިއުމާރީ ޒަޔަނިސްޓު ބާރުތަކުން އީރާނުގެ ރަށްތަކަށާއި އާންމުންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އަދި މިއީ އެމެރިކާގެ އެހީތެރިކަމާއެކު ހިންގާ ލާއިންސާނީ ގަތުލުއާންމެއް ކަމަށާއި، މިކަމުގައި ރައީސް ނަޝީދު ހުންނެވީ ކޮންފަޅިއެއްގައިކަން ސާފުކޮށް ވިދާޅުވެ ދެއްވަން ޖެހޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު