އަމިއްލައަށް އުވާފާ ކަންކަން ކުރުމަށް ވަގުތު ހުސްކުރުން-
އަމިއްލައަށް އުވާފާ ކަންކަން ކުރުމަށް ވަގުތު ހުސްކުރުން-
އަމިއްލަ ނަފްސަށް އަޅާލުމަކީ ނުވަތަ "ސެލްފް ކެއާ" އަކީ ހަމައެކަނި ފެންނަ ފެނުމަށް ރީތި ވުމެއް ނޫނެވެ. އެއީ އިންސާނާގެ ހަށިގަނޑާއި، ސިކުނޑިއާއި، ރޫޙާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ. ދިރިއުޅުމުގެ ބުރަކަމުގެ ތެރެއިން އަމިއްލަ ނަފްސު ބަލިކަށިވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

އަމިއްލަ ނަފްސަށްޓަަކައި ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމެވެ. ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމާއި، އެކަށީގެންވާ މިންވަރަށް ފެން ބުއިމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހަމައެއާއެކު، ނިދި ހަމަކުރުމަކީ ނަފްސާނީ ދުޅަހެޔޮކަމާވެސް ގުޅިފައިވާ ކަމެކެވެ. ރޭގަނޑު ގަޑީގައި މަދުވެގެން 7 ނުވަތަ 8 ގަޑިއިރުގެ ނިދި ހަމަކުރުމުން، ސިކުނޑި ތާޒާވެ، ހަށިގަނޑުގެ ވަރުބަލިކަން ފިލައިގެންދެއެވެ. ކަސްރަތު ކުރުމަކީވެސް ހަށިގަނޑުގައި އުފާވެރިކަން ގެނެސްދޭ ހޯރމޯންތައް އިތުރުކޮށްދޭ ކަމެކެވެ.

ނަފްސާނީ ގޮތުން އަމިއްލަ ނަފްސަށް "ބައުންޑަރީސް" ނުވަތަ މިންގަނޑުތަކެއް ކަނޑައެޅުމަކީވެސް އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށްޓަކައި ކުރަން ޖެހޭ ކަމެކެވެ. ހުރިހާ ކަމަކަށް "އާނބަސް" ބުނުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް ބުރަވާ ކަންކަމަށް "ނޫނެކޭ" ބުނަން ދަސްކުރަންޖެހެއެވެ. އަމިއްލަ ހިތްހަމަޖެހުމަށްޓަކައި ވަގުތު ހުސްކުރުމަކީ އަމިއްލަ އެދުން ބޮޑުވުމެއް ނޫނެވެ.

ހަމައެއާއެކު އިޖްތިމާއީ ގުޅުންތަކަށް ބެލުމަކީވެސް 'ސެލްފް ކެއާ' ގެ ގޮތުގައި ކުރަން ޖެހޭ މުހިންމު ކަމެކެވެ. ހެޔޮލަފާ އެކުވެރިންނާއި އާއިލާގެ މީހުންނާއެކު ވަގުތު ހޭދަކުރުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ކަމެކެވެ. ނަމަވެސް، ތިމާގެ ހަކަތަ ހުސްކޮށްލާ، ނޭދެވޭ އަސަރުކުރާ ކަހަލަ މާޙައުލުތަކާއި މީހުންނާ ދުރުހެލިވުމަކީވެސް ސެލްފް ކެއާގެ ބައެކެވެ.

އަމިއްލަ ނަފްސަށް އަޅާލުމަކީ ދިރިއުޅުމުގެ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަމެކެވެ. ތިމާގެ ނަފްސު ދުޅަހެޔޮކޮށް ހުރެގެން ނޫނީ އެހެން މީހަކަށް އުފާވެރިކަމެއް ނުދެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު