މަސްފަތުގެ ބަލީގެ ވޭނުގައި
މަސްފަތުގެ ބަލީގެ ވޭނުގައި
ފަލަސްތީނުގެ ގާޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާނުގެ ސަބަބުން، ބަލިމީހުންނަށް ބޭނުންވާ ފަރުވާ ނުލިބި ހާލުގައި ޖެހިފައިވާ އެތައް ބަޔަކު އެބަތިއްބެވެ.

އޭގެ ތެރެއިންވެސް، ވަރަށް މަދުން ނޫނީ ނުފެންނަ ހަމުގެ ބައްޔެއް ކަމަށްވާ "އިކްތިއޯސިސް" ނުވަތަ "މަސް ފަތުގެ ބަލި" ތަހައްމަލު ކުރަމުންދާ 16 އަހަރުގެ ޝަހީދު އަލް އަތަމްނާގެ ވާހަކައަކީ ހިތްދަތި ވާހަކައެކެވެ. މި ބަލީގެ ސަބަބުން މުޅި ހަންގަނޑު ކުރަކިވެ، މަސް ފަތްތަކެއް ފަދައިން ހަންގަނޑު ނެއްޓެމުންދާއިރު، ގާޒާގެ ބޭސްފިހާރަތަކާއި ހޮސްޕިޓަލްތަކުން މިކަމަށް ބޭނުންވާ ޚާއްޞަ ބޭހާއި މޮއިސްޗަރައިޒާ ފަދަ ތަކެތި ލިބުން ވަނީ ދަތިވެފައެވެ.



ޝަހީދުގެ ހާލަތު އިތުރަށް ގޯސްވެފައިވަނީ، އޭނާ މިހާރު ދިރިއުޅެން ޖެހިފައިވާ މާހައުލުގެ ސަބަބުންނެވެ. އަމިއްލަ ގެދޮރު ދޫކޮށް ދާންޖެހުމުން، އޭނާ މިހާރު ދިރިއުޅެމުންދަނީ ދާރުލް ބަލާހްގެ މަގާޒީ ރެފިއުޖީ ކޭމްޕުގައި ހަދާފައިވާ ވަގުތީ ފޭލިގެއެއްގައެވެ. ހޫނުގަދަވުމާއި، ސާފުތާހިރުކަން ކުޑަވުމުގެ އިތުރުން ފޭލިގެތަކުގެ ތެރޭގައި ހުންނަ ކުނިބުނީގެ ވަހާއި ހިރަފުހުގެ ސަބަބުން، އޭނާގެ ހަންގަނޑުގައި އިންފެކްޝަން އުފެދި ވޭން ވަނީ އިތުރުވެފައެވެ.

މި ބައްޔަކީ މުޅި އުމުރަށް ފަރުވާ ބޭނުންވާ ބައްޔަކަށް ވީނަމަވެސް، އިސްރާއީލުން ގާޒާ ބަންދުކޮށްގެން އުޅޭތީ ބޭރުގެ އެހީތެރިކަމާއި ބޭސްފަރުވާގެ ސާމާނު އެތެރެވުން ވަނީ ހުއްޓިފައެވެ. ޝަހީދު ފަދަ އެތައް ކުދިންނެއް މިއަދު ތިބީ އެކަށީގެންވާ ސިއްހީ ފަރުވާއެއް ނުލިބި، ކޮންމެ ދުވަހަކު އާ ވޭންތަކެއް ތަހައްމަލު ކުރާށެވެ. ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް މިފަދަ އެތައް އާއިލާއަކުން މިއަދު ދަނީ އާދޭސް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު