މިއަދު ޙާދިސާ ދިމާވި ބޯޓު | ފޮޓޯ: މީސްމީޑިއާ
މިއަދު ޙާދިސާ ދިމާވި ބޯޓު | ފޮޓޯ: މީސްމީޑިއާ
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސީޕްލޭން ވޯޓާ އެއިރޯޑްރޯމް ސަރަޙައްދުގައި މިއަދު ހިނގި ނުރައްކާތެރި ހާދިސާގައި އަނިޔާވި ސީޕްލޭންގެ ފަޅުވެރިއަކަށް، ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާގައި އިތުރު އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިފައިވާ ކަމެއް އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހާދިސާ ހިނގުމާއެކު ބޯޓުން ދަތުރުކުރި އެންމެހައި ފަސިންޖަރުންނާއި ފަޅުވެރިން ވަނީ ރައްކާތެރިކަމާއެކު ބޯޓުން ބާލުވާފައެވެ.

މި ހާދިސާއާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވަނީ، ޓީއެމްއޭގެ ބޯޓެއް ޓެކްސީ ކުރަމުން ދަނިކޮށް މި ހާދިސާ ހިނގުމާއެކު، އެމްއޭސީއެލްގެ އެއާޕޯޓް އެމަޖެންސީ ސާވިސަސް (އޭއީއެސް) އިން ވަގުތުން އެ ސަރަޙައްދަށް ގޮސް އިމަޖެންސީ ރެސްޕޮންސްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަން ދެމުންދާ ކަމަށާއި، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށްވެސް އެ ކުންފުނިން ހާމަކުރިއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ހާދިސާ ހިނގި ވަގުތު އެ ސީޕްލޭނުގެ ބައެއް ވަނީ އަޑިއަށް ގޮސްފައެވެ. އަދި ބޯޓުގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިން ސަލާމަތްކުރުމަށްޓަކައި، ލައިފް ރިންގު ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ޓީއެމްއޭގެ ގިނަ މުވައްޒަފުންތަކެއް ވަގުތުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ މަންޒަރު އެ ވީޑިއޯތަކުން ފެނިގެންދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް