ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާ ވާހަކަފުޅުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެ، ގާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހިމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނިޝާން ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި އެންމެ ބޮޑަށް ބޭނުންކުރެއްވި ހަތިޔާރަކީ ކަނޑުގެ ބައެއް ވިއްކާލި ކަމަށް ބުނެ ދެއްކެވި ވާހަކަތައް ކަމަށާއި، ނަމަވެސް އެއީ އޭރުގެ ސަރުކާރުން ރާއްޖޭގެ ސިޔާދަތީ ބާރު ހިމާޔަތްކުރުމަށް ގާނޫނީ އިމުގެ ތެރެއިން ކުރި މަސައްކަތެއް ކަމަށެވެ.

ނިޝާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އަވަށްޓެރި ގައުމުތަކުގެ ސަރަހައްދު ފުށުއަރާ ހާލަތްތަކުގައި ބައިނަލްއަގްވާމީ ގާނޫނުތައް ބުނާ ގޮތުން އެ ސަރަހައްދުތައް ބަހަން ޖެހެއެވެ. އަދި އިޓްލޮސްގެ ނިންމުމުން ރާއްޖެއަށް މޮރިޝަސްއަށްވުރެ ބޮޑު ސަރަހައްދެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި ރައީސް މުޢިއްޒު ރިޔާސީ ކޮމިޝަނެއް ހައްދަވައިގެން ތަހުގީގު ކުރެއްވި ނަމަވެސް، އެކަން ގާނޫނީ އިމުން ބޭރުން ކުރައްވައިފިނަމަ، މުސްތަގުބަލުގައި ރައީސް މުޢިއްޒުގެ މައްޗަށް ވެސް ރިޔާސީ ކޮމިޝަނެއް ހަދައިގެން ތަހުގީގު ކުރަންޖެހޭ ފަދަ ހާލަތަކަށް ގައުމު ހިނގައިދާނެ ކަމުގެ އިންޒާރު ނިޝާން ދެއްވިއެވެ.

މީގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ދިއުމަށް ވެސް ނިޝާން ވަނީ ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ސިޔާސީ ބޭނުމަށްޓަކައި ދޮގު މައުލޫމާތު ފަތުރައިގެން ކަންކަން ކުރުމުގެ ނަތީޖާ ހިތިވާނެ ކަމަށާއި، މިހާރު ހިނގަމުންދާ ކަންކަމުގެ ސަބަބުން ގައުމުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު