ށ. ފޯކައިދޫ ކައުންސިލްގެ ދައުވަތަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު އެ ރަށަށް ކުރެއްވި ޒިޔާރަތުގައި، އެ ރަށުގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ރައީސް ޞާލިޙު ފޯކައިދޫއަށް ވަޑައިގަތުމުން، ބަނދަރު ސަރަހައްދަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ، އެމަނިކުފާނުގެ ސަރުކާރުގައި އެ ރަށަށް ގެނެސްދެއްވި ތަރައްގީގެ މަޝްރޫއުތަކަށްޓަކައި ޝުކުރު އަދާކޮށްފައިވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން، ފޯކައިދޫ ކައުންސިލްގެ ބަޖެޓުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އައުޓްޑޯ ވޮލީ ކޯޓު ރައީސް ޞާލިޙު ވަނީ ހުޅުވައިދެއްވާފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހަރަކާތްތަކަށް ޚާއްސަކޮށްގެން އެ ރަށުގައި ގާއިމުކުރި އެމްޑީޕީގެ "ނޫ ބަހާރު" ޖަގަހަ ވެސް އެމަނިކުފާނު ވަނީ ހުޅުވައިދެއްވާފައެވެ. މި ޖަގަހަ ހުޅުވައިދެއްވުމަށްފަހު، އެމަނިކުފާނު ވަނީ އެމްޑީޕީގެ ދިދަ ނަންގަވައިދެއްވާފައެވެ.

ރައީސް ޞާލިޙުގެ މި ދަތުރުފުޅުގައި ކައުންސިލް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާއި ކެމްޕޭން ޓީމާ ބައްދަލުކުރެއްވުމުގެ އިތުރުން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި "ޑޯ-ޓު-ޑޯ" ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ރޭވިފައެވެ.

ރައީސް ޞާލިޙުގެ ވެރިކަމުގައި ފޯކައިދޫގައި ފެނާއި ނަރުދަމާގެ ނިޒާމާއި، ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ފަދަ މުހިންމު ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު