މޫސުމަށް އަންނަ ބަދަލުތަކަށް އިޖާބަދިނުމުގައި ދުނިޔޭގެ ފެންވަރުގައި އިންޞާފުވެރި އަދި ގުޅިފައިވާ މަސައްކަތްތަކެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ބާލިންގެ ހަމްބޯލްޓް ޔުނިވަރސިޓީއަށް މިއަދު މެންދުރުފަހު ޒިޔާރަތް ކުރަށްވައި ދެއްވި ޚާއްޞަ ތަޤުރީރުގައެވެ.

ރައީސް މުޢިއްޒު ހަމްބޯލްޓް ޔުނިވަރސިޓީއަށް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އިންޓަރނޭޝަނަލް އެންޑް ޔޫރަޕިއަން އެފެއާޒްގެ ވައިސް ޕްރޮވޯސްޓް ޑރ. ޔޯން ވިލައިން އަދި ހެޑް އޮފް ދަ ޑިވިޜަން އޮފް އެގްރިކަލްޗަރަލް އިކޮލޮޖީ ޕްރޮފެސަރ ޑރ. މާރސެލް ރޮބިޝަންއެވެ.

މި ޒިޔާރަތުގައި ދެއްވި ތަޤުރީރުގައި ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެއަކީ ޖައްވަށް ވިހަގޭސް ބޭރުކުރާ މިންވަރު ނިސްބަތުން ނުހަނު ކުޑަ ޤައުމެއް ނަމަވެސް، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ފޯރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. އަދި ރާއްޖެއަށް މޫސުމީ ބަދަލުތަކަށް ހޭނުމަކީ އިޚްތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ޤައުމުގެ ދެމިއޮތުމާއި، ވަތަނިއްޔަތާއި، ސަގާފަތް އަދި އަމިއްލަވަންތަކަން ހިމާޔަތްކުރުމަށްޓަކައި ކުރަންޖެހޭ މަޖުބޫރު ކަމެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް، ސައިންސުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ޤައުމީ ޕްލޭންތަކާއި ބަޖެޓުގައި ހިމެނުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް މުޢިއްޒު އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ބާރުއެޅުއްވީ މިފަދަ ކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމަށާއި، ލޯކަލް ގަވަރނަންސް ވަރުގަދަކޮށް، ރަށު ފެންވަރުގައި ރައްޔިތުންގެ ބައިވެރިވުމާއެކު މި މަސައްކަތްތައް ކުރިއަށްގެންދިއުމަށެވެ. މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާއަކީ އެންމެ ބޮޑު ނުރައްކަލެއްގައި ތިބި ޤައުމުތަކަށް ލިބެންޖެހޭ 'މޫސުމީ މޫސުމީ އިންޞާފެއްކަން' ފާހަގަކުރައްވައި، ރާއްޖެފަދަ ޤައުމުތަކަށް ޔަޤީންކަމާއެކު ލިބޭނެ، އެކަށީގެންވާ އަދި ލުއި މާލީ އެހީތެރިކަން ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖެއިން މިހާތަނަށް ހޯދާފައިވާ ތަޖުރިބާތަކަށް އަލިއަޅުއްވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތައް ލަސްކުރުމަކީ މުސްތަޤުބަލުގައި އޭގެ ޚަރަދު އެތައް ގުނައަކަށް ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ. އަދި ރަށްރަށުގެ މުޖުތަމަޢުތަކަކީ މި ބަދަލުގެ މުހިންމު ބައިވެރިން ކަމަށާއި، ފަރުތަކާއި ކަނޑޫފާތަކަކީ މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށް އޮތް އެންމެ އަގުހެޔޮ އަދި ނަތީޖާ ނެރެދޭ ވަސީލަތްތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ ގުޅުންތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، ހަމްބޯލްޓް ޔުނިވަރސިޓީ ފަދަ މުއައްސަސާތަކުން ސައިންސާއި ސިޔާސަތު ކަނޑައެޅުމާ ދެމެދު އޮތް ގުޅުން ވަރުގަދަކޮށް، ނާޒުކު ޤައުމުތަކުގެ އަޑު އުފުލައިދީ، މުސްތަޤުބަލުގެ ތަޖުރިބާކާރުން ބިނާކުރުމުގައި އަދާކުރާ ދައުރު ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ބޯޑަރެއް ނެތް މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ބޭނުންވަނީ ހުރަސްތަކެއް ނެތް ޢިލްމީ މަސައްކަތްތަކާއި، ދުރު މުސްތަޤުބަލަށް އަމާޒުކުރެވިފައިވާ ޙައްލުތަކެކެވެ.

ތަޤުރީރަށްފަހު އޮތް ސުވާލާއި ޖަވާބުގެ ސެޝަނުގައި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ފެތުރޭ ދޮގު މަޢުލޫމާތުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ތަޢުލީމީ ދާއިރާގެ ދައުރު ރައީސް ތަކުރާރުކުރެއްވިއެވެ. އަދި ބައިނަލްއަޤުވާމީ މައިދާނުގައި މޫސުމީ އިންޞާފު ހޯދުމަށް ސިޔާސީ އެއްބާރުލުން ހޯދުމަށް އިލްމީ މުއައްސަސާތަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށާއި، ބޮޑެތި ޤައުމުތަކުން ނާޒުކު ޤައުމުތަކަށް ދޭ އެހީތެރިކަން އިތުރުކުރުމަށް ބާރުއަޅުއްވައި ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު