ތައިލެންޑުގެ ސޮންގްކްލާ ޕްރޮވިންސްގެ ހެޓް ޔައި ޑިސްޓްރިކްޓްގައި ހުންނަ ޕަތޮންގްޕްރަތަން ކިރިވަޓް ސްކޫލުގައި ހިނގި ބަޑީގެ ހަމަލާއެއްގައި އެ ސްކޫލުގެ ޕްރިންސިޕަލް މަރުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ.

ފެބްރުއަރީ 11، 2026 ވީ ބުދަ ދުވަހުގެ މެންދުރުފަހު ހިނގި މި ހާދިސާގައި، އުމުރުން 18 އަހަރުގެ ކެމް ނަމަކަށް ކިޔާ ޒުވާނަކު ވަނީ ފުލުހުންގެ ވޭނަކުން ބަޑިއެއް ފޭރިގަނެ، ސްކޫލަށް ވަދެ ބަޑިޖަހާފައެވެ. މި ހަމަލާގައި ޕްރިންސިޕަލް ސަސިޕަޗަރާ ސިންސަމޮސޯންގެ ގަޔަށް ބަޑިޖެހުމުން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، މިއަދު ފަތިހުގެ ވަގުތެއްގައި ވަނީ މަރުވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، ކަނޑިއެއް ހިފައިގެން އުޅުނު މި ޒުވާނާ ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައެވެ. އޭނާ ވަނީ ފުލުހުންނަށް ހަމަލާދީ، އެ ސަރަހައްދުގައި އޮތް ފުލުހުންގެ ޕެޓްރޯލް އުޅަނދަކުން ބަޑިއެއް ނަގައިގެން ސައިކަލެއްގައި ސްކޫލަށް ވަދެފައެވެ. ސްކޫލަށް ވަނުމަށްފަހު އޭނާ ވަނީ ޕްރިންސިޕަލްގެ ގަޔަށް ބަޑިޖަހައި، ދެ ދަރިވަރަކު ޒަޚަމްކޮށްލާފައެވެ. މީގެ އިތުރުން، ސްކޫލުގެ މުވައްޒަފަކާއި ދަރިވަރަކު ރަހީނުކޮށް، ފުލުހުންނަށް އިންޒާރުދީ ގިނަ ވަގުތުތަކެއް ވަންދެން ސްކޫލު ތެރޭގައި މަޑުކޮށްފައިވެއެވެ.

ދެ ގަޑިއިރަށްވުރެ ގިނަ އިރު ވަންދެން ކުރިއަށްދިޔަ ނުރައްކާތެރި ކުރިމަތިލުމަކަށްފަހު، ހަމަލާދިން މީހާ އަމާންދިނީ އޭނާގެ އާއިލާގެ މެންބަރުންނާއި ފުލުހުން ގުޅިގެން ދެއްކި ވާހަކަތަކަށްފަހުއެވެ. މި ހާދިސާގައި 15 އަހަރުގެ އަންހެން ދަރިވަރެއްގެ ގަޔަށް ބަޑިޖަހާފައިވާއިރު، އަނެއް ދަރިވަރަށް އަނިޔާވީ ސަލާމަތްވާން އުޅުމުގެ ތެރޭގައި ސްކޫލް އިމާރާތުން ފުންމާލުމުންނެވެ. ހަމަލާދިން ޒުވާނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށް އޭނާގެ އާއިލާއިން ބުނެފައިވެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު