ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން އިއްޔެވެސް 10 މީހުން އަތުލައިގެންފިއެވެ.

މޯލަްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައި ފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ޓާސްކްފޯސް ގުޅިގެން އިއްޔެ އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔަ ކަމަށެވެ.

އެގޮތުން އިއްޔެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓު ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. މި އޮޕަރޭޝަނުގައި 95 ބިދޭސީއެއް ބަލައިފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ 10 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން މިދިޔަ މަހު ފަށާފައިވާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް މިހާރު ވަނީ ފަށާފައެވެ.

އަދި ޤަވާއިދާ ޚިލާފަށް "އޯޕަން ވިޒާ"ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު އިތުރުވަމުންދާކަން އިމިގްރޭޝަނުން ވަނީ ފާހަގަ ކޮށްފައެވެ.

އޭގެއިތުރުން މި ސަރުކާރުން މިހާތަނަށް، ކުރަނގި އޮޕަރޭޝަންގެ ދަށުން 202،000 ބިދޭސީއެއްގެ މަޢުލޫމާތު ހޯދައި، ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން 9،697 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު