ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ފަހަތުގައި ހީލަތްތެރި ރޭވުމެއް އޮވެދާނެ ކަމަށާއި، އެކަމަށް ރައްޔިތުން ތާއީދުކުރުން ރަނގަޅު ނޫން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ޅ. ކުރެންދޫގައި އެމްޑީޕީގެ ހަރުގެ ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިޙް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބާއްވާނަމަ، ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވައި ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކު ޖަވާބުދާރީ ކުރެވޭނެ ގޮތެއް އޮންނަންޖެހޭނެ ކަމަށެވެ.

މިހާރު އޮންނަ ނިޒާމުގެ ދަށުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިވަކިން ބޭއްވި ނަމަވެސް، ރިޔާސީ އިންތިޚާބަށްފަހު ތިން މަސްދުވަސް ތެރޭގައި މަޖިލިސް އިންތިޚާބު އައުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ވެރިކަމަށް އަންނަ މީހަކު ނުފޫޒު ފޯރުވައި ބިރުދައްކައިގެން މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތް ކުރާތީ ކަމަށް ސޯލިޙް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ ރައީސް ޔާމީނާއި، އެމަނިކުފާނުގެ އަމިއްލަ ދައުރާއި، އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް އިންތިޚާބުވުމަށްފަހު ބޭއްވި މަޖިލިސް އިންތިޚާބުތަކުގައި ބޮޑު މެޖޯރިޓީއެއް ނަންގަވާފައިވާ ކަމެވެ.

"މީގެ ނަތީޖާއަކަށް މި ވަނީ ކީއްތޯ؟ އެހެންވީމާ އެއީވެސް ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުމެން އެބަޖެހޭ މީގައި ރަނގަޅު ވިސްނުމެއް ގެންގުޅެގެން ޙައްލެއް ހޯދަން،" ރައީސް ސޯލިޙް ވިދާޅުވިއެވެ.

ރައީސް ސޯލިޙް ހުށަހެޅުއްވީ ފަސް އަހަރުގެ ދައުރެއްގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްތައް މޮނިޓަރުކޮށް، ރައްޔިތުންގެ ވިސްނުން ހުރިގޮތް ބެލުމަށްޓަކައި ދެ އަހަރާއި ބައިން މަޖިލިސް އިންތިޚާބު ބޭއްވުމަށެވެ. ނުވަތަ ރިޔާސީ އިންތިޚާބާއެކު މަޖިލިސް އިންތިޚާބު ބާއްވާނަމަ، މަޖިލީހުގެ ދައުރު ދެ އަހަރާއި ބަޔަށް ކުރުކޮށް، ކޮންމެ ދެ އަހަރާއި ބަޔަކުން މަޖިލިސް އިންތިޚާބު ބޭއްވުމަކީ ވެރިމީހާ ޖަވާބުދާރީ ކުރެވޭނެ ގޮތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ގެންނަން އުޅޭ ބަދަލު , ދެ އިންތިހާބު އެއްކޮށްލުމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ސޯލިޙް ވިދާޅުވީ، މިއީ ހެޔޮ ނިޔަތެއްގައި ކުރާ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ ރައީސް މުޢިއްޒަކަށް އެއަށް އަޅުގަނޑުމެން ތާއީދުކުރާކަށެއް. މިއީ ހެޔޮ ނިޔަތެއްގައި ގެންނަ ވޯޓެއްނަމަ ރައްޔިތުންނާއި، ޖަމްއިއްޔާތަކާއި، ޤާނޫނީ ބޭފުޅުންނާއި އަދި ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރާނެ،" ރައީސް ސާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުންނާ ގުޅުންހުރި މިފަދަ ބޮޑު ކަމެއް މަޖިލީހުން ފަސް މިނެޓު ތެރޭގައި ފާސްކޮށްގެން ރައްޔިތުންނާ ހިސާބަށް ގެންނަނީ ކީއްވެގެންތޯ ވެސް ރައީސް ސޯލިޙް ސުވާލު އުފެއްދެވިއެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އެކު ބާއްވަން އުޅޭ ފެންނަނުފެންނަ ވޯޓުގެ ފަހަތުގައި ހީލަތްތެރި ރޭވުމެއް އޮވެދާނެތީ، އެކަމާ މެދު ރައްޔިތުން ފުންކޮށް ވިސްނުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމާއި ރައްޔިތުން ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ނިންމާފައެވެެ.



ކިޔުންތެރިންގެ ހިޔާލު