ޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ) ގެ ޞިއްޙީ ޙާލުކޮޅު ދެރަވެ، މިއަދު ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

ޝައިޚްގެ ޞިއްޙީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ "އެހީ" ޖަމިއްޔާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ދަރުސް ދެއްވުމަށް މާލެ ވަޑައިގަތުމަށްފަހު ޝައިޚްގެ ހުން ގަދަވެ، ޙާލުކޮޅު ދެރަވުމާ ގުޅިގެން އިތުރު ތަޙުލީލުތަކާއި ފަރުވާއަށް މިއަދު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

އެ ޖަމިއްޔާއިން އިތުރަށް ބުނެފައިވަނީ، ޝައިޚްގެ ޞިއްޙީ ޙާލަތާ ގުޅޭ ސީރިއަސް ބައެއް ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭތީ، އިތުރު ޓެސްޓުތަކެއް ހެދުމަށް ޑޮކްޓަރުން ނިންމާފައިވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ޝައިޚަށް ހެޔޮ ދުޢާކޮށްދެއްވުމަށް އެ ޖަމިއްޔާއިން އެންމެހައި ރައްޔިތުންގެ ކިބައިން އެދިފައިވެއެވެ.

ޝައިޚް ނައިފަރީ މާލެ ވަޑައިގެންނެވީ އަލްޢަޞްރު ޖަމިއްޔާއާއި އެޗް.ޑީ.ސީ ގުޅިގެން މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވި "ކަލަކުވޭ ބިރުވެތިވޭ" ދަރުސް ދެއްވުމަށެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ދަރުހަކީ ވަރަށް ކާމިޔާބު ދަރުހެކެވެ.

ޝެއިހް އިބްރާހިމް ވަނީ ލޮލުގެ ފަރުވާއަށް މީގެ ދެ މަހެއްހާދުވަސް ކުރިން، އާންމުންގެ އެހީތެރިކަމާއެކު ތައިލޭންޑަށް ވަޑައިގެން ފަރުވާ ހޯއްދަވަފާއެވެ. ހުޅުމާލޭގައި ބޭއްވި ދަރުސްދެއްވަން ޝެއިހް ވަޑައިގެންނެވީވެސް ސިއްހީ ހާލަތާ ގުޅިގެން ދުވަސްތަކެއްވަންދެން މަސައްކަތާ ދުރުގައި އުޅުއްވުމަށް ފަހުގައެވެ.

ޝައިޚް މުޙައްމަދު އިބްރާހީމަކީ މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ، ބޭފުޅެކެވެ. ދީނީ ޢިލްމު ފެތުރުއްވުމުގައި ނަމޫނާ ދައްކަވަމުންދާ ޝައިޚް ވަނީ ތަފާތު އެކި މައުޟޫޢުތަކަށް އަގުހުރި ގިނަ ފޮތްތަކެއް ލިޔުއްވާފައެވެ. އޭގެ ތެރޭގައި "ހިސްނުލް މުސްލިމް"، "ކިތާބުއްޞިޔާމު"، "ނަބީބޭކަލުންގެ ތަރިކަ"، "ތައުޙީދުގެ ޚުލާޞާ" އަދި "ކިތާބުއްޞަލާތު" ފަދަ މުހިންމު ފޮތްތައް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު