ކުޑަ ފިރިހެން ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 35 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފާޠިމަތު ރީމާ (35އ) ކިޔާ އަންހެނެއް ކަމަށެވެ. ނަމަވެސް، ތަހުގީގު ކުރިއަށްދާތީ އޭނާ ނިސްބަތްވާ ރަށާއި އެޑްރެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ، ފާޠިމަތު ރީމާ ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2025 ޑިސެމްބަރ 29 ވަނަ ދުވަހުއެވެ.

މި މައްސަލާގައި އަނިޔާ ލިބިފައިވަނީ 15 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކަށެވެ. ފުލުހުން ބުނީ އެ ކުއްޖާ ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް، ޖިންސީގޯނާ ކޮށްފައިވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ރީމާގެ މައްޗަށް ކުރެވޭ ކަމަށެވެ.

ފާޠިމަތު ރީމާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ މުއްދަތު ޖަހައިދީފައެވެ. އެގޮތުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ 2026 ފެބްރުއަރީ 28 ވަނަ ދުވަހަށެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން ގެންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު