ހައި ސްޕީޑް ފެރީގެ މަޝްރޫޢަކީ ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން ރައްޔިތުންގެ ބޭނުންތަކާއި އެންމެ ބޮޑަށް ގުޅިފައިވާ އެއް މަޝްރޫއުކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގައި ހައި ސްޕީޑް ފެރީ (އާރްޓީއެލް) ގެ ޚިދުމަތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދ. އަތޮޅާއި ފ. އަތޮޅުގައި އަލަށް ފެށިގެންދާ މި ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ގެންގުޅުއްވާ ތަސައްވަރު ހާމަވާ ކަމެއް ކަމަށެވެ. އަދި ހައި ސްޕީޑް ފެރީގެ މަޝްރޫޢަކީ ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން ރައްޔިތުންގެ ބޭނުންތަކާއި އެންމެ ބޮޑަށް ގުޅިފައިވާ އެއް މަޝްރޫއު ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު، މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މިކަމަށް އަލިއަޅުއްވާލައްވާފައިވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި އިތުރު ސަރަހައްދުތަކަށް މި ޚިދުމަތް ފުޅާވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޖަޒީރާ ރަށްތަކަކީ އެއްރަށް އަނެއްރަށާ ވަކިކޮށްދޭ ހުރަހަކަށް ވެގެންނުވާނެ ކަމަށާއި، އޭގެ ބަދަލުގައި އެއީ ގުޅުވައިދޭ މަގުތަކަކަށް ވާންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ސަރުކާރުގެ އަމާޒަކީ ހަމައެކަނި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުން ނޫން ކަމަށާއި، އަމާޒަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ރައްކާތެރި ނިޒާމެއް ޤާއިމްކުރުންކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. އަދި މި ޚިދުމަތަކީ ސަރުކާރުން ވަރަށް ބޮޑަށް ސަބްސިޑައިޒްކޮށްގެން ރައްޔިތުންނަށް ފޯރުކޮށްދޭ ލުއިފަސޭހަ ޚިދުމަތެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖޭގެ 12 އަތޮޅެއްގެ 123 ރަށެއްގައި މި ޚިދުމަތް ދެމުން އަންނައިރު، ދ. އަތޮޅާއެކު މިހާރު ވަނީ 13 އަތޮޅަކަށް އާރްޓީއެލްގެ ޚިދުމަތް ފުޅާވެފައެވެ.



ކިޔުންތެރިންގެ ހިޔާލު