ރަމަޟާން މަހަކީ އަމިއްލަ ނަފްސު ދީނީ އަދި ޤައުމީ އިންތަކުގެ މަތީގައި ތަރުބިއްޔަތުކުރާ މައްސަރަކަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެެވެ.

ރައީސް މުޢިއްޒު މިކަމަށް ގޮވާލެއްވީ 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބާތުގައި ދެއްވި ޚިތާބެއްގައެވެ.

ރައީސް މުޢިއްޒު ވަނީ ދިވެހި އެންމެހައި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް މި މައްސަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ރަމަޟާން މަހުގެ އިލާހީ މަޤްޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކީރިތި ޤުރްއާނުން އެނގޭގޮތުގައި މާތް ﷲ ރޯދަ ފަރުޟުކުރެއްވީ ތަޤުވާވެރިވުމަށްޓަކައި ކަމަށެވެ. އަދި މިއީ ކުށްފާފަތަކަށް އަރައިގަތުމަށް ބިރުވެތިވެ، އެކަންކަމުން ދުރުހެލިވުމަށާއި، ތެދުމަގުގައި ސާބިތުވެ ހެޔޮ ކަންކަންމަތީ ދެމިތިބުމަށް ލިބޭ ރަނގަޅު ފުރުޞަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ ޚިޠާބުގައި، މުޖުތަމަޢެއް އިޞްލާޙުކުރުމުގެ އެންމެ މުހިންމު ބިންގަލަކީ އަމިއްލަ ނަފްސު އިޞްލާޙުކުރުންކަން ހަނދާންކޮށްދެއްވިއެވެ. އިޖުތިމާޢީ ޢިލްމުވެރިންގެ ބަސްފުޅުތަކަށް ރިޢާޔަތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، އާއިލާއަކަށް ނުވަތަ ޤައުމަކަށް ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށް ވާންޖެހޭނީ އަމިއްލައަށް ކަމަށެވެ.

ދިވެހި މުޖުތަމަޢުން ފެންނަން އެދޭ ހެޔޮ ބަދަލުތަކުގެ ތަޞައްވުރު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ފަސްވަގުތު ނަމާދުކުރާ، ކުޑަކުދިންގެ ކަރާމާތް ރައްކާތެރިކުރާ އަދި ބޮޑެތި މީހުންނަށް އިޙްތިރާމުކުރާ މުޖުތަމަޢެއް ބޭނުންވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ، ޞިއްޙީ ގޮތުން ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނާ، އަދި އިސްލާމްދީނުގެ އަސްލުތަކަށް ޙުރުމަތްތެރިކޮށްހިތާ މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖޭގެ އަމާންކަމަށްޓަކައި، ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތަށްޓަކައި، އަދި ދުނިޔޭގެ ކުރިމަތީގައި ދިވެހީންގެ ޤަދަރު މަތިވެރިވުމަށްޓަކައި އަޅުގަނޑުމެން ހަރުދަނާ ބަޔަކަށް ވާންޖެހޭ،" ރައީސް ވިދާޅުވިއެވެ.

ރަމަޟާން މަހަކީ އަޚްލާޤީ ގޮތުންނާއި، ވަގުތަށް ކަމޭހިތުމުގެ ގޮތުން މަތިވެރި ފިލާވަޅުތަކެއް އުނގަންނައިދޭ "މުރުޝިދެއް" ކަމަށް ސިފަކުރައްވަމުން، ރައީސް ވަނީ މި މަހަކީ ހިތްވަރާއި ކެރުމާއި، ޢަޒުމާއި ޤުރުބާނީގެ މާނަތައް ދަސްކޮށްދޭ މަހެއްކަން ހަނދާންކޮށްދެއްވާފައެވެ. އަދި ރޯދަވީއްލުމާއި ހާރުދަން ފަދަ އިޖުތިމާޢީ ބައްދަލުވުންތަކަކީ އާއިލީ ގުޅުންތަކާއި ދޭދޭ ކުލުނު އިތުރުކޮށްދޭ މަދަރުސާތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ޚިޠާބު ނިންމަވާލައްވަމުން ރައީސް ވަނީ، މި އަހަރުގެ ރަމަޟާން މަހަކީ ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، ކޮންމެ މީހަކުވެސް އަމިއްލަ ނަފްސު ދީނީ އަދި ޤައުމީ އިންތަކުގެ މަތީގައި ތަރުބިއްޔަތުކުރާ މައްސަރަކަށް ހެދުމަށް މުޅި ދިވެހި އުންމަތަށް އިލްތިމާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު